ކ. މާލެ
|
6 ސެޕްޓެންބަރ 2021 | ހޯމަ 02:57
ސްވިޓްޒަލެންޑާއި އިޓަލީ ބައްދަލުކުރި މެޗުގެ ތެރެއިން
ސްވިޓްޒަލެންޑާއި އިޓަލީ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ވޯލްޑް ކަޕް - ޔޫރަޕް ކޮލިފައިން
އިޓަލީއަށް ރިކޯޑެއް، އިންގްލެންޑާއި ސްޕެއިނަށް ފަސޭހަ މޮޅެއް
 
އިޓަލީން ވަނީ ޖެހިޖެހިގެން ބަލިނުވެ 36 މެޗު ހަމަކޮށްފައި
 
އެންޑޯރާ އަތުން އިންގްލެންޑް މޮޅުވީ 4-0 ގެ ނަތީޖާއަކުން
 
ޖޯޖިއާ އަތުން ސްޕެއިން މޮޅުވީ 4-0 ގެ ނަތީޖާއަކުން

ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ސްވިޓްޒަލެންޑާ އެއްވަރުކޮށް އިޓަލީން ރިކޯޑެއް ހަދައިފިއެވެ.

ސްވިޓްޒަލެންޑުގައި ކުޅުނު މި މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަށް ލަނޑެއް ނުޖެހިއެވެ.

މި ފަހަރުގެ ކޮލިފައިންގައި އިޓަލީގެ ސައްތައިން ސައްތަ ރިކޯޑަށް ނިމުން އައި ނަމަވެސް، އެ ޓީމުން ވަނީ އާދީއްތަ ދުވަހުގެރޭގެ ނަތީޖާއާއެކު ބައިނަލްއަގުވާމީ މެޗުތަކުގައި ޖެހިޖެހިގެން ބަލިނުވެ 36 މެޗު ހަމަކޮށް، ސްޕެއިނާއި ބްރެޒިލުގެ ރިކޯޑު މުގުރާލާފައެވެ. އިޓަލީ އެންމެ ފަހުން މެޗަކުން ބަލިވީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު ޔުއެފާ ނޭޝަންސް ލީގުގައި ޕޯޗުގަލާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން އިޓަލީ އެއްވަރުވިއިރު، މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ލީޑު ނަގަން އިޓަލީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މިއީ އޭރިއާ ތެރެއިން އިޓަލީގެ ޑޮމެނިކޯ ބެރާޑީއަށް ސްވިޓްޒަލެންޑުގެ ރިކާޑޯ ރޮޑްރިގޭޒް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު އިޓަލީގެ ޖޯޖީނިއޯ ފޮނުވާލި ޕެނަލްޓީ ސްވިޓްޒަލެންޑުގެ ގޯލްކީޕަރު ޔަން ސޮމާ ވަނީ ހުއްޓުވާފައެވެ.

މި މެޗުން އިޓަލީ އެއްވަރުވިއިރު، ކޮލިފައިންގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުންވެސް އެ ގައުމު ވަނީ އެއްވަރުވެފައެވެ. އެގޮތުން އަމިއްލަ ދަނޑުގައި ބަލްގޭރިއާއާ ދެކޮޅަށް އިޓަލީން ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާތަކާއެކުވެސް އިޓަލީ އޮތީ ގްރޫޕް ސީގެ އެއްވަނައިގައި ކުޅުނު ފަސް މެޗުން ލިބުނު 11 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ސްވިޓްޒަލެންޑަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ބަލްގޭރިއާއަށް ފަސް މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ.

އިންގްލެންޑާއި އެންޑޯރާ ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

މީގެ އިތުރުން ކޮލިފައިންގެ ގްރޫޕް އައިގައި ހިމެނޭ އިންގްލެންޑް މޮޅުވީ އެންޑޯރާ އަތުން 4-0 ގެ ނަތީޖާއަކުންނެވެ.

އިންގްލެންޑުގައި ކުޅުނު މި މެޗުގެ 18 ވަނަ މިނެޓުގައި އެ ގައުމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ޖެސޭ ލިންގާޑެވެ. މިއީ 2018 ވަނަ އަހަރު ފަހުން އިންގްލެންޑުގައި ޖާޒީގައި ލިންގާޑް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އޭގެ ފަހުން މެޗުގެ 72 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކެޕްޓަން ހެރީ ކޭން އިންގްލެންޑަށް ލީޑު ފުޅާކޮށްދިންއިރު، އޭގެ ހަ މިނެޓު ފަހުން ލިންގާޑް ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. ދެން މި މެޗުގައި އިންގްލެންޑުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ބުކަޔޯ ސަކާއެވެ.

މި މޮޅާއެކު ގްރޫޕް އައިގެ އެއްވަނައިގައި އިންގްލެންޑް އޮތީ ކުޅުނު ފަސް މެޗުންވެސް މޮޅުވެ ލިބުނު 15 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ޕޮލެންޑަށް ފަސް މެޗުން ވަނީ 10 ޕޮއިންޓް ލިބިފައެވެ. ކޮލިފައިންގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ޕޮލެންޑް ވަނީ ސެން މެރީނޯ އަތުން 7-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ސްޕެއިނާއި ޖޯޖިއާ ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

މީގެ އިތުރުން ކޮލިފައިންގެ ގްރޫޕް ބީގައި ހިމެނޭ ސްޕެއިން މޮޅުވީ ޖޯޖިއާ އަތުން 4-0 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ގައުމުގައި ކުޅުނު މެޗުގައި ސްޕެއިނުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 14 ވަނަ މިނެޓުގައި ހޯސޭ ގަޔާ ވަނީ އެ ގައުމަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 25 ވަނަ މިނެޓުގައި ކާލޯސް ސޮލާ ސްޕެއިނުގެ ލީޑު ފުޅާކޮށްދިންއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ފެރާން ޓޮރޭސް ވަނީ އެ ގައުމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ދެން މި މެޗުގައި ސްޕެއިނުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ޕަބްލޯ ސަރާބިއާއެވެ.

މި މޮޅާއެކު ގްރޫޕް ބީގެ އެއްވަނައިގައި ސްޕެއިން އޮތީ ކުޅުނު ފަސް މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ސްވިޑެންއަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ކޮސޯވޯއަށް ހަތަރު މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި އާދީއްތަ ދުވަހުގެރޭ ދެން ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު، ގްރޫޕް އީގައި ހިމެނޭ ބެލްޖިއަމް ވަނީ ޗެކް ރިޕަބްލިކް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ގްރޫޕް ޖޭގައި ހިމެނޭ ޖަރުމަން މޮޅުވީ އާމީނިއާ އަތުން 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް