ކ. މާލެ
|
23 އޯގަސްޓް 2021 | ހޯމަ 15:11
ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މަބްރޫކް އަޒީޒް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މަބްރޫކް އަޒީޒް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ
ރައީސް އޮފީސް
ހެއްކާބެހޭ ބިލް
ހެއްކާބެހޭ ބިލް މި ހަފުތާގެ ތެރޭގައި މަޖިލީހަށް ފޮނުވާނެ: މަބްރޫކް
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލްތައް ފޮނުވުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވިދާޅުވި

ހެއްކާބެހޭ ޤާނޫނުގެ ބިލް މި ހަފްތާގެ ތެރޭގައި މަޖިލީހަށް ފޮނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލްތައް ފޮނުވުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން އެންމެ މުހިންމު އެއް ބިލެއްގެ ގޮތުގައި ހެއްކާބެހޭ ޤާނޫނުގެ ބިލް މ ހަފްތާގެ ތެރޭގައި މަޖިލީހަށް ފޮނުވާނެ ކަމަށެވެ.

މީގެ އިތުރުން ވެސް ފުޑް ސެކިއުރީޓީއާ ގުޅުން ހުރި ބިލަކާއި، އިލެކްޓްރޯނިކް މުޢާމަލާތްތަކާ ބެހޭ ބިލު ރައީސް އޮފީހުން މަޖިލީހަށް ފޮނުވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.  

މި ބިލާ ގުޅޭގޮތުން ބަންޑާރަނާއިބު (އޭޖީ) އޮފީހުން ބުނީ، ހެއްކާބެހޭ އުސޫލުތައް މިހާރު ތަންފީޒު ކުރެވެމުން ދަނީ ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު)އާއި، ޤާނޫނު ނަންބަރު 14/72 (އަންހެނުންގެ ހެކިބަހުގެ ޤާނޫނު)ގެ ދަށުން ކަމަށެވެ. އެގޮތުން މި ބިލަކީ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ "އިންސާފުން ޝަރީއަތް ކުރެވުމުގެ ޙައްޤު" އެ ގޮތުގައި ކަށަވަރު ކޮށްދިނުމަށް ބޭނުންވާ މައިގަނޑު އެއް އަސާސްކަމަށްވާ, ހެކީގެ އުސޫލުތައް ބަޔާންކުރާ ތަފްސީލީ އަދި ޒަމާނީ ޤާނޫނީ އޮނިގަނޑެއް ތަޢާރަފު ކުރުމަށްޓަކައި ހުށަހަޅާ ބިލެއްކަމަށް އެއޮފީހުން މައުލޫމާތު ދެއެވެ.

ބަންޑާރަނާއިބުގެ އޮފީހުން ބުނީ، މި ބިލުގައި ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަ ކުރެވިގެންވާ ގޮތާއި، ކަމެއް ސާބިތު ކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ވަޒަން ކުރުމުގައި އަމަލު ކުރަންޖެހޭ އުސޫލުތަކާއި، އެނޫންވެސް އާންމު އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅާފައިވާނެ ކަމަށެވެ.

މި ޤާނޫނު ހިނގާނެ ދާއިރާތައް ވެސް އެ އޮފީހުން ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ހުރިހާ ކޯޓުތަކެއްގައި ހިނގާ މަދަނީ އަދި ޖިނާއީ މައްސަލަތަކާއި، ޓްރައިބިއުނަލްގައި ހިނގާ މައްސަލަތަކާއި، ދައުލަތުގެ އިދާރާތަކުން ތަހުގީގުކުރާ ނުވަތަ ފިޔަވަޅު އަޅާ މައްސަލަތަކާއި، ދައުލަތުގެ އިދާރާއަކުން ތައުދީބީ ފިޔަވަޅު އެޅުމުގެ ބާރު އޮވެގެން ބަލާ މައްސަލަތަކުގެ މައްޗަށް މި ޤާނޫނު ހިނގާނެކަމަށް އޭޖީ އޮފީހުން މައުލޫމާތު ދެއެވެ.

އޭޖީ އޮފީހުން ވަނީ ވަސީލަތަށް ބުރަވެ ހެކި ބައި ކުރެވޭ ގޮތާއި، ދަރަޖައަށް ބުރަވެ ހެކި ބައިކުރެވޭ ގޮތްތަކާއި، ގުޅުމަށް ބުރަވެ ހެކި ބައި ކުރެވޭ ގޮތްތައް މި ބިލުގައި ބަޔާންކޮށްފައެވެ. އަދި ޝަފަވީ ހެއްކާއި، ކިތާބީ ހެކީގެ އިތުރުން، މާއްދީ ހެއްކަކީ ކޮބައިކަން ވެސް ވަނީ ބަޔާންކޮށްފައެވެ.

އޭގެ އިތުރުން، ހެކިބަސް ނެގުމުގެ މަރުޙަލާތައް ވެސް ބަޔާންކޮށްފައިވާއިރު، އެގްޒެމިން ކުރުމުގެ މަރުޙަލާއާއި، ކްރޮސް-އެގްޒެމިން ކުރުމުގެ މަރުޙަލާގެ އިތުރުން، ރީ-އެގްޒެމިން ކުރުމުގެ މަރުޙަލާ ބަޔާންކޮށްފައިވެއެވެ. އަދި ހެކި ވަޒަން ކުރުމާއި، ހެކީގެ ގޮތުގައި ހުށަހެޅޭނެ، އިމްތިޔާޒް ލިބިގެންވާ ކަންކަން ވެސް ވަނީ ބަޔާންކޮށްފައެވެ.

އޭޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި ބިލު ޤާނޫނަކަށް ވުމާއެކު ކުރިން އަމަލު ކުރަމުން އައި ހެއްކާބެހޭ ޤާނޫނާއި އަންހެނުންގެ ހެކިބަހުގެ ޤާނޫނު އުވިގެންދާނެއެވެ.


Advertisement
- ކޮމެންޓް