ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ފަށާނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ބުނެފިއެވެ.
ރާއްޖެއެމްވީއަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި ކުރިއަތް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
މި ޕްރޮޖެކްޓާބެހޭ ގޮތުން ތިލަމާލެ ބްރިޖް ޕްރޮޖެކްޓުގެ އެސިސްޓެންޓް މެނޭޖަރ މުޙައްމަދު ޖިނާޙު ވިދާޅުވީ މާލެއާއި ވިލިމާލެ ބްރިޖުން ގުޅާލާއިރު، ވިލިމާލެ ބޭރުން ބައެއް ހިއްކާނެ ކަމަށެވެ. ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ތިލަފުއްޓާއި މާލެއާއި ގުޅުވާލާ ބްރިޖުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޖިނާޙު ވިދާޅުވީ, މާލެ ވިލިނގިއްޔާ ގުޅާލާ ބްރިޖް އަޅަން ވިލިމާލޭގެ ދެކުނު ފަރާތުން ބައެއް ހިއްކާނެ ކަމަށެވެ. މި ބްރިޖު އަޅާނީ ދެކުނު ފަރާތުން ބިން ހިއްކުމަށްފަހު ކަމަށް ވެސް ޖިނާޙު ވިދާޅުވިއެވެ.
މާލެއިން ވިލިމާލެއަށް ދާ ހިސާބުގައި ޕާކިން ސަރަހައްދަކާއި ޓްރާންސްފަރ ޓާމިނަލެއް ގާއިމްކުރާނެ ކަމަށާއި, މިކަމުން ވިލިމާލޭގެ ލޭންޑްސްކޭޕަށް ބަދަލުތަކެެއް އައިނަމަވެސް މިހާރު އޮތްގޮތަށް ބަދަލު ގެނެސް, އެރަށުގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ހުއްދަދިނުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް ޖިނާޙު ވިދާޅުވިއެވެ.
މީގެ އިތުރުން މި ޕްރޮޖެކްޓްގެ ޑައިރެކްޓަރ މަޙުޖޫބު ޝުޖާޢު ވިދާޅުވީ ބްރިޖް އެޅުމަށް ވިލިނގިލީގެ ދެކުނު ފަރާތުން ހިއްކޭނެ ޖާގަ އެބައޮތް ކަމަށެވެ. މިކަމާގުޅޭ ގިނަ ދިރާސާތަކެއް މިހާތަނަށް ހަދާފައިވާކަމަށާއި، ކޮންސެޕްޓުތަކެއް ވެސް އެކުލަވާލާފައިވާކަމަށް މަޙުޖޫބު ވިދާޅުވިއެވެ.
ގުޅީފަޅުގައި ބްރިޖް ގާއިމްކުރުމަށް ވެސް ގުޅީފަޅުގެ އިރުން ހުޅަނގަށް އިތުރު ބައެއް ހިއްކަން ޖެހޭނެ ކަމަށް މަހުޖޫބު ވިދާޅުވިއެވެ. މިހާރު ގުޅީފަޅު ހިއްކާފައި އޮތްގޮތުން ބްރިޖް ގުޅާލަން ބޮޑަށް ފަސޭހަވާނީ ތިލަފުއްޓާ ކަމަށާއި، ވިލިނގިއްޔާ ގުޅީފަޅާ ގުޅާލާނަމަ ބްރިޖް އެޅޭނީ ގުޅީފަޅުގެ އިރުން ހުޅަނގަށް ބައެއް ހިއްކައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މަޙުޖޫބު އިތުރަށް ވިދާޅުވީ މާލެއާއި ހުޅުމާލެއާ ދެމެދު އަޅާފައިއޮތް ބްރިޖަށްވުރެ ތިލަފުއްޓާއި މާލެއާއި ގުޅާލާ ބްރިޖްގެ މަސައްކަތުގައި މާ ގިނަ ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށެވެ. ވަކިން ޚާއްސަކޮށް މާލެއާއި ވިލިމާލެއާއި ގުޅާލާއިރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.
މާލެއާއި، ވިލިމާލެ އަދި ގުޅީފަޅާއި ތިލަފުށި ގުޅުވާލާ ބުރިޖުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބުރާސްފަތި ދުވަހު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރާއި، މި މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުންޏާ ދެމެދުއެވެ. މިއީ 6.7 ކިލޯމީޓަރުގެ ބުރިޖެކެވެ. މި މަޝްރޫއުގެ ދަށުން, ގުޅިފައިވާ 3 ބުރިޖް ހިމެނެއެވެ. އެއީ މާލެއިން ވިލިމާލެއަށް ގުޅުވާލައި ބުރިޖާއި، ވިލިމާލެއިން ގުޅީފަޅަށް, އަދި ގުޅީފަޅުން ތިލަފުއްޓަށް ގުޅުވާލަދޭ ބުރިޖެވެ.
ގްރޭޓަރ މާލޭގެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއު ނިންމަން ލަނޑުދަނޑި ކަނޑައަޅާފައިވަނީ 2023ގެ އޭޕްރީލް ނުވަތަ މޭ މަހާ ހިސާބަށެވެ. އަދި މި މަޝްރޫއު ނިންމައި މި ބިޔަ ބްރިޖު ހުޅުވިގެން ދާއިރު މި ސަރުކާރުގެ މިވަގުތުގެ ސިޔާސަތަކީ، އެއްވެސް ޓޯލެއް ނެގުމެއްނެތި، ރައްޔިތުންނަށް އެ މަގުތަކުން ހިލޭ ދަތުރު ކުރެވޭނެ ބްރިޖަކަށް ވުމެވެ.