ކ. މާލެ
|
24 އޯގަސްޓް 2021 | އަންގާރަ 08:38
ހިޔާ ފުލެޓް
ހިޔާ ފުލެޓް
ރާއްޖެއެމްވީ
ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުން
ހިޔާ 15 އަދި 16 ވަނަ ޓަވަރުގެ ލިފްޓް ކޮމިޝަންކޮށް، ކަރަންޓް ދިނުމުގެ މަސައްކަތް ފަށައިފި
ކަރަންޓުގެ ޚިދުމަތް ދިނުން ވަގުތީގޮތުން މެދުކަނޑާލީ ހުކުރު ދުވަހު ހިޔާގެ ޓަވަރެއްގެ ލިފްޓުގެ ތެރޭގައި ބަޔަކު ތާށިވުމާ ގުޅިގެން

ހިޔާ 15 އަދި 16 ވަނަ ޓަވަރުގެ ލިފްޓް ކޮމިޝަންކޮށް، ކަރަންޓް ދިނުމުގެ މަސައްކަތް ފަށައިފިއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނީ ހިޔާ 15 އަދި 16 ވަނަ ޓަވަރުގެ ލިފްޓް ކޮމިޝަންކޮށް ނިންމައި, ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) އެ ދެޓަވަރަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް އެންގުމާ ގުޅިގެން އެ ދެ ޓަވަރުގައި ކަރަންޓު ނުދެވި ހުރި ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް އަންގާރަ ދުވަހު ފަށާފައިވާ ކަމަށެވެ. ކުރިން ވެސް ހަމަޖެހިފައިވާގޮތަށް އެ ދެ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސް.އެމް.އެސް މެދުވެރިކޮށް ހާޒިރުވާން ޖެހޭ ގަޑި އަންގާނެ ކަމަށާއި، އެބޭފުޅަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް އެކުންފުނިން ދޫކޮށްފައިވާ ސްލިޕާއި، ފްލެޓްގެ ތަޅުދަނޑިއާއެކު، ޓަވަރުތަކަށް އައުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސްޓެލްކޯ އިން އިތުރަށް ބުނީ ހިޔާގެ 9 ވަނަ ޓަވަރުން ފްލެޓް ލިބި އެޗްޑީސީއާއެކު، ސޮއިކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ސްޓެލްކޯގެ ޚިދުމަތުގެ ފޯމްގައި ސޮއި ނުކޮށްތިބި ފަރާތްތަކުން ހުޅުމާލޭ ހުރަވީ ސުކޫލުގެ ހޯލުގައި ބަހައްޓާފައިވާ ސްޓެލްކޯގެ މޭޒަށް އަންގާރަ ދުވަހުގެ ހެނދުނު 9ން މެންދުރު 12ށް އެތަނަށް ގޮސް ރަޖިސްޓްރީވުމަށް އެދޭ ކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ޓަވަރުތަކުގެ ލިފްޓްތައް ކޮމިޝަންކޮށް ނިމެންދެން އެ ޓަވަރުތަކަށް ކަރަންޓުގެ ޚިދުމަތް ދިނުން ވަގުތީގޮތުން މެދުކަނޑާލީ ހުކުރު ދުވަހު ހިޔާގެ ޓަވަރެއްގެ ލިފްޓުގެ ތެރޭގައި ބަޔަކު ތާށިވުމާ ގުޅިގެންނެވެ. އަދި ލިފްޓްތައް ކޮމިޝަންނުކޮށް ހުރެއްޖެނަމަ މިފަދަ އިތުރު ހާދިސާތަކެއް މެދުވެރިވެދާނެ ކަމަށްބަލައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.

ހުކުރު ދުވަހު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްފައިވަނީ ހިޔާ ޓަވަރުތަކުގެ ތެރެއިން H3 އަދި 4 ވަނަ ޓަވަރަށެވެ. އެޗްޑީސީން ވަނީ އޮގަސްޓް 22ން ފެށިގެން 30ށް ޓަވަރުތަކުގެ ލިފްޓްތައް ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ރާވާފައެވެ.

މިހާތަނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފައިވަނީ H3, H4, H7, H8, H11, H12, H15 އަދި H16 އަށެވެ.

ހިޔާ ފްލެޓަށް ބަދަލުވުމުގެ މަސައްކަތް ބައެއް ފަރާތްތަކުން މިހާރު ވަނީ ފަށާފައެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ 25 ބުރީގެ 16 ޓަވަރަށް ކަރަންޓް ގުޅައިދިނުމުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަނުންނެވެ. ކަރަންޓް ދިނުމަށް ބޭނުންވާ ކޭބަލްތައް އެޅުމާއި، ކަރަންޓް މީޓަރުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ހިޔާގެ 16 ޓަވަރަށާއި އަދި އިތުރު ބޭނުންތަކަށް ބެހެއްޓި 1 ޓްރާންސްފޯމަރަކާއެކު ޖުމްލަ 17 ޓްރާންސްފޯމަރު ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް ވަނީ ބަހައްޓާފައެވެ. މި ޓްރާންސްފޯމަރުތަކަށް ކަރަންޓުދީ، ފްލެޓްތަކަށް ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް ކުރަމުންދަނީ ސްޓެލްކޯގެ ވެސް ބައިވެރިވުމާއެކުއެވެ.

- ކޮމެންޓް