ކ. މާލެ
|
24 އޯގަސްޓް 2021 | އަންގާރަ 23:18
ޗިޅިޔާ މޫސާ މަނިކް - 2009 ވަނަ އަހަރު ގައުމީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން
ޗިޅިޔާ މޫސާ މަނިކް - 2009 ވަނަ އަހަރު ގައުމީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން
ރައީސް އޮފީސް
ޗިޅިޔާ މޫސާމަނިކު އަވަހާރަވުން
ޗިޅިޔާ މޫސާ މަނިކު އަވަހާރަވެއްޖެ
ފިލްމާއި ތަމްސީލު ކުޅުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމެ 2009 ވަނަ އަހަރުވެސް ޗިޅިޔާއަށް ލިބިލެއްވި
ދިވެހި ފިލްމީ ދާއިރާއިން އެންމެ ފުރަތަމަ ޗިޅިޔާ މޫސާ މަނިކު ފެނިގެންދިޔައީ، "މުޙައްމަދު ތަކުރުފާނު" ނުވަތަ "ޣާޒީ ބަންޑާރައިން" މި ފިލްމުން
ޗިޅިޔާ މޫސާ މަނިކު އަވަހާރަވީ، އަންގާރަ ދުވަހުގެރޭ 10:00ހާއިރު އައިޖީއެމްއެޗްގައި

ދިވެހި ފިލްމީ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަށް ކުރެއްވި، ޗިޅިޔާ މޫސާ މަނިކު އަވަހާރަވެއްޖެއެވެ.

ޗިޅިޔާ މޫސާ މަނިކު އަވަހާރަވީ، އަންގާރަ ދުވަހުގެރޭ 10:00 ހާއިރު އައިޖީއެމްއެޗްގައެވެ. އާއިލާއިން ބުނީ، ފަހަަކަށް އައިސް ބަލިވެ އުޅުއްވާ ކަމަށެވެ. އަވަހާރަވިއިރު، އަނބިކަނބަލުންނާއި 11 ކުދިން އެބަތިއްބެވެ.

ފިލްމު އިންޑަސްޓްރީގައި ޙަރަކާތްތެރިވަމުންދާ ފަންނާނުންގެ އެދުރެއްގެ ގޮތުން، އެންމެ ކުރީ ސަފުގައި ހުންނެވި ބޭފުޅަކީ، ޗިޅިޔާއެވެ. އަދި ޗިޅިޔާ މޫސާ މަނިކަކީ، ވަރަށް ފަންނުވެރި އަދި މަޝްހޫރު ކުރެހުންތެރިއެކެވެ.

ދިވެހި ފިލްމީ ދާއިރާއިން އެންމެ ފުރަތަމަ ޗިޅިޔާ މޫސާ މަނިކު ފެނިގެންދިޔައީ، 1982 ވަނަ އަަހަރު ޓެލެވިޜަން މޯލްޑިވްސުން ތައްޔާރު ކުރެއްވި "މުޙައްމަދު ތަކުރުފާނު" ނުވަތަ "ޣާޒީ ބަންޑާރައިން" މި ފިލްމުންނެވެ. މި ފިލްމުން ފެނުނު ޗިޅިޔާގެ ފުރަތަމަ ފެނިލުމުންވެސް އޭނާއަކީ، ފިލްމީ ދާއިރާގައިވެސް މުސްތަޤްބަލެއް އޮތް ބޭފުޅެއްކަން ކަށަވަރުވެގެންދިޔައެވެ. އެ ފިލްމުގައި އޭނާ އަދާކުރައްވާފައިވާ ވިޔަޒޯރުގެ ބަޔަށް، ގިނަ ބައެއްގެ ތަޢުރީފު ލިބިގެންދިޔައީ، ޙަޤީޤަތާ އެއްގޮތަށް އޭނާ އެ ދެއްކެވި މޮޅު ހުނަރުގެ ސަބަބުންނެވެ.

ފިލްމީ ދާއިރާއަށް ޗިޅިޔާ މޫސާ މަނިކަށް ވެދެވަޑައިގެންނެވުނީ، ތަމްސީލު ކުޅުއްވުމުގެ ދާއިރާގެ ތެރެއިންނެވެ. އެއީ 1977 ވަނަ އަހަރުއެވެ. މަޖީދިއްޔާ ސްކޫލްގެ ގޯލްޑަން ޖުބިލީ ފާހަގަކުރެއްވިއިރު ބޭއްވި ސްޓޭޖް ތަމްސީލު ޝޯތަކުންނެވެ. އޭގެފަހުން، އެކި ފަރާތްތަކުން ބޭއްވި ތަމްސީލު ޝޯތަކުގައިވެސް ޗިޅިޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. ތަމްސީލު ކުޅުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު، 1983 ވަނަ އަހަރު ސަރުކާރުން އޭނާއަށްވަނީ ދެއްވާފައެވެ.

ފިލްމީ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވަން ފެށްޓެވިފަހުން މިއަދާ ހަމައަށް ތަފާތު އެތައް ފިލްމެއްގައި އޭނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މިފިލްމުތަކުގައި ތަފާތު އެތައް ރޯލެއް އޭނާ ވަނީ ކުޅުއްވާފައެވެ. މިހާތަނަށް 50 އަށްވުރެ ގިނަ ފިލްމުގައި ތަފާތު އެކިބައިތައް އޭނާ ވަނީ އަދާކުރައްވާފައެވެ. މީގެއިތުރުން، 30 އަށްވުރެ ގިނަ ޑްރާމާގައިވެސް އޭނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޗިޅިޔާ މޫސާ މަނިކަށް "އާފަތިސް" އެވޯޑްވެސް ވަނީ ލިބިވަޑައިގެންފައެވެ. މިގޮތުން، އެންމެމޮޅު ދިވެހި ވާހަކައާއި، އެންމެ މޮޅު ޑައިލޮގް ލިޔުއްވައިގެން ދިވެހި ފިލްމު "ޒަޚަމް" އިން 1995 ވަނަ އަހަރު ބެސްޓް ޑައިލޮގް، ބެސްޓް ސްޓޯރީގެ އިނާމު ލިބިވަޑައިގެންފައިވެއެވެ. އަދި 1996 ވަނަ އަހަރު ބެސްޓް ސަޕޯޓިންގ އެކްޓަރުގެ މަގާމު، ފިލްމު "ހަގު އަނބި"ން އޭނާ ހޯއްދަވާފައިވެއެވެ. މިރޮނގުން އޭނާ އެންމެ ފަހުން ޙާޞިލު ކުރެއްވި ކާމިޔާބީއަކީ، "މިއަދު" ނޫހުގެ ކްރިސްޓަލް އެވޯޑް 2008ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑެވެ.

ފިލްމީ ދާއިރާގައި މިއަދާ ހަމައަށްވެސް ޗިޅިޔާ މޫސާ މަނިކު ދެމިހުންނެވީ، މިދާއިރާއަށް އޭނާގެ ހިތްޕުޅުގައި އުފެދިފައި އޮތް ބޮޑު ޝައުޤުވެރިކަމުގެ ސަބަބުންނެވެ. ފާހަގަކޮށްލެވޭ އެއްކަމަކީ، އެއްވެސް އަގަކާ ނުލައި ވަރަށްގިނަ ދިވެހި ފިލްމާއި ޑްރާމާގައި މަސައްކަތް ކޮށްދެއްވާފައިވާ ކަމެވެ. ހަމައެއާއެކު، ދިވެހި ފިލްމީ ދާއިރާއަށާއި، މުނިފޫހިފިލުވުމުގެ ދާއިރާއަށް މިވޭތުވެދިޔަ ތާނގައި ނުކުތް ދެޖިންސުގެ އެކި ޢުމުރުގެ ފަންނާނުންނަށް މިދާއިރާއިން ކުރިއަށް ދެވޭނެ ގޮތްތައް ފަހިކޮށްދެއްވައި، އެކަމުގެ ހުނަރު ދަސްކޮށްދެއްވުމުގައިވެސް ޗިޅިޔާވަނީ، ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.

ފިލްމާއި ތަމްސީލު ކުޅުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމެ 2009ވަނަ އަހަރުވެސް ޗިޅިޔާއަށް ލިބިލެއްވިއެވެ.


Advertisement
- ކޮމެންޓް