ކ. މާލެ
|
2 ސެޕްޓެންބަރ 2021 | ބުރާސްފަތި 02:44
ފްރާންސާއި ބޮސްނިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ފްރާންސާއި ބޮސްނިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ވޯލްޑް ކަޕް - ޔޫރަޕް ކޮލިފައިން
ފްރާންސާއި ނެދަލެންޑްސްގެ މެޗުތައް އެއްވަރު
ނޯވޭ އާއި ނެދަލެންޑްސް އެއްވަރުވީ 1-1 ގެ ނަތީޖާއަކުން
ފްރާންސާއި ބޮސްނިއާއާ އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ބުދަ ދުވަހުގެރޭ ފްރާންސާއި ނެދަލެންޑްސް ކުޅުނު މެޗުތައް އެއްވަރުވެއްޖެއެވެ.

ގްރޫޕް ޑީގައި ހިމެނޭ ފްރާންސް އެއްވަރުވީ ބޮސްނިއާއާ ބައްދަލުކޮށް 1-1 ގެ ނަތީޖާއަކުންނެވެ.

ފްރާންސްގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ބޮސްނިއާއިންނެވެ. މެޗުގެ 36 ވަނަ މިނެޓުގައި މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އެޑިން ޒެކޯއެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ފްރާންސުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް އެންޓޮއިން ގްރީޒްމަނެވެ.

މި މެޗުގެ ދެވަނަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، މި ހާފު ފަށައިގެން ހަވަނަ މިނެޓުގައި ފްރާންސްގެ ޖޫލްސް ކޫންޑޭއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. ކޫންޑޭއަށް އެންމެ ފުރަތަމަ ރެފުރީ ރީނދޫ ކާޑެއް ދެއްކި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވިއޭއާރް) ބެލުމަށް ފަހު ރެފުރީ ވަނީ އެ ނިންމުން ބަދަލުކޮށް، އޭނާއަށް ރަތް ކާޑެއް ދައްކާފައެވެ.

މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް ޑީގެ އެއްވަނައިގައި ކުޅުނު ހަތަރު މެޗުން އަށް ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތީ ހަތަރު މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާ ޔޫކްރޭނެވެ. ކޮލިފައިންގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ޔޫކްރޭން ވަނީ ކަޒަކްސްތާނާ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

ނޯވޭ އާއި ނެދަލެންޑްސް ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

މީގެ އިތުރުން ކޮލިފައިންގެ ގްރޫޕް ޖީގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ނެދަލެންޑްސް އެއްވަރުވީ ނޯވޭއާ ބައްދަލުކޮށް 1-1 ގެ ނަތީޖާއަކުންނެވެ.

ނޯވޭގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީވެސް އެ ގައުމުންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ނެދަލެންޑްސްއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ޑެވީ ކްލާސެންއެވެ.

މި ނަތީޖާއާއެކު ނެދަލެންޑްސް އޮތީ ގްރޫޕް ޖީގެ ދެވަނައިގައި ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ އެއްވަނައިގައި އޮތީ ހަތަރު މެޗުން އަށް ޕޮއިންޓް ހޯދާފައިވާ ތުރުކީއެވެ. ކޮލިފައިންގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ތުރުކީ ވަނީ މޮންޓެނީގްރޯއާ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

- ކޮމެންޓް