ސްޓެލްކޯގެ ލޯގޯ ޖަހާފައިވާ ވެހިކަލްތަކަކީ ޗައިނާ ކުންފުނިން ފިފްތް ޕަވަރ ޕްރޮޖެކްޓަށް ބޭނުންކުރާ ވެހިކަލްތަކެއްކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ލޯގޯ ޖަހައިގެން ޗައިނާގެ ކުންފުންޏަކުން ވެހިކަލްތަކެއް ބޭނުންކުރާކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެގޮތުން މި ވެހިކަލްތައް މިހެން ބޭނުންކުރުމަކީ ހުއްދަދެވިގެންވާނެކަމެއް ނޫންކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނަމުންނެވެ.
މިކަމާ ގުޅޭގޮތުން ރާއްޖެ އެމްވީއާ ވާހަކަދައްކަވަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވަނީ ސްޓެލްކޯގެ ލޯގޯ ޖަހާފައިވާ ވެހިކަލްތަކަކީ ޗައިނާ ކުންފުނިން ފިފްތް ޕަވަރ ޕްރޮޖެކްޓަށް ނުވަތަ ގްރޭޓަރ މާލޭ ކަނެކްޝަން ގްރިޑަށް ބޭނުންކުރާ ވެހިކަލްތަކެއްކަމަށެވެ. ގްރޭޓަރ މާލެ ސަރަހައްދުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ ފިފްތް ޕަވަރ ޕްރޮޖެކްޓަކީ ޗައިނާގެ ޑޮންގްފަންޑް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއި ސްޓެލްކޯ ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި ސަބަބައްޓަކައި މި ޕްރޮޖެކްޓަށް ބޭނުންކުރުމަށް ޗައިނާ ކުންފުނިން ރާއްޖެ އެތެރެކޮށްފައިވާ ވެހިކަލްތަކުގައި ސްޓެލްކޯގެ ލޯގޯ ޖަހައިގެން ބޭނުންކުރަމުންދާކަމަށް ވިދާޅުވިއެވެ.
ގްރޭޓަރ މާލޭ ކަނެކްޝަން ގްރިޑް މަޝްރޫއަކީ ހަކަތައިގެ ދާއިރާއިން ރާއްޖޭގައި މިހާތަނަށް ހިންގޭ އެންމެ ބިޔަ މަޝްރޫޢެވެ. ގްރޭޓަރ މާލެ އިންޓަރ-ކަނެކްޝަން މަޝްރޫޢުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. އެހެންނަމަވެސް ސްޓެލްކޯއިން ބުނީ ކުރިއަށް އޮތް މަހުގެ ތެރޭގައި މިކަނެކްޝަންއިން ހަކަތަ ފޯރުކޮށްދޭ މިންވަރު ބަލައި ވަޒަންކުރަމުންދާނެ ކަމަށެވެ. ގްރޭޓަރ މާލޭ އިންޓަރ ކަނެކްޝަންގެ މަސައްކަތުގެ ދަށުން މާލެއާއި ހުޅުމާލެއާއި ހުޅުލޭގެ ކަރަންޓު އެއްވިއުގައަކުން މިހާރުވަނީ ގުޅާލާފައެވެ.
އިންޓަރ-ކަނެކްޝަން މަޝްރޫޢުގެ ދަށުން މާލެއާއި ހުޅުމާލޭގައި 95 މެގަވޮޓްގެ 4 ޓްރާންސްފޯމަރު، އަދި ހުޅުލޭގައި 8 މެގަވޮޓްގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ. މި މަޝްރޫޢުގެ ކަނެކްޝަން ކޭބަލް އަޅާފައިވަނީ ސިނަމާލެ ބްރިޖުގެ ދަށުންނެވެ. 3 ސަރަޙައްދުގެ ކަރަންޓު އެއްވިއުގައަކުން ގުޅާލުމަށް ޖުމްލަ 6 ކޭބަލް މެދުވެރިކޮށް އަޅާފައިވާ މިއިންޓަރ-ކަނެކްޝަން ކޭބަލަކީ 100 މެގަވޮޓްގެ ހަކަތަ ފޯރުކޮށްދެވޭނެ ނެޓްވޯކް ކޭބަލްއެކެވެ.