ކ. މާލެ
|
25 އޯގަސްޓް 2021 | ބުދަ 22:23
އައިޓެކް ޕްރޮގްރާމަށް ދިވެހިންގެ ބޮޑު ތަރުހީބެއް ލިބެމުންދޭ
އައިޓެކް ޕްރޮގްރާމަށް ދިވެހިންގެ ބޮޑު ތަރުހީބެއް ލިބެމުންދޭ
ރާއްޖެއެމްވީ
އައިޓެކް ޕްރޮގްރާމް
އައިޓެކް: ދިވެހިންނަށް އެކި ދާއިރާއަކުން ފަހި ފުރުސަތުތައް ހޯދައިނުމަށް އިންޑިއާ އަބަދުވެސް ތައްޔާރަށް
 
އައިޓެކް ޕްރޮގްރާމްތަކުގައި އަހަރަކު 250އެއްހާ ދިވެހިން ބައިވެރިވަމުންދޭ
 
ވަޒީފާގެ މާހައުލުގައި ކުރިމަތިވާ ކަންކަމާ ކުރިމަތިލުމަށް ވަރަށް ފަސޭހަވޭ
 
ދުނިޔޭގެ 161 ގައުމަކުން އައިޓެކް ޕްރޮގްރާމްތަކުގައި މީހުން ބައިވެރިވޭ

އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓެކް) ޕްރޮގްރާމަކީ 1964ވަނަ އަހަރު އިންޑިއާ ސަރުކާރުން ފެށި ބައިލޭޓަރަލް އެހީގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އެކި ދާއިރާތަކުން މީހުން ތަމްރީންކޮށް، އިންޑިއާގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެގައުމުގެ ސަރުކާރުން ކުރިއަށްގެންދާ މުހިއްމު ޕްރޮގްރާމެކެވެ. ދުނިޔޭގެ 161 ގައުމެއްގައި، އިންސާނީ ވަސީލަތްތައް ތަރައްގީކޮށް، ގާބިލުކަން އިތުރުކުރުމަށް އައިޓެކް ޕްރޮގްރާމްތަކުގައި މީހުން ބައިވެރިވެއެވެ. އައިޓެކްގެ ދަށުން ހިންގާ އާއްމު ޕްރޮގްރާމްތަކުގެ އިތުރަށް، އެކި ގައުމުތަކުގެ އެދުމުގެ މަތިންނާއި، ވަގުތާ ހާލަތަށް ރިޢާޔަތްކޮށް, ވަކި ގައުމުތަކަށް ޚާއްސަ ޕްރޮގްރާމްތައް ވެސް އައިޓެކްގެ ތެރެއިން އެކި ގައުމުތަކުގައި އިންޑިއާއިން ފޯރުކޮށްދެއެވެ. ސައިންސާއި ޓެކްނޮލޮޖީގައި އިންޑިއާއިން ހޯދަމުން އަންނަ ކުރިއެރުންތައް މުޅި ދުނިޔެއަށް ހިއްސާކުރުމަށް މުހިއްމު ޕްރޮގްރާމަކަށް އައިޓެކް ވެގެންދެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާއަށް ވަޑައިގެން، ދެގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، އައިޓެކް ޕްރޮގްރާމްތައް މެދުވެރިކޮށް, އެމަނިކުފާނުގެ ވެރިކަމުގެ 5 އަަހަރުތެރޭ 1000 ދިވެހިންނަށް ތަފާތު އެކި ރޮނގުރޮނގުން ތަމްރީންތައް ދިނުމަށް އިންޑިއާއިން ނިންމި ނިންމުމަކީ، އައިޓެކް ޕްރޮގްރާމްގެ ފައިދާ ރާއްޖެއަށް ވަރަށް ބޮޑަށް ލިބިގެން ދިޔަ މަގެކެވެ. އެގޮތުން ޖުޑީޝަރީއާއި ގާނޫނު ތަންފީޒުކުރާ އިދާރާތައް، އޮޑިޓްއާއި މާލީ ދާއިރާ، ލޯކަލް ގަވަރނަންސް، އިޖްތިމާއީ ތަރައްގީ, އައިޓީ، އީ-ގަވަނަންސް، ކުޅިވަރު، މީޑިއާ، އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުން، ލީޑަރޝިޕް، ސަޤާފަތާއި ފަންނުވެރިކަން ފަދަ އެތައް ދާއިރާތަކުން މީހުން ތަމްރީންކުރުމަށް އިންޑިއާއިން ފުރުސަތު ހުޅުވާލިއެވެ. އަދި މި ތަމްރީންތައް ހެދުމަށް ފުރުސަތު ލިބިފައިވާ އިންޑިއާގެ އިންސްޓިޓިއުޝަންތަކަކީ އިންޑިއާގެ އިތުރުން މި ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ މަރުކަޒުތަކެކެވެ.

އިންޑިއާއިން ދިން މި އެހީތެރިކަމާއެކު މިހާތަނަށް އެކި ރޮނގު ރޮނގުން ގިނަ އަދަދެއްގެ ދިވެހިން، ޚާއްސަކޮށް ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުން ވަނީ މަސައްކަތުގެ މާހައުލާ ގުޅޭ ކުރު މުއްދަތުގެ މުހިއްމު ގިނަ ކޯސްތަކެއް ހަދާފައެވެ. އައިޓެކް ޕްރޮގްރާމް ފުރިހަމަކުރި, އަދި މިހާރު ފ.އަތޮޅު ކައުންސިލްގައި މަސައްކަތް ކުރާ ނުޒްލާ ޖަލީލު ބުނެފައިވަނީ ވަރަށް ގިނަ މައުލޫމާތުތައް ލިބިގެންދިޔަ ކަމަށާއި، ވަޒީފާގެ މާހައުލުގައި ކުރިމަތިވާ ކަންކަމާ ކުރިމަތިލުމަށް ވަރަށް ފަސޭހަވަގެން ދިޔަ ކަމަށެވެ.

ޕްރޮގްރާމް ފުރިހަމަކުރި ނުޒްލާ ޖަލީލު

މިޕްރޮގްރާމްގައި ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ. ކަސްޓަމްސް ސަރވިސްގައި މަސައްކަތް ކުރަމުންދާ ސަދުމާ މޫސާ ބުނެފައިވަނީ އައިޓެކް ޕްރޮގްރާމްގެ ތެރެއިން އެކިކަހަލަ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ފުރުސަތު ލިބޭ ކަމަށެވެ. އަދި ޕްރޮގްރާމްގެ ތެރެއިން ވަރަށް ގިނަ މައުލޫމާތުތައް ލިބި، ގިނަ ކަންކަމަށް މީހާ ހޭލުންތެރިވެގެންދާނެ ކަމަށެވެ.

ހެރެސްމެންޓް ކުރިމަތިވާއިރު ޑީލް ކުރާނެ ގޮތާއި، ވަޒީފާގެ މާހައުލުގައި މުއައްޒަފުންނާއި ޑީލް ކުރާނެ ގޮތް. މީގެ އިތުރުން ވެސް ވަޒީފާގެ މާހައުލުގައި މެނޭޖްމެންޓުން ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލުމަށް ކުރެވޭނެ ކަންކަމާއި ބޭހޭ ގޮތުން ވެސް ވަރަށް ގިނަ މައުލޫމާތުތައް ލިބިގެންދިޔަ.
ކަސްޓަމްސް ސަރވިސްގައި މަސައްކަތް ކުރަމުންދާ ސަދުމާ މޫސާ

އައިޓެކް ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ބައިވެރިން ބުނެފައިވާ ގޮތުން އިންޑިއާއިން ދޭ މެހަމާންދާރީއަކީ އިތުރަށް ޕްރޮގްރާމް ފުރިހަމަ ކުރުމަށް ލިބޭ ބާރެކެވެ. އެހެންކަމުން ދެ ވަނަ ފަހަރަށް ވެސް މިކަހަލަ ފުރުސަތެއް ލިބިއްޖެނަމަ ބައިވެރިވާނެ ކަމަށް އެމީހުން ބުނެފައިވެއެވެ.

އައިޓެކް ޕްރޮގްރާމާ ބެހޭ ގޮތުން ކޯސް ކޯޑިނޭޓަރު އަނީތާ ކުކްރެޓީ ވަނީ ވަރަށް އުފާވެރި ޚަބަރެއް ވެސް ދެއްވާފައެވެ. އެކަމަނާ ވިދާޅުވީ ކޮވިޑްގެ ހާލަތުން އަރައިގަނެވުމުން އަލުން އަނެއްކާވެސް އިންޑިއާގައި ޕްރޮގްރާމްތައް ހިންގުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމާފައިވާ ކަމަށެވެ. ތަރައްގީގެ ރޮނގުގައި ބާރު ސްޕީޑްގައި އިންޑިއާއިން ހޯދަމުން އަންނަ ކުރިއެރުމުގެ ތަޖުރިބާ، އައިޓެކް މެދުވެރިކޮށް އެހެން ގައުމުތަކާ ހިއްސާކުރުމަކީ އައިޓެކްގެ މުހިއްމު އެއް ބޭނުން ކަމަށްވާއިރު، މިޕްރޮގްރާމްއަށް ގިނަ ގައުމުތަކުގެ ތަރުހީބު ލިބެމުންދާ ކަމަށް އަނީތާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ދިވެހިންނަށް އަބަދުވެސް ޚާއްސަ ސަމާލުކަމެއް ދޭ ކަމަށާއި، ހުރިހާ ދާއިރާތަކަކުން ތައުލީމާއި ތަޖުރިބާ ދިވެހިންނަށް ހޯދައިނުމަށް އިންޑިއާއިން އަބަދުވެސް އިސްކަން ދޭނެ ކަމަށެވެ.

ކޯސް ކޯޑިނޭޓަރު އަނީތާ ކުކްރެޓީ

ރައީސް ޞާލިޙު ވެރިކަމަށް ވަޑައިގަތުމަށްފަހު އައިޓެކް ޕްރޮގްރާމްތަކުގައި އަހަރަކު 250 އެއްހާ ދިވެހިން ބައިވެރިވަމުންދާކަން އިންޑިއާ ހައިކޮމިޝަންއިން ހާމަކޮށްފައިވެއެވެ. ގިނަ ޕްރޮގްރާމްތަކަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިންޑިއާއަށް ގޮސް ހަދާ ކޯސްތަކެއް ނަަމަވެސް، ކޮވިޑް-19އާ ގުޅިގެން މުޅި ދުނިޔެއަށް އައި ލޮޅުމާއެކު، ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރަން ޖެހުނު ދަނޑިވަޅުގައި އިންޑިއާއަށް ގޮސްގެން ކޯސްތަކުގައި ބައިވެރިވުމަށް ހުރަސްތަކެއް ކުރިމަތިވިއެވެ. ނަމަވެސް ވަގުތާއި ހާލަތަށް ހޭނި، އީ-އައިޓެކްގެ ނަމުގައި އިންޑިއާ އިން އައިޓެކް ޕްރޮގްރާމްތައް އޮންލައިންކޮށް ފެށިއެވެ. އަދި ހުއްޓުމެއްނެތި ދިވެހިން ވެސް އައިޓެކް ޕްރޮގްރާމްތަކުގައި އޮންލައިންކޮށް ބައިވެރިވާން ފެށިއެވެ. އެހެންކަމުން ތައުލީމީ ދާއިރާއިން ދިވެހިންނަށް ފަހި ފުރުސަތުތައް ހޯދައިދިނުމަށް އިންޑިއާގެ ދައުރު ބޮޑުކަން ފާހަގަކޮށްލެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް