ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓިވެޓް ސެންޓަރުތައް ޤާއިމުކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ ރ. އަލިފުށީގައި ޖޮބް ސެންޓަރުގެ ޚިދުމަތް އިފްތިތާޙު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސެންޓަރު އެންމެ ފުރަތަމަ ޤާއިމުކުރެވިގެންދާނީ ރ. އަލިފުށީގައި ކަމަށެވެ. ރާއްޖޭގައި ވަޒީފާ ބޭނުންވާ ވަރަށް ގިނަ އަދަދެއްގެ ޒުވާނުން އެބަތިބި ކަމަށާއި, ސަރުކާރުގެ އަމާޒަކީ ވަޒީފާ ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދީ، ކޮންމެ ރަށެއްގައި ޑެސްކެއް ބެހެއްޓުން ކަަމަަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެކަން ފަށައިގަތުމުން، ވަޒީފާތައް ބޭނުންވާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތުން ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ކުރަން ޖެހޭއިރު، އެއަށްފަހު ޝޯޓްލިސްޓްކޮށް ވަޒީފާ ދެވިގެންދާނެއެވެ.
ރައީސް އިތުރަށް ވިދާޅުވީ ވަޒީފާއަށް ކުރިމަތިލުމާއި ވަޒީފާ ދޭ ފަރާތާ ދެމެދުގައި ހުސްކަމެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. މި ޚިދުމަތުގެ ސަބަބުން އެކަންތައްތައް ހައްލުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ވަޒީފާ އަދާކުރާ ބޭރު މީހުން ރާއްޖެއަށް ގެނައުން މަދުކުރުން ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ 2018 ވަނަ އަހަރު 56،000 މީހުންނަށް ވަރކްޕާމިޓް ދޫކޮށްފައިވާއިރު އޭގެ ތެރެއިން 51،000 މީހުން ރާއްޖެއަށް ވަޒީފާ އަދާކުރުމަށް އައިސްފައިވާ ކަމަށާއި މިއަހަރު މި އަދަދު މަދު ކުރެވިފައިވާ ކަމަށެވެ. އަދި 8،500 މީހުންނަށް ހުއްދަ ދީފައިވާ ކަަމަށާއި އެހެން އަހަރުތަކާއި އަޅާބަލާއިރު މި އަދަދު ކުޑަކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމާއެކު ސަރުކާރުން ބޭނުންވާ ނަތީޖާ މަޑުމަޑުން ފެންނަމުންދާ ކަަމަށް ރައީސް ވިދާޅުވިއެވެ.
ވަޒީފާތަކަށް މީހުން ތައްޔާރު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭކަމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ 213 ފަރާތަކަށް އެ ފުރުސަތު ފަހިކޮށްދީފައިވާނެ ކަމަށެވެ. އަދި ވަޒީފާ ބޭނުންވެފައި ތިބި މީހުންނަށް ވަޒީފާ ހޯދައިދޭނެ ކަމަށާއި, މި ސަރުކާރުން 2400 ކުދިން ތަމްރީނު ކުރުމުގެ މަަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 2500 ރުފިޔާ ވެސް ޕޮކެޓް މަނީގެ ގޮތުގައި ދެމުންދާ ކަމަށާއި ޒުވާނުން މުޖުތަމަޢުއަށް ބޭނުން ހިފޭ ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ.
މި ފެށި މަސައްކަތުގެ ސަބަބުން ވަޒީފާ ބޭނުންވެފައި ތިބި ޒުވާނުންނަށް އެކަން ފަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި މީހުން ބޭނުންވާ ދާއިރާތައް ބަލައި ޓްރެއިން ކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޖޮބް ސެންޓަރުގެ ޚިދުމަތް އިފްތިތާޙު ކުރުމުގެ އިތުރުން މޮބައިލް އެޕްލިކޭޝަނެއް ވެސް ވަނީ ލޯންޗުކޮށްފައެވެ. މި އެޕްލިކޭޝަން ބޭނުންކޮށްގެން ބޭނުން ވަޒީފާއަކަށް އެޕްލައިކޮށް، ސީވީ އަޕްޓޭޑްކޮށް، އިންޓަވިއުތައް ހަމަޖެހުމުން އެކަން ނޮޓިފިކޭޝަނަކުން ލިބޭނެއެވެ.