މިދިޔަ އޮގަސްޓު މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް އާމްދަނީގެ ގޮތުގައި 288 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ އޮގަސްޓުމަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި އޮގަސްޓް މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2020 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 63 އިންސައްތަ ވަނީ އިތުރުވެފައެވެ. 2020 ވަނަ އަހަރުގެ އޮގަސްޓް މަހު ދިވެހިރާއްޖެއަށް 2.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު މި އަދަދުވަނީ 3.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
މީގެ އިތުރުން މިއަހަރު ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ އެފްއޯބީ އަގު 60 އިންސައްތަ ދަށްވެފައިވާކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. 2020 ވަނަ އަހަރުގެ އޮގަސްޓު މަހު ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ އެފްއޯބީ އަގު 675 މިލިއަން ރުފިޔާގައި ހުރި އިރު މިއަހަރު މި އަދަދު ވަނީ 270 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.
މިއަހަރުގެ އޮގަސްޓު މަހު ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ އެފްއޯބީ އަގު ދަށްވިނަމަވެސް، މިއަހަރު ދައުލަތަށް ލިބުނު އާމްދަނީ 182 އިންސައްތަ އިތުރުވެފައިވާކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. 2020 ވަނަ އަހަރުގެ އޮގަސްޓު މަހު އިމްޕޯޓު އެކްސްޕޯޓުން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 102 މިލިއަން ރުފިޔާ ކަމަށާއި، މިއަހަރުގެ އޮގަސްޓު މަހު 288 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.
ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އިންޑިއާ، ޗައިނާ އަދި ޔޫއޭއީންނެވެ. ފާއިތުވި މަހު ރާއްޖެއިން އެންމެ ގިނަ މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑް، އިނގިރޭސިވިލާތް އަދި ޖަރުމަނުވިލާތަށެވެ.
މީގެ އިތުރުން ޖުލައި މަހު ރާއްޖެއަށް ޕްރޮސެސްކުރެވުނު ޑިކްލަރޭޝަންގެ އަދަދު ވަނީ 2020 ވަނަ އަހަރުގެ އޮގަސްޓު މަހާ އަޅާ ބަލާއިރު އިތުރުވެފައެވެ. 2020 ވަނަ އަހަރުގެ އޮގަސްޓު މަހު މިއަދަދު 9،111 ގައި ހުރިއިރު، މިއަހަރުގެ އޮގަސްޓު މަހު މި އަދަދު ވަނީ 16،248 އަށް އަރާފައެވެ. މިދިޔަ އަހަރު ރާއްޖެއިން ބޭރުން އައިސްފައިވާ 146 އުޅަނދަކަށް ކްލިއަރެންސް ދީފައިވާއިރު، މިއަހަރު މި އަދަދު ވަނީ 111 އަށް ދަށްވެފައެވެ. އަދި ރާއްޖެއިން ފުރާފައިވާ އުޅަނދުތަކަށް ކްލިއަރެންސް ދެވުނު އަދަދު ހުރީ ފާއިތުވި އަހަރާ އެއްވަރެއްގައެވެ. މިއަހަރު ވެސް ކްލިއަރެންސް ދީފައިވަނީ ރާއްޖެއިން ފުރާފައިވާ 168 އުޅަނދަކަށެވެ.