ކ. މާލެ
|
25 އޯގަސްޓް 2021 | ބުދަ 12:28
ރިސައިކަލް ކޮށްފައިވާ ބޯކަރުދާހުން ހަދާފައިވާ ކާޑްބޯޑު ފޮށި ބޭނުންކޮށްގެން ސަންދޯއް ޖަހަނީ
ރިސައިކަލް ކޮށްފައިވާ ބޯކަރުދާހުން ހަދާފައިވާ ކާޑްބޯޑު ފޮށި ބޭނުންކޮށްގެން ސަންދޯއް ޖަހަނީ
ރާއްޖެއެމްވީ
ލަންކާގެ ކޮވިޑް ޙާލަތު
ސަންދޯކުގެ 3 ފިލާގެ ބަދަލުގައި ކާޑްބޯޑު ފޮއްޓެއް!
 
ކޮވިޑް-19 ގެ ނުރައްކާތެރި ޑެލްޓާ ވޭރިއަންޓު އެ ޤައުމުގައި ދަނީ ފެތުރެމުން
 
ލަންކާގައި ކޮންމެ ދުވަހަކު ވެސް ރެކޯޑު އަދަދުތަކުން މީހުން މަރުވަމުންދޭ
 
އެވެސް ރިސައިކަލް ކޮށްފައިވާ ބޯކަރުދާހުން ހަދާފައިވާ ކާޑްބޯޑު ފޮށިތަކެއް

އަވަށްޓެރި ލަންކާގައި ކޮވިޑް-19 ގެ ޑެލްޓާ ވޭރިއަންޓް ފެތުރި އެ ޤައުމުގެ ކޮވިޑް-19 ގެ ހާލަތު މިވަނީ އިންތިހާއަށް ގޯސްވެފައެވެ. ދުވާލެއްގެ މައްޗަށް މި ބަލި ޖެހިގެން މަރުވާ މީހުންނާއެކު 400 އާ ގާތް ކުރާ އަދަދަކަށް އެކި ބަލިތަކުގައި މީހުން މަރުވަމުންދާއިރު، މީހުން ވަޅުލުމަށް ބޭނުންވާ ސަންދޯއް ލިބުމުގައި ވެސް މިވަނީ ދަތިތައް ކުރިމަތިވެފައެވެ. ސަންދޯއް ޖެހުމަށް ފިލާ ލިބުމުގައި ވެސް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާއިރު، އެންމެ ފަހުން މިވަނީ އާދައިގެ ފޮށިގަނޑު ބަންދު ކުރުމަށް ބޭނުންކުރާ ކާޑްބޯޑު ބޭނުންކޮށްގެން ސަންދޯއް ޖަހަން ފަށާފައެވެ. މަރުވެގެންދާއިރު ގެންދެވެނީ 3 ފިލައާއި ކަފުނޭ ބުނެއެވެ. ނަމަވެސް މިއަދު މިވަނީ ސަންދޯކުގެ ތިން ފިލާގެ ބަދަލުގައި ތިން ގަނޑު "ބޯ ކަރުދާހަށް" ބަދަލުވެފައެވެ. އެވެސް ރިސައިކަލް ކޮށްފައިވާ ބޯކަރުދާހުން ހަދާފައިވާ ކާޑްބޯޑު ފޮށިތަކެކެވެ.

ލަންކާގެ ކޮވިޑުގެ ހާލަތު ގޯސްވެފައިވަނީ ކޮވިޑް-19 ގެ ނުރައްކާތެރި ޑެލްޓާ ވޭރިއަންޓު އެ ގައުމުގައި ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވަމުންދާ އިޤްތިޞާދީ ލޮޅުންތަކާއެކު، އަގުހެޔޮ، އަވަސް ގޮތްތަކެއް އެ ޤައުމަށް ވެސް މިވަނީ ޚިޔާރުކުރަން ޖެހިފައެވެ. ކޮންމެ ދުވަހަކުވެސް ރެކޯޑު އަދަދުތަކުން މީހުން މަރުވަމުންދާއިރު، 22 ޑޮލަރަށްދޭ ކާޑްބޯޑު ސަންދޯކެއް ޖަހައިގެން މެނުވީ މީހުންގެ ޖަނާޒާގެ ކަންކަމާއި ކަށުކަމާކެމީގެ ކަންކަން ކުރިއަށްގެންދަން ދަތިވެފައިވާވަރަށް އެ ޤައުމުގެ ބައެއް ސަރަޙައްދުތަކުގެ ހާލަތު ވަނީ ގޯސްވެފައެވެ. ޚާއްސަކޮށް ފަގީރު އާބާދީތަކަށް މި ނޫން ގޮތެއް ވެސް ނެތީއެވެ.

ފަގީރު އާއިލާތަކަށް އެހީވެދިނުމަށް އެ ގައުމުގެ އޮފިޝަލެއްކަމަށްވާ ޕިއަންތާ ސަރްބަންދީ ފެށި މި މަސައްކަތަށް ހުއްދަ ލިބި، އެ މަސައްކަތް ފަށައިގަނެ މިއަދު ކާޑްބޯޑު ސަންދޯއް މިވަނީ ނުހަނު ބޭނުންތެރި އެއްޗަކަށް ވެސް ވެފައެވެ. 220 ޕައުންޑް ގެ ބުރަދަން ހިފަހައްޓާލެވޭވަރަށް ތައްޔާރުކޮށްފައިވާ މި ސަންދޯއްތަކުގެ ސަބަބުން ފަގީރު އާބާދީތަކަށް މިވަނީ ބޮޑު ލުޔެއް ވެސް ލިއްބައިދީފައެވެ.

އޭގެ އިތުރުން، ކޮވިޑުގެ މަރުތައް އިންތިހާއަށް އިތުރުވަމުންދާ މި ދަނޑިވަޅުގައި 30 މިނެޓުން ތައްޔާރު ކުރެވޭ މި ސަންދޯކުގެ ބޭނުންތެރިކަން އޮފިޝަލުން ވެސް ފާހަގަކޮށްފައިވެއެވެ. ކޮވިޑުގެ ވަބާގެ ތެރެއިން ހޯދި މި ފަސޭހައަކީ މިއަދު ތިމާވެއްޓާ މާ ރައްޓެހި ގޮތެއްކަމަށް ގަބޫލު ކުރެވޭކަމަށް ޕިއަންތާ ސަރްބަންދީ ފާހަގަކުރެއެވެ. ލަންކާގައި ކޮވިޑުގެ ހާލަތު ގޯސްވެ، ހުކުރު ދުވަހުން ފެށިގެން 10 ދުވަހަށް މުޅި ގައުމު ވަނީ ލޮކްޑައުން ވެސް ކޮށްފައެވެ. އެއީވެސް ދުވާލެއްގެ މައްޗަށް ރެކޯޑު އަދަދުތަކުން ކޮވިޑުގެ މަރުތައް ރިޕޯޓުކުރަމުން ދަނިކޮށެވެ.

ކޮންމެއަކަސް، ކޮވިޑް-19 މިވަނީ އިންސާނުންނަށް ބޮޑެތި ފިލާވަޅުތަކެއް ދަސްކޮށްދީފައެވެ. ދުނިޔެއަކީ ކިހާ ވަގުތީ ތަނެއްކަމާއި، އިންސާނުންނަކީ ކިހާ ނިކަމެތި ބައެއްކަން ވެސް ހަނދާންކޮށްދީފައެވެ. ދުނިޔެ މަތީގައި ބޮޑާވެ، ކިބުރުވެރިވެ އުޅުމުގެ އެއްވެސް ބޭނުމެއް ނެތްކަން ހަނދާން ކޮށްދީފައެވެ. މަރުވެގެންދާއިރު ގެންދާ 3 ފިލައާއި ކަފުން ވެސް ނުގެންދެވޭހާ ނިކަމެތި ހާލަތަކަށް ވައްޓާލާފައެވެ. މިއީ ހައްތަހާވެސް ދިރިތިބީންނަށް ޢިބުރަތެއް ނޫންބާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
25%
13%
50%
0%
13%
0%
ކޮމެންޓް