ރ. އަލިފުށީ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްއާ ހިއްސާކުރައްވައިފިއެވެ.
ރައީސް ޞާލިހު ރ. އަލިފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު ބުދަ ދުވަހުގެ ރޭ އެ ރަށުގައިިި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ސަރުކާރުން އަލިފުށީގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ވަރަށް ބާރު ސްޕީޑުގައި ކުރިޔަށްދާކަމަށާއި، އަލިފުށީގެ ތާރީޚުގައި ވެސް މިހާ ގިނަ މަޝްރޫއު މީގެކުރިން ކުރިޔަށް ގޮސްފައި ނުވާކަން ކައުންސިލުން ފާހަގަކުރެެއްވިއެވެ.
އަލިފުށީ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގައި ގެދޮރު އެޅުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށާއި، އަލިފުށީ ހޮސްޕިޓަލްގެ މަސައްކަތް ލަސްވާތީ ހުރި ކަންބޮޑުވުންތަކުގެ އިތުރުން އަލިފުށީގައި ކޮމިއުނިޓީ ސެންޓަރެއް ގާއިމުކުރުމުގެ މުހިންމުގެ ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި މަޝްވަރާކުރައްވާފައިވެއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ މަސައްކަތްކުރާނެ އޮފީހެއް ނެތުމުން ދިމާވާ ދަތިތައް ރައީސްއާ ހިއްސާކުރައްވާފައެެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އަލިފުށީގައި ކުރިޔަށްގެންދަވާ މަޝްރޫއުތަކާ ބެހޭ ފަހުގެ މައުލޫމާތުތައް އެބޭފުޅުންނާ ހިއްސާކުރައްވާފައެވެ.
އެގޮތުން އެމަނިކުފާނު ވަނީ އަލިފުށީގައި މިޑް ރޭންޖްގެ 30 އެނދުގެ ހޮސްޕިޓަލެއް ގާއިމުކުރުމަށް ނިންމަވާފައިވާ ކަމަށާއި، ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ހިންގާ އެކިއެކި ލޯނު ސްކީމާ ބެހޭ މައުލޫމާތު ކައުންސިލާ ހިއްސާކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާ އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މުސާރަ އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި، އެ ކޮމިޓީއިން ހުށަހަޅާފައިވާ ކަންކަމުގައި ސަރުކާރުން ކޮށްދެވެން އޮތްކަންކަމަކީ ކޮބައިތޯ ބައްލަވައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.