ކ. މާލެ
|
24 އޯގަސްޓް 2021 | އަންގާރަ 00:51
ތިންވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ބުރު ސްޕޯޓްސް ޓީމު
ތިންވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ބުރު ސްޕޯޓްސް ޓީމު
އެފްއޭއެމް
ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް
ތިންވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސްއަށް
 
ބިސް ބުރު އަތުން ބުރު ސްޕޯޓްސް މޮޅުވީ 11-0 ގެ ނަތީޖާއަކުން
 
ބުރު ސްޕޯޓްސްއަށް އިރުޝާދުދިނީ އީގަލްސްގެ އެސިސްޓަންޓް ކޯޗު ނިމާ

ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސް ކުލަބުން ހޯދައިފިއެެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސްއިން ހޯދީ ހޯމަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ބިސް ބުރު ސްޕޯޓްސް ކުލަބު އަތުން ފަސޭހަކަމާއެކު 11-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މާފަންނު ޓާފް އެއް ނަންބަރު ދަނޑުގައި ބުރު ސްޕޯޓްސްގެ ލަނޑުތައް ޖަހައިދިނީ ޕެޓްރޯވް ވަޑީމާއި، އަބްދުﷲ ޝާފިއު އާއި، މުޙައްމަދު ތަޝްމީން އަދި ސޮބޯލް އިލިއާއެވެ. މީގެ ތެރެއިން ޕެޓްރޯވް ފަސް ލަނޑު ޖެހިއިރު، އެ ޓީމުގެ ޝާފިއު އާއި ތަޝްމީން ވަނީ ދެ ލަނޑު ޖަހާފައެވެ. ދެން މި މެޗުގައި ބުރު ސްޕޯޓްސްއިން ކާމިޔާބުކުރި އަނެއް ލަނޑަކީ ބިސް ބުރުގެ މުޙައްމަދު އާމިރު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި ފަހަރުގެ ތިންވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސްއިން ހޯދިއިރު، މި މުބާރާތުގައި އެ ޓީމަށް އިރުޝާދުދީފައިވަނީ ކުލަބު އީގަލްސްގެ އެސިސްޓަންޓް ކޯޗު އަޙްމަދު ނިމާދު (ނިމާ) އެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބުރު ސްޕޯޓްސްގެ ތަޝްމީނެވެ. އަދި އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ބިސް ބުރުގެ ގޯލްކީޕަރު ވިސާމް އަބްދުﷲ އެވެ. މި މުބާރާތުގެ ފެއާޕްލޭ ޓީމަކީ ޗެމްޕިއަންކަން ހޯދި ބުރު ސްޕޯޓްސްއެވެ.

މި އަހަރުގެ މުބާރާތުގެ މުބާރާތުގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސްއިން ހޯދިއިރު، ސެމީ ފައިނަލަށް ދަތުރުކުރި ހަތަރު ޓީމަށްވެސް ވަނީ އަންނަ ސީޒަނުގެ ދެވަނަ ޑިވިޝަނުން ފުރުސަތު ލިބިފައެވެ. އެގޮތުން ބުރު ސްޕޯޓްސް އާއި ބިސް ބުރުގެ އިތުރުން ދެވަނަ ޑިވިޝަނުން ފުރުސަތު ލިބުނީ ކުލަބު އޮންލީ ވަން އޮޕޮޗުނިޓީ (އޯވަންއޯ) އަދި ލިޓްލް ޓައުން ސްޕޯޓްސް (އެލްޓީ) އަށެވެ.

މި އަހަރުގެ ތިންވަނަ ޑިވިޝަނުގެ ކުޅުން ނިންމާލިއިރު، ކޮވިޑް-19 އާ ގުޅިގެން މި މުބާރާތް ވަރަށް ބޮޑަށް ދިގުލައިގެން ދިޔައެވެ. އެގޮތުން ތިން ފަހަރެއްގެ މަތިން މުބާރާތް ފަސްކުރުމަށްފަހު އޭޕްރީލް މަހުގެ ތެރޭގައި މުބާރާތުގެ ކުޅުން ފެށިއިރު، މެއި މަހު ވަނީ ދެވަނަ ފަހަރަށް މުބާރާތް މެދުކަނޑާލާފައެވެ. އެއަށްފަހު މުބާރާތުގެ ކުޅުން އަލުން ފެށީ މި މަހުގެ ހަވަނަ ދުވަހުއެވެ.

މި އަހަރު ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލިއިރު، މިދިޔަ ދެ އަހަރުވެސް މި މުބާރާތް ބާއްވާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް