ކ. މާލެ
|
6 ސެޕްޓެންބަރ 2021 | ހޯމަ 16:11
ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު
ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު
ގެޓީ އިމޭޖަސް
ސަލާހުގެ އެއްބަސްވުން އާކުރުން
އެއްބަސްވުން އާކުރަން ސަލާހު ބޭނުންވަނީ ބޮޑު މުސާރައަކަށް
 
ހަފުތާއަކު ފަސް ލައްކަ ޕައުންޑް ދޭން ވަނީ ޑިމާންޑުކޮށްފައި
 
ސަލާހުގެ އެއްބަސްވުން ހަމަވާނީ 2023 ގެ ހޫނު މޫސުމުގައި

ލިވަޕޫލާއެކު ހަދާފައި އޮތް އެއްބަސްވުން އާކުރަން މިސްރުގެ ތަޖުރިބާކާރު ފޯވާޑް މުހައްމަދު ސަލާހު ބޭނުންވަނީ ބޮޑު މުސާރައަކަށް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ލިވަޕޫލުން އުމުރުން 29 އަހަރުގެ ސަލާހު ގަތީ 2017 ވަނަ އަހަރުގެ ޖޫން މަހު ރޯމާއަށް 35 މިލިޔަން ޕައުންޑް ދެއްކުމަށްފަހުއެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ސަލާހު ލިވަޕޫލުގެ އެއްބަސްވުން އާކުރިއިރު، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ.

ލިވަޕޫލުން ސަލާހުގެ އެއްބަސްވުން އާކުރުމުގެ މަޝްވަރާތައް ކުރިއަށްގެންދާއިރު، އޭނާ މި ވަގުތު ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން މުސާރައިގެ ގޮތުގައި ހަފުތާއަކު ދެ ލައްކަ ޕައުންޑް ލިބެއެވެ. އެކަމަކު އައު އެއްބަސްވުމުގައި ސޮއިކުރަން ސަލާހު ބޭނުންވަނީ މުސާރަ ބޮޑުކުރުމުން ކަމަށާއި، އެގޮތުން ހަފުތާއަކު ފަސް ލައްކަ ޕައުންޑުގެ މުސާރައެއް ދޭން ސަލާހު ޑިމާންޑުކޮށްފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ސަލާހު ޑިމާންޑުކޮށްފައިވާ މުސާރާ އޭނާއަށް ދޭން ލިވަޕޫލުން އެއްބަސްވެއްޖެނަމަ، ސަލާހު ވެގެންދާނީ ލިވަޕޫލުގެ ތާރީޚުގައި ކުޅުންތެރިއަކަށް އެންމެ ބޮޑު މުސާރައެއް ދޭނެ ކުޅުންތެރިޔާއަށެވެ. ސަލާހުގެ އެއްބަސްވުން އާކުރަން ލިވަޕޫލުން މަސައްކަތް ކުރަމުން އަންނައިރު، އޭނާ ހޯދަން ރެއާލް މެޑްރިޑާއި ޕީއެސްޖީން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލިވަޕޫލަށް ބަދަލުވެ ސަލާހު ގިނަ ރިކޯޑުތަކެއް މުގުރާލާފައިވާއިރު، އޭނާ ވަނީ މިހާތަނަށް ލިވަޕޫލަށް ކުޅެދިން 206 މެޗުގައި 127 ލަނޑު ޖަހާފައެވެ. އަދި މި ފަހުން ލިވަޕޫލުން ހޯދި ކާމިޔާބީތަކުގައި ސަލާހު ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ސަލާހު ވަނީ ލިވަޕޫލާއެކު އިނގިރޭސި ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕުގެ އިތުރުން ފީފާ ކުލަބު ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައެވެ.

ލިވަޕޫލުން ސަލާހުގެ އެއްބަސްވުން އާކުރުމުގެ މަސައްކަތްކުރަމުން އަންނައިރު، އެ ޓީމަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ތަރި ޓްރެންޓް އަލެކްސަންޑަ-އާނޯލްޑާއި، ބްރެޒިލުގެ މިޑްފީލްޑަރު ފަބީނިއޯ އާއި، ބްރެޒިލުގެ ތަޖުރިބާކާރު ގޯލްކީޕަރު އެލިސަން ބެކާ އާއި، ނެދަލެންޑްސްގެ އިތުބާރު ޑިފެންޑަރު ވާޖިލް ވެން ޑައިކާއި، ސްކޮޓްލެންޑުގެ ޑިފެންޑަރު އެންޑީ ރޮބަޓްސަން އަދި އެ ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން ވަނީ ދާދި ފަހުން އެއްބަސްވުން ދިގު މުއްދަތަކަށް އާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް