ރާއްޖޭގެ އާބާދީގެ 85 އިންސައްތަ މީހުން ވެކްސިން ޖަހައިފި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ 18 އަހަރުން މަތީގެ އާބާދީގެ 85 އިންސައްތަ މީހުންނަށް ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށާއި، 12 އަހަރުން މަތީގެ 84 އިންސައްތަ މީހުން ވަނީ ވެކްސިން ޖަހާފައި ކަމަށެވެ. އަދި މިވަގުތު ކުރެވެމުންދާ މަސައްކަތަކީ ވެކްސިން ނުޖަހާ ތިބި މީހުން ހޯދުން ކަމަށާއި، އެ މަސައްކަތަކީ އުނދަގޫ ކަމެއް ކަމަށް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ވެކްސިން ޖެހޭ އާބާދީގެ ތެރެއިން 18 އަހަރުން މަތީގެ 30 ހާސް މީހުން ވެކްސިން ނުޖަހާ އެބަތިބި ކަމަށާއި، މީގެ ތެރޭގައި ގިނަ މީހުންނަކީ ރާއްޖެއިން ބޭރުގައި ތިބި މީހުން ކަމަށެވެ. އަދި މީގެ އިތުރުން އެނދުމަތިވެފައި ތިބި މީހުންނާއި، އެކިކަހަލަ އުނދަގޫތަކާއި ގުޅިގެން ވެކްސިން ނުޖަހާ ތިބި މީހުން އެބަތިބި ކަމަށާއި، އެމީހުން ހޯދައި ވެކްސިން ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ބޮޑު އަދަދެއް ރާއްޖެއިން ބޭރުގައި ދިރިއުޅޭ އަދި މިދިޔަ ދުވަސްތަކުގެ ތެރޭގައި ނާދެވި އަދި ވެކްސިން ނުޖެހި ތިބި މީހުން ހިމެނޭރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު
މަބްރޫކް ވިދާޅުވީ 12 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހަން ފެށިތާ މާ ގިނަ ދުވަހެއް ނުވާ ކަމަށާއި، މަސް ދުވަހުގެ ތެރޭގައި 84 އިންސައްތައާއި ހަމައަށް ވެކްސިން ޖެހިފައިވާ ކަމަށެވެ. އަދި މުޅި އާބާދީގެ 85 އިންސައްތައާއި ހަމައަށް ވެކްސިން ޖެހިފައިވާ އިރު، ރާއްޖޭގައި ތިބި އާބާދީ ވަކިން ޚާއްސަކޮށް ދިވެހިންނަށް ވެކްސިން ޖެހިފައިވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއިން ބޭރުގައި ތިބި މީހުންނަށް ވެކްސިން ޖެހޭނެ ގޮތެއް ބަލަމުންދާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ސަރުކާރުން އަމާޒުހިފާފައިވާ ގޮތަށް ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ %90 މީހުން ވެކްސިން ޖެހުމުގެ ޓާގެޓް ހާސިލްކުރެވޭނެކަމަށެވެ. މިހާތަނަށް ރާއްޖޭގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދުވަނީ 302،000ށް ވުރެ އިތުރުވެފައެވެ.