ކ. މާލެ
|
29 އޯގަސްޓް 2021 | އާދީއްތަ 23:17
އެމް.އެން.ޕީގެ އެއް މުއައްސިސް ޢަބްދުﷲ ޝިނާން
އެމް.އެން.ޕީގެ އެއް މުއައްސިސް ޢަބްދުﷲ ޝިނާން
ރާއްޖެއެމްވީ
އެމް.އެން.ޕީގެ މަސައްކަތްތައް
"އެމް.އެން.ޕީ އުފެއްދުމުގެ މަގުސަދަކީ އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުން"
ސިޔާސީ ޕާޓީތައް ވުޖޫދުވެގެން އަންނަނީ ރައްޔިތުންގެ އުންމީދުތައް ފުއްދައިދީ މާޔޫސްކަން ފިލުވާލުމަށްކަމަށް ވިދާޅުވި
ޒުވާނުންގެ ތާޢީދު އެމް.އެން.ޕީއަށް ބޮޑުކަމަށް ވިދާޅުވި
އެމް.އެން.ޕީއިން ވަނީ ރިޔާސީ އިންތިޚާބަށް، މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ފަށާފައި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ) އުފެއްދުމުގެ މަގުސަދަކީ އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް, ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުން ކަމަށް އެ ޕާޓީން ބުނެފިއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމް.އެން.ޕީ އުފެއްދެވުމުގައި އުޅުއްވި އެއް މުއައްސިސް, އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝިނާން ވަނީ އައު ސިޔާސީ ޕާޓީ އުފެއްދުމަށް ނިންމި ސަބަބާއި ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައެވެ.

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތައް ވުޖޫދުވެގެން އަންނަނީ ރައްޔިތުންގެ އުންމީދުތައް ފުއްދައިދީ މާޔޫސްކަން ފިލުވާލުމަށްކަމަށްވާއިރު، މިހާރު ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މި އުންމީދު ލިބެން އޮތް ހަމައެކަނި މަގަކީ އެމް.އެން.ޕީކަމަށެވެ. އެގޮތުން ސަރުކާރުގެ މައި ޕާޓީގެ މެދުގައި އިޚުތިލާފުތަކެއް އުފެދި, އަދި އިދިކޮޅުން ހަރުދަނާ ލީޑަރެއް ނުނެރެވުމުން ރައްޔިތުން ވަނީ ވަރަށް މާޔޫސްވެފައިވާކަމަށެވެ. މި ސަބަބަށްޓަކައި އައު ވިސްނުމަކާއެކު އެމް.އެން.ޕީ ވުޖޫދުކުރަން އުޅުމުން ޕާޓީއަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ގައުމުގެ ކުރިމަގު ކަމުގައިވާ ޒުވާނުންގެ ތާއީދު ޕާޓީއަށް ބޮޑުވުމަކީ ލިބޭ އުފަލެއްކަމުގައި އޭނާ ސިފަކުރެއްވިއެވެ.

އެމް.އެން.ޕީ އުފެއްދުމުގެ މަގުސަދަކީ އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ރައްޔިތުންނަށް ހެޔޮ ވެރިކަމެއްކޮށްދިނުންކަމަށާއި, މިކަން ކާމިޔާބުވާނެކަމުގެ އުންމީދު ބޮޑުކަމަށް ވިދާޅުވެ ޝިނާން ވަނީ ޕާޓީގެ ޕްރައިމަރީއިން ކެންޑިޑޭޓަކު ނެރޭނެކަމަށް ވިދާޅުވެފައެވެ. އަދި ސެޕްޓެމްބަރ 15ގައި 5000 ފޯމް އެކުގައި ހުށަހަޅާނެކަމަށް ވިދާޅުވިއެވެ.

ވަކިވަރަކަށް ޕާޓީ ބޮޑުވެ ފައްކާވީމައި ޕާޓީގެ އަސާސްތައް ބަދަލެއް ނުވާނެ. އަޅުގަނޑުމެން ޕާޓީގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް މަސައްކަތް ކުރާނެ. ސަރުކާރުން ކުރާ ރަނގަޅު ކަންތައްތަކަށް އިޖާބަ ދޭނެ. އެމް.އެން.ޕީގެ ސިޔާސަތަކީ ދިވެހިންނަށް ފަހިވާ ދިވެހިންނަށް ފުރަތަމަ އިސްކަންދޭ ސިޔާސަތެއް.
އެމް.އެން.ޕީގެ އެއް މުއައްސިސް ޢަބްދުﷲ ޝިނާން

އެމް.އެން.ޕީ އުފެއްދުމުގެ މަޤްސަދަކީ އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުންކަމަށް ބުނެފައިވާއިރު، އެ ޕާޓީއިން ވަނީ ރިޔާސީ އިންތިޚާބަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ފަށާފައެވެ.

- ކޮމެންޓް