Advertisement
ކ. މާލެ
|
30 އޯގަސްޓް 2021 | ހޯމަ 16:40
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަހުގީގުގެ ތެރެއިން އެ ކޮމިޝަންގެ މެންބަރުންގެ ޕެނަލް
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަހުގީގުގެ ތެރެއިން އެ ކޮމިޝަންގެ މެންބަރުންގެ ޕެނަލް
ޝުއައިބް މުހައްމަދު އިގްބާލް
ފަނޑިޔާރުންނާގުޅޭ އޯޑިއޯގެ މައްސަލަ
ލީކުވެފައިވާ, ފަނޑިޔާރުންގެ އޯޑިއޯގެ މައްސަލަ ޖޭއެސްސީން ތަހުގީގު ކުރަން ފަށައިފި
އެ މައްސަލަ ތަހުގީގުކުރުމަށް އެކުލަވައިލި ކޮމިޓީން މައްސަލައިގެ ތަހުގީގު ވަނީ ފަށާފައި
އޯޑިއޯއަކީ ސައްހަ އޯޑިއޯއެއް ނޫންކަން އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ކަށަވަރުކޮށްދޭ
އިންސާފުވެރިކަން ކަށަވަރުކުރުމަށް މިމައްސަލައަށް ޚާއްސަ ސަމާލުކަމެއްދީގެން ތަހުގީގު ކުރާނެ

ލީކުވެފައިވާ, ފަނޑިޔާރުންގެ އޯޑިއޯގެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަން ފަށައިފިއެވެ.

ޖޭއެސްސީން ބުނީ ކްރިމިނަލް ކޯޓުން ބެއްލެވި މައްސަލައެއްގައި ޙުކުމް ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ފަނޑިޔާރުންނަށް އެ މައްސަލަ ވަކި ގޮތަކަށް ނިންމުވުމަށް ނުފޫޒު ފޯރުވިކަމަށް އެ ފަނޑިޔާރުން ވިދާޅުވާކަމަށް ބުނާ މައްސަލަ ތަހުގީގުކުރުމަށް ހޯމަ ދުވަހުގެ ހެނދުނު ބޭއްވި އެ ކޮމިޝަންގެ ކުއްލި ޖަލްސާއެއްގައި ނިންމައި، އެކަމަށް އެކުލަވައިލި ކޮމިޓީން މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ.

އެ މައްސަލާގައި ހިމެނޭ ފަނޑިޔާރުންގެ ފަރާތުން މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް ހޯމަ ދުވަހު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.

ލީކުވެފައިވަނީ, މަނީ ލޯންޑަރިންގގެ ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތުން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އިސްތިއުނާފު މައްސަލަ ތާވަލުކުރިތަނާ ޔާމީނަށް ހުކުމް ކުރެއްވި ފަނޑިޔާރަކާގުޅޭ އޯޑިއޯއެކެވެ.

މިމައްސަލައާ ގުޅިގެން ޖޭއެސްސީން ބުނީ ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ، ތަޢައްޞުބުން އެއްކިބާވެ، ޤާނޫނު އަސާސީއާއި ޤާނޫނާ އެއްގޮތަށް ކަންތައްތައް ނިންމުމުގައި ދެމިތިބެންޖެހޭ ބައެއްކަމަށެވެ.

Advertisement

ޖޭއެސްސީން ބުނީ އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒުފޯރުވާކަމަށް ކުރެވޭ ތުހުމަތުތަކަކީ، ފަނޑިޔާރު ގޭގެ އިތުބާރު ނެގެހެއްޓުމާއި، ފަނޑިޔާރު ގޭގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަށްޓަކައި ވަކިން ޚާއްސަ ސަމާލުކަމެއް ދީގެން ކޮމިޝަނުން ތަހުގީގު ކުރާނެ ކަމެއް ކަމަށެވެ.

މި އޯޑިއޯއަކީ ސައްހަ އޯޑިއޯއެއް ނޫންކަން އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވާ ގޮތުގައި މި އޯޑިއޯއަކީ ރައީސް ޔާމީނުގެ މައްސަލަ ތާވަލު ކުރުމުން އެކަމުގެ ފޯކަސް ބަދަލުކޮށްލުމަށާއި، ޝަރީޢަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން ބަޔަކު އަޑީގައި ތިބެގެން އުފައްދާފައިވާ އޯޑިއޯއެކެވެ.

އެ މައްސަލަ ބެއްލެވި 5 ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒީ ޙުސައިން ފާއިޒް ރަޝާދުކަމަށް ބުނާ ބޭފުޅަކު ވާހަކަ ދައްކަވާ މި އޯޑިއޯގައި އޭނާ ވަނީ ޔާމީނަށް ކޯޓުން ހުކުމް ކުރީ ގާޒީން "ރަހީނުކޮށްގެން"ކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކަވާފައެވެ. އޭނާ ވަނީ ސިޔާސީ މީހުންގެ މައްސަލަ ބެލުމަކީ ފާޑެއްގެ ކަމެއް ކަމަށް ވިދާޅުވެ, ނުހައްގުން ހުކުމެއް ކޮށް ޖަލުގައި ދުވަސްތައް ހޭދަކުރައްވަން ޖެހުމަކީ ރައީސް ޔާމީނަށް އޮންނަ ތާއީދު ވެސް އިތުރުވެގެން ހިނގައިދާނެ ކަމެއްކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން، ޔާމީންގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވީ, ބިރު ދެއްކުމުންކަމަށް ވެސް އޯޑިއޯގައި ބުނެއެވެ. އެގޮތުން ބިރު ދެއްކުމުން އޮތީ ދެ ގޮތެއް ކަމަށް ވިދާޅުވެ، އެއްގޮތަކީ ބިރާ ދެކޮޅު ހެދުންކަމަށާއި އަނެއް ގޮތަކީ ބިރާ އެއްކޮޅަށް ހުކުމް ކުރުން ކަމަށް އޭނާ އޯޑިއޯގައި ވިދާޅުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް