ކ. މާލެ
|
30 އޯގަސްޓް 2021 | ހޯމަ 15:33
ޑާކާގައި 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ބަލަން ދަނޑަށް ވަދެތިބި ދިވެހި ސަޕޯޓަރުން
ޑާކާގައި 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ބަލަން ދަނޑަށް ވަދެތިބި ދިވެހި ސަޕޯޓަރުން
އިމޭޖަސް.އެމްވީ
ސަޕޯޓަރުން ދަނޑަށް ވެއްދުން
ސާފް ޗެމްޕިއަންޝިޕް ބަލަން ސަޕޯޓަރުން ދަނޑަށް ވައްދަން މަޝްވަރާކުރަނީ
 
ދަނޑުގެ ޖާގައިގެ ދެ ބައިކުޅަ އެއްބައި ވެއްދުމަށް މަސައްކަތްކުރޭ
 
ސާފް ޗެމްޕިއަންޝިޕް އޮންނާނީ އޮކްޓޯބަރު މަހުގެ 1-16 ގެ ނިޔަލަށް

އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބަލަން ސަޕޯޓަރުން ދަނޑަށް ވެއްދުމާ ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއެކު މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ. އެ މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފައިވާއިރު، ދާދި ފަހުން ގައުމީ ޓީމުން ވަނީ 34 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑަކާއެކު ފަރިތަކުރުންތައް ފަށާފައެވެ.

ގައުމީ ޓީމުގެ ފަރިތަކުރުންތައް ފެށުމުގެ ކުރިން މީޑިއާތަކަށް މައުލޫމާތުދެއްވަމުން ބައްސާމް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕަކީ ދިވެހީންނާ ގުޅިފައިވާ މުބާރާތެއް ކަމަށެވެ. އަދި އަމިއްލަ ގައުމުގައި ކޮވިޑް-19 ގެ ހާލަތުގައި ކުޅޭ މުބާރާތެއް ކަމުގައިވީ ނަމަވެސް، ދިވެހީން ދަނޑަށް ވަނުމަށް ކެތްމަދުވެފައި ތިބި ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ވީހާވެސް ގިނަ މީހުން ވެކްސިން ޖެހުމަށް ބައްސާމް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ދަނޑަށް މީހުން ވެއްދުމާ ގުޅޭ ގޮތުން އެޗްޕީއޭއާއެކު މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށްވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.

ޑާކާގައި 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ބަލަން ދަނޑަށް ވަދެތިބި ދިވެހި ސަޕޯޓަރުންނާއެކު ކުޅުންތެރިން އުފާފާޅުކުރަނީ - އިމޭޖަސް.އެމްވީ

ބައްސާމް ވިދާޅުވީ މުބާރާތްތައް ކާމިޔާބުކުރުމުގައި 12 ވަނަ ކުޅުންތެރިޔާގެ އެހީ ބޭނުންވާ ކަމަށާއި، ދަނޑަށް މީހުން ވެއްދުމުން ގައުމީ ޓީމުގެ ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ. އަދި ބައެއް ސިޑިބަރިތައް މަރާމާތުކުރުމުގެ މަސައްކަތް ފައްޓަން ގާތްވެފައިވާ ކަމަށާއި، ސާފް ޗެމްޕިއަންޝިޕް ބަލަން ގައުމީ ފުޓްބޯޅަ ދަނޑުގެ ޖާގައިގެ ދެ ބައިކުޅަ އެއްބައި ވެއްދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ދެވަނަ މެޗުގައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، ތިންވަނަ މެޗުގައި އެ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ވާދަވެރި އިންޑިއާއާ ދެކޮޅަށެވެ. މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ފަސް ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، އެންމެ ގަދަ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

ސާފް ޗެމްޕިއަންޝިޕް މި އަހަރު ރާއްޖޭގައި ބާއްވާއިރު، މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. އެގޮތުން 2008 ވަނަ އަހަރުގެ މުބާރާތް ރާއްޖެ އާއި ސްރީ ލަންކާގައި ބޭއްވިއިރު، ރާއްޖެއިން ވަނީ އެ ފަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މި މުބާރާތް އެންމެ ފަހުން ބަންގްލަދޭޝްގައި ބޭއްވިއިރު، ރާއްޖެއިން ވަނީ ޑާކާގައި 2018 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ޗެމްޕިއަންކަން ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް