ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ބްރެޒިލް އަންހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި 13 ސެޕްޓެމްބަރަށް މުއްދަތު ހަމަވާނެ ކަމަށް ފުލުހުން ބުނެއެވެ.
ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވަނީ މާރިއާ ނަޔާނީ ބެޒެއްރާ ފެރެއިރާ އަތުން ފެނިފައިވާ މަސްތުވާތަކެތީގެ ބަރުދަނަށް ބަލާއިރު، 16 ކިލޯއަށްވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި މިތަކެތި ހަވާލުވާނެ ފަރާތެއް ނެތްކަމަށް ވާތީ މިއީ ވިޔަފާރި ކުރުމުގެ ބޭނުމުގައި ރާއްޖެއަށް އެތެރެކުރި އެއްޗެއް ކަމަށް ބެލެވޭ ކަމަށާއި، އޭނާ ބަންދުން ދޫކޮށްލައިފިނަމަ ފިލާފާނެ ކަމަށް އަދި މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ ކަމަށް ފެންނަ ކަމަށެވެ.
ކަސްޓަމްސްއިން ބުނީ އޮގަސްޓް 18 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އައި އުމުރުން 29 އަހަރުގެ ބްރެޒިލް އަންހެނެއްގެ އަމަލުތައް ހުރިގޮތުން އެމީހާއާ މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މިތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ކަސްޓަމްސްއިން ބުނީ މި މީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 16.723 ކިލޯގުރާމް ހުރި ކަމަށެވެ. އަދި މިތަކެތީގެ މަގުމަތީ އަގު 83,000,000 (އަށްޑިހަ ތިން މިލިއަން) ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.