ކ. މާލެ
|
2 ސެޕްޓެންބަރ 2021 | ބުރާސްފަތި 02:18
ޕޯޗުގަލާއި އަޔަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން - ރޮނާލްޑޯ ވަނީ ތާރީޚީ ރިކޯޑު މުގުރާލާފައި
ޕޯޗުގަލާއި އަޔަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން - ރޮނާލްޑޯ ވަނީ ތާރީޚީ ރިކޯޑު މުގުރާލާފައި
ގެޓީ އިމޭޖަސް
ވޯލްޑް ކަޕް - ޔޫރަޕް ކޮލިފައިން
އަލީ ދާއީގެ ތާރީޚީ ރިކޯޑު ރޮނާލްޑޯ މުގުރާލައިފި
 
އަޔަލެންޑް އަތުން ޕޯޗުގަލް މޮޅުވީ 2-1 ގެ ނަތީޖާއަކުން
 
ރޮނާލްޑޯ ވަނީ ޕޯޗުގަލަށް ޖުމްލަ 111 ލަނޑު ޖަހައިދީފައި

ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީގެން އީރާނުގެ ލެޖެންޑް އަލީ ދާއީ ހަދާފައިވާ ރިކޯޑު ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލައިފިއެވެ.

މިހާރު އުމުރުން 52 އަހަރުގެ އަލީ ދާއީ އެ ރިކޯޑު ހެދީ އީރާނަށް ކުޅެދިން 149 މެޗުން 109 ލަނޑު ޖަހައިގެންނެވެ. އަލީ ދާއީ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2006 ވަނަ އަހަރެވެ. އެކަމަކު ބުދަ ދުވަހުގެރޭ ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ލަނޑުތަކާއެކު އުމުރުން 36 އަހަރުގެ ރޮނާލްޑޯ ވަނީ އެ ރިކޯޑު މުގުރާލާފައެވެ. އެ މެޗުގައި ރޮނާލްޑޯ ދެ ލަނޑު ޖެހިއިރު، އޭނާ އެ ރިކޯޑު މުގުރާލީ 180 މެޗުންނެވެ. އަދި ރޮނާލްޑޯ ވަނީ މިހާތަނަށް ޕޯޗުގަލަށް ޖުމްލަ 111 ލަނޑު ޖަހައިދީފައެވެ.

ކޮލިފައިންގައި ބުދަ ދުވަހުގެރޭ އަމިއްލަ ގައުމުގައި ކުޅުނު މެޗުން ޕޯޗުގަލް މޮޅުވީ އަޔަލެންޑް އަތުން 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޕޯޗުގަލުން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގެ ކުރީކޮޅު ރޮނާލްޑޯއަށް ވަނީ ލީޑު ނަގަން ޕެނަލްޓީއެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ރޮނާލްޑޯ ފޮނުވާލި ޕެނަލްޓީ އަޔަލެންޑުގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ.

އެއާއެކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އަޔަލެންޑުން ވަނީ މި މެޗުގައި ލީޑު ނަގާފައެވެ. މި ހާފުގެ ފަހު މިނެޓުގައި ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯން އީގަންއެވެ. މިއީ އަޔަލެންޑުގެ ޖާޒީގައި އީގަން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މި މެޗުގައި ޕޯޗުގަލުން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައިވަނީ މެޗުގެ ފަހުކޮޅެވެ. އެގޮތުން މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ގޮންކާލޯ ގުއެޑެސް ނަގައިދިން ހުރަހަކުން ރޮނާލްޑޯ ވަނީ ޕޯޗުގަލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ޑިއޯގޯ ޖޮޓާގެ އެހީތެރިކަމާއެކު ރޮނާލްޑޯ ވަނީ އިތުރު ލަނޑެއް ޖަހައި، މި މެޗުން ޕޯޗުގަލް މޮޅުކޮށްދީފައެވެ.

މި މޮޅާއެކު ކޮލިފައިންގެ ގްރޫޕް އޭގެ އެއްވަނައިގައި ޕޯޗުގަލް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ސާބިއާއަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ޕޯޗުގަލް އަތުން ބަލިވި އަޔަލެންޑް އޮތީ ތާވަލުގެ ހަތަރުވަނައިގައި ތިން މެޗު ކުޅެ ޕޮއިންޓެއް ނުލިބިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް