ރިސޯޓުތަކުގައި މަސައްކަތްކުރާ 93 އިންސައްތަ މުވައްޒަފުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން ރިސޯޓު މުވައްޒަފުންގެ ތެރެއިން 99 އިންސައްތަ މުވައްޒަފުން ވަނީ ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި 93 އިންސައްތަ މުވައްޒަފުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ރާއްޖެއަކީ ފަތުރުވެރިން ޒިޔާރަތްކުރުމަށް ރައްކާތެރި ގައުމަކަށް ހެދުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ފެށީ މިދިޔަ ފެބްރުއަރީ މަހުއެވެ. މީގެ އިތުރުން ވެސް މި ހިނގާ އޮގަސްޓު މަސް ނިމުމުގެ ކުރިން ރާއްޖޭގައި އުޅޭ، ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ދިނުމަށް އަމާޒު ހިފައި، ވެކްސިން ޕްރޮގްރާމެއް ކުރިއަށްގެންދާއިރު، މިހާރު ވަނީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމަށް ވެސް ޚާއްސަ ކެމްޕޭނެއް ފަށާފައެވެ.
މި ކެމްޕޭންގެ ދަށުން ރާއްޖޭގެ އާބާދީގެ 380،379 މީހުން މިހާތަނަށް ވަަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 300،671 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ.
ރާއްޖެއިން ފެންނަ ކޮވިޑްގެ ކޭސްތައް މަދުކުރުމަށް ފެށި މި ވެކްސިން ޕްރޮގްރާމާއި، ބަލި ކޮންޓްރޯލްކުރުމަށް އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއިން ފެންނަ ކޮވިޑްގެ ކޭސްތައް ވަނީ ވަރަށް ބޮޑަށް މަދުކުރެވިފައެވެ.
މީގެ ހެޔޮ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ވަނީ ކުރަން ފަށާފައެވެ. މިގޮތުން މި ހިނގާ އޮގަސްޓު މަހުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 120،529 އަށް އަރާފައެވެ. މިއާއެކު މި މަސް ވެގެންގޮސްފައިވަނީ މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި މަހަށެވެ. އަދި މިއީ މި އަހަރު އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައި ތިންވަނަ މަހެވެ.