ކ. މާލެ
|
5 ސެޕްޓެންބަރ 2021 | އާދީއްތަ 10:41
ޔޫކްރޭނާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން
ޔޫކްރޭނާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ވޯލްޑް ކަޕް - ޔޫރަޕް ކޮލިފައިން
ފްރާންސް އެއްވަރު، ނެދަލެންޑްސްއަށް ފަސޭހަ މޮޅެއް
 
ޔޫކްރޭނާއި ފްރާންސްގެ މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުން
 
މޮންޓެނީގްރޯ އަތުން ނެދަލެންޑްސް މޮޅުވީ 4-0 ގެ ނަތީޖާއަކުން

ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ހޮނިހިރު ދުވަހުގެރޭ ޔޫކްރޭނާއި ފްރާންސް ބައްދަލުކުރި މެޗު އެއްވަރުވިއިރު، މޮންޓެނީގްރޯ އަތުން ފަސޭހަކަމާއެކު ނެދަލެންޑްސް މޮޅުވެއްޖެއެވެ.

ގްރޫޕް ޑީގައި ހިމެނޭ ޔޫކްރޭނާއި ފްރާންސް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ޔޫކްރޭނުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީވެސް އެ ގައުމުންނެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ މިކޯލާ ޝަޕަރެންކޯއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ފްރާންސުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ އެންތަނީ މާޝިއަލެވެ. މިއީ 2016 ވަނަ އަހަރު ފަހުން މާޝިއަލް ފްރާންސަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މި މެޗުން ފްރާންސް އެއްވަރުވިއިރު، ކޮލިފައިންގައި އެންމެ ފަހުން ބުދަ ދުވަހުގެރޭ ކުޅުނު މެޗުންވެސް އެ ގައުމު ވަނީ ބޮސްނިއާއާ ބައްދަލުކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެއާއެކު އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް ފްރާންސަށް މޮޅެއް ހޯދިފައެއް ނުވެއެވެ.

މި ނަތީޖާތަކާއެކުވެސް ގްރޫޕް ޑީގެ އެއްވަނައިގައި ފްރާންސް އޮތީ ކުޅުނު ފަސް މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތީ ތިން މެޗުން ފަސް ޕޮއިންޓް ހޯދާފައިވާ ފިންލެންޑެވެ. އަދި ތިންވަނައިގައި އޮތް ޔޫކްރޭނަށް ވަނީ ފަސް މެޗުން ފަސް ޕޮއިންޓް ލިބިފައެވެ.

ނެދަލެންޑްސް އާއި މޮންޓެނީގްރޯ ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

މީގެ އިތުރުން ކޮލިފައިންގެ ގްރޫޕް ޖީގައި ހިމެނޭ ނެދަލެންޑްސް މޮޅުވީ މޮންޓެނީގްރޯ އަތުން ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.

ނެދަލެންޑްސްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެ ގައުމުން ލީޑު ނެގިއިރު، ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ މެމްފިސް ޑިޕާއިއެވެ. އަދި މެޗުގެ 62 ވަނަ މިނެޓުގައި ޑިޕާއި ވަނީ އިތުރު ލަނޑެއް ޖަހައި ނެދަލެންޑްސްގެ ލީޑު ފުޅާކޮށްދީފައެވެ. އޭގެ ފަހުން މެޗުގެ 70 ވަނަ މިނެޓުގައި ޖިއޮޖީނިއޯ ވައިނަލްޑަމް ނެދަލެންޑްސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، އެ ގައުމުގެ ހަތަރުވަނަ ލަނޑު އޭގެ ހަ މިނެޓު ފަހުން ކާމިޔާބުކޮށްދިނީ ކޯޑީ ގަކްޕޯއެވެ.

މި މެޗުގައި ޑިޕާއި ދެ ލަނޑު ޖެހިއިރު، އޭނާ މިހާރު ވަނީ ގައުމީ ޓީމަށް 30 ލަނޑު ހަމަކޮށްފައެވެ. އަދި މި މެޗަކީ ތިންވަނަ ފަހަރަށް ނެދަލެންޑްސްގެ ކޯޗުގެ މަގާމާ ލުއީ ވެން ހާލް ހަވާލުވި ފަހުން އެ ގައުމު މޮޅުވި ފުރަތަމަ މެޗެވެ.

މި މޮޅާއެކުވެސް ނެދަލެންޑްސް އޮތީ ގްރޫޕް ޖީގެ ދެވަނައިގައި ފަސް މެޗުން 10 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް ނޯވޭއަށްވެސް ފަސް މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގައި އޮތީ ފަސް މެޗުން 11 ޕޮއިންޓް ހޯދާފައިވާ ތުރުކީއެވެ. ކޮލިފައިންގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ތުރުކީ ވަނީ ގިބްރޯލްޓާ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް