ކ. މާލެ
|
6 ސެޕްޓެންބަރ 2021 | ހޯމަ 01:55
ބްރެޒިލާއި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން ސިއްހީ އޮފިޝަލުން ދަނޑުމަތީގައި
ބްރެޒިލާއި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން ސިއްހީ އޮފިޝަލުން ދަނޑުމަތީގައި
ގެޓީ އިމޭޖަސް
ވޯލްޑް ކަޕް - ދެކުނު އެމެރިކާ ކޮލިފައިން
ސިއްހީ އޮފިޝަލުން ދަނޑަށް އަރައި ބްރެޒިލާއި އާޖެންޓީނާގެ މެޗު ހުއްޓުވައިފި
 
އާޖެންޓީނާގެ ހަތަރު ކުޅުންތެރިއަކު ވަނީ ކަރަންޓީން އުސޫލާ ޚިލާފުވެފައި
 
މެޗު ސަސްޕެންޑްކުރިއިރު، މެޗާ މެދު ދެން ގޮތެއް ނިންމާނީ ފީފާއިން

ސިއްހީ އޮފިޝަލުންނާއި ފުލުހުން ދަނޑަށް އަރައި ފީފާ ވޯލްޑް ކަޕުގެ ދެކުނު އެމެރިކާ ކޮލިފައިންގައި ބްރެޒިލާއި އާޖެންޓީނާ ބައްދަލުކުރި މެޗު ހުއްޓުވައިފިއެވެ.

އާދީއްތަ ދުވަހުގެރޭ ބްރެޒިލުގައި ކުޅުނު މި މެޗު ފެށިތާ ފަސް މިނެޓު ތެރޭ އޮފިޝަލުން ވަނީ ދަނޑަށް އަރާފައެވެ. ފުލުހުންނާއެކު އެ އޮފިޝަލުން ދަނޑަށް އެރީ މެޗަށް ނުކުތް އާޖެންޓީނާ ޓީމުގައި ބްރެޒިލުގެ ކަރަންޓީން އުސޫލާ ޚިލާފުވެފައިވާ ހަތަރު ކުޅުންތެރިއަކު ހިމެނުމުންނެވެ.

އެ ކުޅުންތެރިންނަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ ޖިއޮވާނީ ލޮ ސެލްސޯ އާއި، ކްރިސްޓިއަން ރޮމޭރޯ އަދި އެސްޓަން ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް އަދި އެމީ ބުއެންޑީއާއެވެ. މީގެ ތެރެއިން ލޮ ސެލްސޯ އާއި، ރޮމޭރޯ އަދި މާޓީނޭޒް ވަނީ އާޖެންޓީނާގެ ފުރަތަމަ އެގާރައިގައި ހިމަނާފައެވެ.

ބްރެޒިލުން ކަނޑައަޅާފައިވާ ރެޑް ލިސްޓުގައި އިންގްލެންޑް ހިމެނޭއިރު، އިންގްލެންޑުން ދަތުރެއް ފަށައި 14 ދުވަސްނުވާ މީހަކު ބްރެޒިލަށް އައިސްފިނަމަ، އެ ގައުމުގައި ވަކި މުއްދަތެއްގެ ކަރަންޓީން ވާން ޖެހެއެވެ. އެހެންކަމުން ބްރެޒިލުގެ ސިއްހީ އޮފިޝަލުން ވަނީ އާޖެންޓީނާގެ ހަތަރު ކުޅުންތެރިން ބްރެޒިލުގެ ސިއްހީ ގަވާއިދުތަކާ ޚިލާފުވި ކަމަށް ނިންމާފައެވެ.

ސިއްހީ އޮފިޝަލުން ދަނޑަށް އަރައި މެޗު ހުއްޓުވިއިރު، ކަރަންޓީނާ އުސޫލާ ޚިލާފުވި ކުޅުންތެރިން ޓީމާ އެކަހެރިކޮށް، އާޖެންޓީނާ މުޅި ޓީމު ވަނީ ދަނޑުން ފާބާފައެވެ. އަދި އެއަށްފަހު މެޗު ކުރިއަށްގެންދެވޭތޯ ދެ ޓީމުގެ ކޯޗުންނާއި އޮފިޝަލުން މަޝްވަރާކުރި ނަމަވެސް، ފަހުން ވަނީ މެޗު ސަސްޕެންޑް ކުރަން ނިންމާފައެވެ.

ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މެޗުގައި މި ހިނގާދިޔަ ކަންތައްތަކާ ބެހޭގޮތުން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީއަށް މެޗު ކޮމިޝަނަރާއި ރެފުރީ ރިޕޯޓެއް ހުށަހަޅާނެ ކަމަށާއި، ދެން ކުރިއަށްދާނެ ގޮތެއް ނިންމާނީ އެ އިދާރާއިން ކަމަށެވެ. އެހެންކަމުން މެޗު ސަސްޕެންޑްކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އާޖެންޓީނާ ޓީމުގައި އިންގްލެންޑުން އައި ހަތަރު ކުޅުންތެރިއަކު ތިބި ނަމަވެސް، މި މެޗާ ކުރިމަތިލި ބްރެޒިލް ޓީމުގައި އިންގްލެންޑުގައި ކުޅޭ ނުވަ ކުޅުންތެރިއަކު ހިމަނާފައެއް ނުވެއެވެ. އެކަމަކު މި މެޗު ކުޅުމަށް މީގެ ދެ ދުވަހެއް ކުރިން ވެނެޒުއޭލާއިން އާޖެންޓީނާ ޓީމު ބްރެޒިލަށް އައިސް ސިއްހީ އުސޫލުތަކާ އެއްގޮތަށް ހޮޓަލެއްގައި ތިބިއިރު، މި މެޗު ކުޅެން ފެށި ފަހުން ސިއްހީ އޮފިޝަލުން މެޗު ހުއްޓުވުމުން އާޖެންޓީނާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް