ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ 386،253 އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ އާދިއްތަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 398 މީހުން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 179 މީހުންނާއި، އަތޮޅުތެރެއިން ވެކްސިން ޖެހި 219 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ 386،253 އަށް އަރާފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
އެޗްޕީއޭއިން ބުނީ އާދިއްތަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވަނީ 298 މީހުން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ފުރިހަމަކުރި 127 މީހުންނާއި، އަތޮޅުތެރެެއިން ވެކްސިން ފުރިހަމަކުރި 171 މީހުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މިއާއެކު ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ވަނީ 303،965 އަށް އަރާފައެވެ.
ވެކްސިން ނުޖަހާ މީހުން ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް ސަރުކާރުން ގެންދަނީ ގޮވާލަމުންނެވެ. އެގޮތުން އާބާދިގެ ގިނަ ބަޔަކު ވެކްސިންޖަހާ ނިންމުމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރުން މިހާރު ވެކްސިނޭޝަން ޕްރޮގްރާމެއް ވެސް ކުރިއަށްގެންދެއެވެ. މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޮފާރމް އާއި އެސްޓްރާޒެނަކާ ވެކްސިން ޖަހަމުން އަންނައިރު، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށާއި އެޗްޕީއޭއިން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީތަކުގެ މީހުންނަށް މިހާރުވަނީ ފައިޒާ ވެކްސިންދޭން ފަށާފައެވެ.
މި ފަހުން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ވެކްސިން ޖެހޭ އާބާދީގެ ތެރެއިން 18 އަހަރުން މަތީގެ 30 ހާސް މީހުން ވެކްސިން ނުޖަހާ އެބަތިބި ކަމަށެވެ. ވެކްސިން ނުޖަހާ މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.