ކ. މާލެ
|
3 ސެޕްޓެންބަރ 2021 | ހުކުރު 12:41
އަދިވެސް ބައެއް މީހުން ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ފޯމް ނުފުރާ ކަމަށް އެޗްޑީސީން ބުނި
އަދިވެސް ބައެއް މީހުން ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ފޯމް ނުފުރާ ކަމަށް އެޗްޑީސީން ބުނި
ރާއްޖެއެމްވީ
ހިޔާ ފްލެޓް
ހިޔާ ފްލެޓް ލިބުނު މީހުންގެ ތެރެއިން އެއްހާހަށްވުރެ ގިނަ މީހުންނާއެކު އެއްބަސްވުމުގައި ސޮއި ނުކުރެވިވޭ
 
ހިޔާ ފްލެޓްތަކަށް ފްލެޓުގެ މެނޭޖްމަންޓު ފީއާއެކު ދައްކަން ޖެހެނީ މަހަކު 8،500 ރުފިޔާ

ހިޔާ ފްލެޓް ލިބުނު މީހުންގެ ތެރެއިން އެއްހާހަށްވުރެ ގިނަ މީހުންނާއެކު އެއްބަސްވުމުގައި ސޮއި ނުކުރެވިވާ ކަމަށް ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ޚަބަރު ފީތާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ ކޮމާޝަލް ޕްރޮޖެކްޓް މެނޭޖަރ އަހްމަދު ސިރާޖު ވިދާޅުވީ 16 ޓަވަރުގެ ތެރެއިން ހުރިހާ ޓަވަރަކުން ފްލެޓް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތަކުގެ އެއްބުރު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ހުރިހާ ޓަވަރަކުން ފްލެޓް ލިބުނު ޖުމްލަ 1040 މީހުންނާއެކު އެއްބަސްވުމުގައި ސޮއިނުކުރެވިވާ ކަމަށެވެ.

ސިރާޖު ވިދާޅުވީ އަދިވެސް ބައެއް މީހުން ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ފޯމް ނުފުރާ ހުރުމުން އެއްބަސްވުމުގެ ކަންތައްތައް ކުރިއަށް ނުގެންދެވިވާ ކަމަށެވެ. އެޗްޑީސީން ބުނީ މިހާރު އާންމުން ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތް ކުރަން ފަށާފައިވާއިރު ބައެއް ފަހަރު ހުއްދަ ނުހޯދާ މަސައްކަތް ކުރިއަށް ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ހިޔާ ފްލެޓަށް ބަދަލުވުމުގެ މަސައްކަތް ބައެއް ފަރާތްތަކުން މިހާރު ވަނީ ފަށާފައެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ 25 ބުރީގެ 16 ޓަވަރަށް ކަރަންޓް ގުޅައިދިނުމުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަނުންނެވެ. ކަރަންޓް ދިނުމަށް ބޭނުންވާ ކޭބަލްތައް އެޅުމާއި، ކަރަންޓް މީޓަރުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ހިޔާގެ 16 ޓަވަރަށާއި އަދި އިތުރު ބޭނުންތަކަށް ބެހެއްޓި 1 ޓްރާންސްފޯމަރަކާއެކު ޖުމްލަ 17 ޓްރާންސްފޯމަރު ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް ވަނީ ބަހައްޓާފައެވެ. މި ޓްރާންސްފޯމަރުތަކަށް ކަރަންޓުދީ، ފްލެޓްތަކަށް ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް ކުރަމުންދަނީ ސްޓެލްކޯގެ ވެސް ބައިވެރިވުމާއެކުއެވެ.

ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރިނަމަވެސް، ތަނުގެ ފިނިޝިން މަސައްކަތަށް ދިނުމަށް ހަމަޖެހިފައިވާ 3 މަސް ދުވަހުގެ މުއްދަތު ނިމޭނީ ޑިސެމްބަރު މަހަށެވެ. އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ތަނުގެ ތަޅުދަނޑި ވެރިމީހާއާ ހަވާލުކޮށް، ތަން ހަވާލުކުރި ކަމުގެ ލިޔުން ދެނީ ހިޔާ ފްލެޓް ސަރަހައްދުންނެވެ. އެއާއެކު ފްލެޓަށް ގެންނަން ބޭނުންވާ އިތުރު ބަދަލުތައް ގެނައުމަށް ޚާއްސަ ހުއްދައަށް އެދޭ ފޯމާއި، ފެން ގުޅުމުގެ މަސައްކަތް ވެސް އެ ސަރަހައްދުން ވަގުތުން ފުރިހަމަ ކޮށްދެއެވެ. ތަނުގެ ވެރިމީހާގެ ހާޒިރުގައި ފެން ގުޅައިދިނުމުގެ މަސައްކަތް ވެސް އަންނަނީ ވަގުތުން ކޮށްދެމުންނެވެ.

ހުޅުމާލޭ ދެވަނަ ފޭސްގައި އަޅާފައިވާ ހިޔާ ފްލެޓްތަކަށް ފްލެޓުގެ މެނޭޖްމަންޓު ފީއާއެކު ދައްކަން ޖެހެނީ މަހަކު 8،500 ރުފިޔާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެޗްޑީސީން ބުނީ ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސް ކުރަން ޖެހޭނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް