ކ. މާލެ
|
3 ސެޕްޓެންބަރ 2021 | ހުކުރު 03:19
އިންގްލެންޑާއި ހަންގޭރީ ބައްދަލުކުރި މެޗުގެ ތެރެއިން
އިންގްލެންޑާއި ހަންގޭރީ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ވޯލްޑް ކަޕް - ޔޫރަޕް ކޮލިފައިން
އިންގްލެންޑް، ޖަރުމަން އަދި ބެލްޖިއަމަށް މޮޅެއް
އެސްޓޯނިއާ އަތުން ބެލްޖިއަމް މޮޅުވީ 5-2 ގެ ނަތީޖާއަކުން
ލިޝްޓެންސްޓެއިން އަތުން ޖަރުމަން މޮޅުވީ 2-0 ގެ ނަތީޖާއަކުން
ހަންގޭރީ އަތުން އިންގްލެންޑް މޮޅުވީ 4-0 ގެ ނަތީޖާއަކުން

ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުތަކުން އިންގްލެންޑް، ޖަރުމަން އަދި ބެލްޖިމް މޮޅުވެއްޖެއެވެ.

ގްރޫޕް އައިގައި ހިމެނޭ އިންގްލެންޑް މޮޅުވީ ހަންގޭރީ އަތުން 4-0 ގެ ނަތީޖާއަކުންނެވެ.

ހަންގޭރީގެ ޕުސްކަސް އެރީނާގައި ކުޅުނު މި މެޗުގައި އިންގްލެންޑުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑުން ފޮނުވާލި ހަމަލާތައް ހުއްޓުވުމުގައި ހަންގޭރީގެ ޑިފެންޑަރުންގެ ދައުރު ބޮޑެވެ.

މި މެޗުގައި އިންގްލެންޑުން ލީޑު ނެގީ މެޗުގެ 55 ވަނަ މިނެޓުގައެވެ. މޭސަން މައުންޓުގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ. އޭގެ ފަހުން މެޗުގެ 63 ވަނަ މިނެޓުގައި ކެޕްޓަން ހެރީ ކޭން ވަނީ އިންގްލެންޑަށް ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ ހަ މިނެޓު ފަހުން ޑިފެންޑަރު ހެރީ މެގުއާ އިންގްލެންޑުގެ ތިންވަނަ ލަނޑު ޖަހައިދިންއިރު، މެޗުގައި އިންގްލެންޑުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެކްލަން ރައިސްއެވެ.

މި މޮޅާއެކު ގްރޫޕް އައިގެ އެއްވަނައިގައި އިންގްލެންޑް އޮތީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ ލިބުނު 12 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ޕޮލެންޑާއި ތިންވަނައިގައި އޮތް ހަންގޭރީއަށް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ.

ލިޝްޓެންސްޓެއިނާއި ޖަރުމަން ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

މީގެ އިތުރުން ކޮލިފައިންގެ ގްރޫޕް ޖޭގައި ހިމެނޭ ޖަރުމަނުން ރަށުން ބޭރުގައި ކުޅުނު މެޗުން މޮޅުވީ ލިޝްޓެންސްޓެއިން އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

ލިޝްޓެންސްޓެއިންގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުން ވަނީ އިދިކޮޅު ޓީމުގެ ހާފަށް ބާރު ބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖަރުމަނުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓީމޯ ވާނާއެވެ. އަދި މެޗުގެ 77 ވަނަ މިނެޓުގައި ޖަރުމަނަށް ލީޑު ފުޅާކޮށްދިނީ ލެރޯއި ސާނޭއެވެ.

މި މެޗުން ޖަރުމަން މޮޅުވިއިރު، މިއީ އައު ކޯޗު ހަންސީ ފްލިކުގެ އިރުޝާދުގެ ދަށުން ޖަރުމަނުން ކުޅުނު ފުރަތަމަ މެޗެވެ.

މި މޮޅާއެކު ޖަރުމަން އޮތީ ގްރޫޕް ޖޭގެ ދެވަނައިގައި ހަތަރު މެޗުން ނުވަ ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދާފައިވާ އާމީނިއާއެވެ.

އެސްޓޯނިއާ އާއި ބެލްޖިއަމް ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

މީގެ އިތުރުން ކޮލިފައިންގެ ގްރޫޕް އީގައި ހިމެނޭ ބެލްޖިއަމުން ރަށުން ބޭރުގައި ކުޅުނު މެޗުން އެސްޓޯނިއާ އަތުން މޮޅުވީ 5-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އެސްޓޯނިއާއިންނެވެ. މެޗުގެ ދެވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަޓިއަސް ކައިޓެވެ. އެކަމަކު މެޗުގެ 22 ވަނަ މިނެޓުގައި ބެލްޖިއަމުގެ ހެންސް ވެނާކެން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި އޭގެ ހަތް މިނެޓު ފަހުން އިތުބާރު ފޯވާޑް ރޮމޭލޫ ލުކާކޫ ވަނީ ބެލްޖިއަމަށް ލީޑު ނަގައިދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ބެލްޖިއަމުގެ ފަރާތުން އެޓޭކިން ގޭމެއް ފެނިގެންދިޔައިރު، މެޗުގެ 52 ވަނަ މިނެޓުގައި ލުކާކޫ ވަނީ އިތުރު ލަނޑެއް ޖަހާ ފަރަގު ބޮޑުކޮށްފައެވެ. އަދި މެޗުގެ 65 ވަނަ މިނެޓުގައި އެކްސެލް ވިޓްސެލް ވަނީ ބެލްޖިއަމުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. ދެން މި މެޗުގައި ބެލްޖިއަމުން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ތޯމަސް ފޮކެޓެވެ. އެކަމަކު މެޗު ނިމުމުގެ ކުރިން އެސްޓޯނިއާއިން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ސޯގާއެވެ.

މި ނަތީޖާއާއެކު ގްރޫޕް އީގެ އެއްވަނައިގައި ބެލްޖިއަމް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ޗެކް ރިޕަބްލިކަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި ވޭލްސް އޮތީ ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކުގައެވެ.

- ކޮމެންޓް