ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި އަންގާރަ ދުވަހުގެރޭ ތުރުކީ ބަލިކޮށް ގްރޫޕް ޖީގެ އެއްވަނައަށް ނެދަލެންޑްސް ޖެހިލައިފިއެވެ.
އަމިއްލަ ގައުމުގައި ކުޅުނު މެޗުން ނެދަލެންޑްސް މޮޅުވީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ނެދަލެންޑްސްއިން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި މެމްފިސް ޑިޕާއި ދިން ބޯޅައަކުން ޑޭވީ ކްލާސެން ވަނީ ނެދަލެންޑްސްއަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 16 ވަނަ މިނެޓުގައި ޑިޕާއި ނެދަލެންޑްސްއަށް ލީޑު ފުޅާކޮށްދިންއިރު، އެ ޓީމުގެ ތިންވަނަ ލަނޑު މެޗުގެ 38 ވަނަ މިނިޓްގައި ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޑިޕާއިއެވެ.
އަދި މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ތުރުކީގެ ޑިފެންޑަރު ޝަލްގާ ސޮޔުންޗޫއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުން، އެ ގައުމަށް ވަނީ މި މެޗުގައި އިތުރު މައްސަލަތަކެއް ކުރިމަތިވެފައެވެ.
އެއާއެކު މެޗުގެ ދެވަނަ ހާފު ތުރުކީން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނުއިރު، މި ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި ޑިޕާއި ވަނީ ލަނޑެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ ނެދަލެންޑްސް ޖާޒީގައި ޑިޕާއި ހެދި ފުރަތަމަ ހެޓްރިކެވެ.
އޭގެ ފަހުން މެޗުގެ 80 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި ގޫސް ޓިލް ނެދަލެންޑްސްގެ ފަސްވަނަ ލަނޑު ޖަހައިދިންއިރު، އެ ގައުމުގެ ހަވަނަ ލަނޑު މެޗުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ޑޮންޔެލް މާލެންއެވެ. މި މެޗުގައި ތުރުކީން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ޗެންގިޒް އުންޑެއާއެވެ.
މި މޮޅާ އެކު ނެދަލެންޑްސް ވަނީ ކޮލިފައިން ގްރޫޕް ޖީގެ އެއްވަނައަށް ކުރިއަށް ޖެހިލާފައެވެ. އެ ގައުމަށް ކުޅުނު ހަ މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ނޯވޭއަށްވެސް ވަނީ ހަ މެޗުން 13 ޕޮއިންޓް ލިބިފައެވެ. ކޮލިފައިންގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ނޯވޭ ވަނީ އާލިން ބްރައުޓް ހާލަންޑުގެ ހެޓްރިކާއެކު ގިބްރޯލްޓާ އަތުން 5-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މީގެ އިތުރުން މި ގްރޫޕުގެ ތިންވަނައަށް ވެއްޓުނު ތުރުކީއަށް ހަ މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ.