ކ. މާލެ
|
3 ސެޕްޓެންބަރ 2021 | ހުކުރު 22:45
ކޮވިޑް-19 އަށް ޕޮޒިޓިވްވަމުންދާ އަދަދު މިފަހުން ވަނީ ކޮންމެސް ވަރަކަށް އިތުރުވެފައި
ކޮވިޑް-19 އަށް ޕޮޒިޓިވްވަމުންދާ އަދަދު މިފަހުން ވަނީ ކޮންމެސް ވަރަކަށް އިތުރުވެފައި
ރޮއިޓަރސް
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
މާލެއިން 42 މީހުންނާއެކު، 179 ޕޮޒިޓިވް ކޭސް
ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން ގެންދަނީ 25 މީހަކަށް
މާލެ ސަރަޙައްދުން ޕޮޒިޓިވްވި 42 މީހުންނާއި، އަތޮޅު ތެރެއިން ޕޮޒިޓިވްވި 120 މީހުން ހިމެނޭ
79،448 މީހުން ވަނީ ބަލިން ފަސޭހަވެފައި

ރާއްޖެއިން އިތުރު 179 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ހުކުރު ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވި 42 މީހުންނާއި، އަތޮޅު ތެރެއިން ޕޮޒިޓިވްވި 120 މީހުންގެ އިތުރުން، ރިސޯޓުތަކުން ޕޮޒިޓިވްވި 17 މީހަކު ހިމެނޭ ކަމަށެވެ. އެއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 81،653ށް އަރާފައެވެ. އެއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނަގާފައިވާ 5120 ސާމްޕަލްގެ ނަތީޖާއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 79،448 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. އަދި މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 1966 އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން ގެންދަނީ 25 މީހަކަށެވެ.

އޮގަސްޓް މަހުގެ 30ން ފެށިގެން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުން ރިޕޯޓްކުރަމުން އަންނަނީ 150ން މަތިންނެވެ. އެގޮތުން އޮގަސްޓް މަހުގެ 30 ވަނަ ދުވަހު 169 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެދުވަހު އަތޮޅުތަކުން 119 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޮގަސްޓް މަހުގެ 31 ވަނަ ދުވަހު 152 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެދުވަހު އަތޮޅުތަކުން 74 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހު 189 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އަތޮޅުތަކުން ޕޮޒިޓިވްވި އަދަދު ހުރީ 119 ގައެވެ.

ރާއްޖޭގައި ކޮވިޑްގެ ހަތަރު ވަނަ ރާޅަށް ފަހު ހާލަތު ރަނގަޅުވަމުން އައިސް މިފަހަކުން އަންނަނީ އަނެއްކާވެސް ނަންބަރުތައް މަތިވަމުންނެވެ. އެޗްޕީއޭއިން އަންނަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމުންނެވެ.


Advertisement
- ކޮމެންޓް