ކ. މާލެ
|
24 އޯގަސްޓް 2021 | އަންގާރަ 21:38
ލިވަޕޫލަށް ކުޅެމުން އަންނަ ސްކޮޓްލެންޑުގެ ޑިފެންޑަރު އެންޑީ ރޮބަޓްސަން
ލިވަޕޫލަށް ކުޅެމުން އަންނަ ސްކޮޓްލެންޑުގެ ޑިފެންޑަރު އެންޑީ ރޮބަޓްސަން
ގެޓީ އިމޭޖަސް
ރޮބަޓްސަން އެއްބަސްވުން އާކުރުން
ލިވަޕޫލުގެ އެއްބަސްވުން ރޮބަޓްސަން އާކޮށްފި
 
ރޮބަޓްސަން ލިވަޕޫލާ ގުޅުނީ 2017 ވަނަ އަހަރު ހަލް ސިޓީ ދޫކޮށް
 
2026 ވަނަ އަހަރުގެ ނިޔަލަށް ރޮބަޓްސަން ލިވަޕޫލުގައި މަޑުކުރާނެ

ލިވަޕޫލާއެކު ހަދާފައި އޮތް އެއްބަސްވުން ސްކޮޓްލެންޑުގެ ޑިފެންޑަރު އެންޑީ ރޮބަޓްސަން އާކޮށްފިއެވެ.

އުމުރުން 27 އަހަރުގެ ޑިފެންޑަރު ލިވަޕޫލާ ގުޅުނީ 2017 ވަނަ އަހަރުގެ ޖުލައި މަހު ހަލް ސިޓީ ދޫކޮށް އަށް މިލިޔަން ޕައުންޑުގެ ފީއަކަށެވެ. އެ ފަހަރު އޭނާ ވަނީ ލިވަޕޫލާއެކު ދިގު މުއްދަތުގެ އެއްބަސްވުމެއް ހަދާފައެވެ.

ލިވަޕޫލުން އެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް އެއްބަސްވުން އާކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އަންގާރަ ދުވަހު އެ ކުލަބުން ވަނީ ރޮބަޓްސަންގެ އެއްބަސްވުން އަނެއްކާވެސް ދިގު މުއްދަތަކަށް އާކުރިކަން އިއުލާނުކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން 2026 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް އޭނާ އެ ޓީމުގައި މަޑުކުރާނެއެވެ.

އެއްބަސްވުން އާކުރުމަށްފަހު ލިވަޕޫލުގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ރޮބަޓްސަން ބުނީ އެ ކުލަބު މިހާތަނަށް އޭނާއަށް ހޭދަކުރެވުނު ދުވަސްތަކަކީ އުފާވެރި ދުވަސްތަކެއް ކަމަށެވެ. އެހެންކަމުން އޭނާ ބޭނުންވަނީ ވީހާވެސް ގުނަ ދުވަހަކު ލިވަޕޫލުގައި މަޑުކޮށް، އެ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށް ކަމަށްވެސް ބުންޏެވެ.

ލިވަޕޫލުގެ އެއްބަސްވުން ރޮބަޓްސަން އާކުރިއިރު، މި ފަހުން ލިވަޕޫލުން ހޯދި ކާމިޔާބީތަކުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. ލިވަޕޫލުގައި ރޮބަޓްސަން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ ވަނީ މިހާތަނަށް ލިވަޕޫލަށް 177 މެޗު ކުޅެދީ ފަސް ލަނޑު ޖަހާފައެވެ. އަދި ވަނީ ލިވަޕޫލާއެކު އިނގިރޭސި ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕުގެ އިތުރުން ފީފާ ކުލަބު ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައެވެ.

ލިވަޕޫލުގެ އެއްބަސްވުން ރޮބަޓްސަން އާކުރިއިރު، އެ ޓީމަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ތަރި ޓްރެންޓް އަލެކްސަންޑަ-އާނޯލްޑާއި، ބްރެޒިލުގެ މިޑްފީލްޑަރު ފަބީނިއޯ އާއި، ބްރެޒިލުގެ ތަޖުރިބާކާރު ގޯލްކީޕަރު އެލިސަން ބެކާ އަދި ނެދަލެންޑްސްގެ އިތުބާރު ޑިފެންޑަރު ވާޖިލް ވެން ޑައިކުވެސް ވަނީ ދާދި ފަހުން އެއްބަސްވުން ދިގު މުއްދަތަކަށް އާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
50%
0%
0%
0%
50%
ކޮމެންޓް