ޕީސީއާރު ޓެސްޓަކާ ނުލާ 28 ރަށަކަށް ދަތުރުކުރުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދީފިއެވެ.
ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ މީހުން ރަށްރަށަށް ދަތުރުކުރުމުގައި 1 ސެޕްޓެމްބަރުން ފެށިގެން ލުއިތަކެއް ދޭން ސަރުކާރުން ވަނީ މީގެ ކުރިން ނިންމާފައެވެ. އެގޮތުން އެ ރަށަކުން ހަފްތާއަކު ނެގޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ ރޭޓް 5 އިންސައްތައަށްވުރެ ދަށްވެ، އެ ރަށުގެ ވެކްސިން ފުރިހަމަކޮށްފައިވާ އާބާދީއަށް ބަލައި ޕީސީއާރު ޓެސްޓު ނުހަދައި އެ ރަށްރަށަށް ދަތުރުކުރުމުގެ ހުއްދަ ދޭން އެޗްޕީއޭއިން ވަނީ ނިންމާފައެވެ.
މިގޮތުން ވެކްސިން ފުރިހަމަކުރި އާބާދީއާއި، ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތަށް ބަލައި ޕީސީއާރު ޓެސްޓަކާ ނުލާ 28 ރަށަކަށް ދަތުރުކުރުމުގެ ހުއްދަ ދީ, އެ ރަށްތައް އެޗްޕީއޭއިން ވަނީ އާންމުކޮށްފައެވެ. މި ރަށްތަކުގެ ތެރޭގައި ހއ. އަތޮޅުގެ 2 ރަށަކާއި، ހދ. އަތޮޅުގެ 2 ރަށެއް، ނ. އަތޮޅުގެ 3 ރަށް، ރ. އަތޮޅުގެ 2 ރަށް، ބ. އަތޮޅުގެ 7 ރަށް، އއ. އަދި އދ. އަތޮޅުގެ 1 ރަށް، ވ. އަތޮޅުގެ 4 ރަށް، ފ. އަތޮޅުގެ 3 ރަށް، ލ. އަތޮޅުގެ 1 ރަށާއި، ގއ. އަތޮޅުގެ 1 ރަށް އަދި ގދ. އަތޮޅުގެ 1 ރަށް ހިމެނެއެވެ. ކ. އަތޮޅުގެ އެއްވެސް ރަށެއް މި ލިސްޓުގައި ނުހިމެނެއެވެ.
މި ލިސްޓުގައިވާ ހުރިހާ ރަށަކުން ވެސް ވަނީ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައެވެ. މި ރަށްރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުންގެ ތެރެއިން 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާކަމަށާއި، މީގެ ތެރެއިން ގެސްޓްހައުސް ހިންގާ ރަށްރަށުގައި ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ 95 އިންސައްތަ މީހުން ވެކްސިން ޖަހާފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އެޗްޕީއޭއިން ބުނީ މި ރަށްރަށަށް ދަތުރުކުރާ މީހުން ވެސް ހުންނަންޖެހޭނީ ވެކްސިންގެ ދެ ޑޯޒް ޖަހައި، 14 ދުވަސް ފުރިހަމަކޮށްފައިކަމަށެވެ.
ކޮވިޑް-19އިން ރައްކާތެރިވެ ތިބުމަށް ވެކްސިން ފުރިހަމަކުރުމަށް ސަރުކާރުން ގެންދަނީ ވަރަށް ބޮޑަށް ބާރުއަޅަމުންނެވެ. އެގޮތުން މިކަމަށް ޚާއްސަ ކެމްޕޭނެއް މިހާރުވެސް ކުރިއަށްދާއިރު، މިހާތަނަށް ވެކްސިން ނުޖަހާ ތިބި މީހުން ދެނެގަތުމުގެ މަސައްކަތް ފަށަން ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން ވެކްސިން ނުޖަހާ މީހުންނަށް ބައެއް ޚިދުމަތްތައް ދިނުން މިހާރުވެސް ހުއްޓާލާފައިވާއިރު، ކުރިއަށްއޮތް ދުވަސްތަކުގައި ވެސް އެހެން ބައެއް ޚިދުމަތްތައް ދިނުން ހުއްޓާލަން ސަރުކާރުން ވަނީ ނިންމާފައެވެ.