ކ. މާލެ
|
3 ސެޕްޓެންބަރ 2021 | ހުކުރު 03:38
ސްވިޑެން އާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން
ސްވިޑެން އާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ވޯލްޑް ކަޕް - ޔޫރަޕް ކޮލިފައިން
ސްޕެއިން ބަލިވިއިރު، އިޓަލީ އެއްވަރު
 
ސްވިޑެން އަތުން ސްޕެއިން ބަލިވީ 2-1 ގެ ނަތީޖާއަކުން
 
އިޓަލީ އާއި ބަލްގޭރިއާގެ މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ސްވިޑެން އަތުން ސްޕެއިން ބަލިވިއިރު، އިޓަލީ އާއި ބަލްގޭރިއާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ސްވިޑެންގެ ދަނޑުގައި ކުޅުނު މެޗުން ސްޕެއިން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ހަތަރުވަނަ މިނެޓުގައި ސްޕެއިންގެ ސާލޯ ސޯލިން ވަނީ ލަނޑު ޖަހައި، އެ ޓީމަށް ލީޑު ނަގައިދީފައެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން ސްވިޑެންއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެލެކްސެންޑާ އައިސަކެވެ.

މުޅި މެޗު ކަހަލަ ގޮތަކަށް ސްޕެއިނުން ކޮންޓްރޯލްކޮށްގެން ކުޅުނު ނަމަވެސް، މެޗުގެ 57 ވަނަ މިނެޓުގައި ސްވިޑެންއިން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިކްޓާ ސެލެސަންއެވެ.

މި ނަތީޖާއާއެކު ގްރޫޕް ބީގެ އެއްވަނައިގައި ސްވިޑެން އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ސްޕެއިނަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ކޮސޯވޯއަށް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

އިޓަލީ އާއި ބަލްގޭރިއާ ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

މީގެ އިތުރުން ކޮލިފައިންގެ ގްރޫޕް ސީގައި ހިމެނޭ އިޓަލީން އަމިއްލަ ދަނޑުގައި ބަލްގޭރިއާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުން އިޓަލީ އެއްވަރުވިއިރު، އެ ޓީމުން ވަނީ މެޗަކުން ބަލިނުވެ 35 މެޗު ހަމަކޮށްފައެވެ. އެއާއެކު އިޓަލީ ވަނީ ބްރެޒިލާއި ސްޕެއިނުން މެޗަކުން ބަލިނުވެ ހަދާފައިވާ ރިކޯޑާ އަރާ ހަމަކޮށްފައެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގެ 16 ވަނަ މިނެޓުގައި އިޓަލީން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ފެޑެރީކޯ ކިއޭސާއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަލްގޭރިއާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޓްނަސް ލިއޭވެވެ.

މި ނަތީޖާއާއެކު ގްރޫޕް ސީގެ އެއްވަނައިގައި އިޓަލީ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ސްވިޓްޒަލެންޑަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި ނޮދާން އަޔަލޭންޑް އޮތީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
100%
ކޮމެންޓް