މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ރާވައި އިންތިޒާމުކުރާ "ސަވާދީއްތަ ދަތުރު" ލޯންޗުކޮށްފިއެވެ.
ހޯމަ ދުވަހު ލޯންޗުކުރި މި އިންޓަނޭޝަނަލް ޔޮޓް ރެލީ ބޭއްވުމަށް ހަމަޖެހިފައި ވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ފެބްރުއަރީ މަހަކީ އާންމުގޮތެއްގައި ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ޔޮޓު ފަހަރު ބަނދަރަކުރާ މަހެވެ. މި ރެލީގައި ރާއްޖޭގެ ފަސް އަތޮޅެއްގެ 15 ރަށަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މީހުން އާބާދުވެ ދިރިއުޅެމުންދާ 11 ރަށަކާއި ހަތަރު ފަޅުރަށެއް ހިމެނެއެވެ.
މިރެލީގެ ތީމަކީ ރާއްޖޭގެ ގައުމީ ބަޠަލް އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގެ ދިރިއުޅުއްވުމެވެ. އަދި މި ފަހަރުގެ މި ރިލޭއަށް ސަވާދިއްތަ ދަތުރުގެ ނަމުން ނަން ދެވުނު ގޮތަކީ ވެސް މިއީއެވެ. ސަބަބަކީ ސަވާދިއްތަ އަކީ ބޮޑުތަކުރުފާނަށް ރިއާޔަތްކޮށް ބޭނުންކުރެވުނު ނަމަކަށް ވާތީއެވެ.
މިހަފުލާގައި ސަވާދީއްތަ ދަތުރު ލޯންޗުކޮށްދެއްވައި ވާހަކަދައްކަވަމުން އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރާއިދު ވިދާޅުވީ މި ޔޮޓު ރިލޭ އަކީ ރާއްޖޭގައި ހެރިޓޭޖް ޓޫރިޒަމް ތަރައްގީކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރަން ރޭވިކަމެއް ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން ޔޮޓު ފަތުރުވެރިކަން ވެސް ތަރައްގީކުރުމަށް އަމާޒުހިފައި މިފަދަ ހަރަކާތެއް ބޭއްވުމަށް ނިންމީކަމަށް ރާއިދު ވިދާޅުވިއެވެ.
ރާއިދު ވިދާޅުވީ މި މަސައްކަތުގެ ތެރެއިން ރާއްޖޭގައި ރޫރަލް އަދި ސެއިލް ޓޫރިޒަމްގެ އިތުރުން ހެރިޓޭޖް ޓޫރިޒަމް ހިމެނޭފަދަ އިވެންޓެއް ބޭއްވުމަށް އެމްއައިޓީޑީސީން ނިންމީކަމަށެވެ. އެގޮތުން މި މަސައްކަތުގެ ތެރޭގައި ދާއިރާއާ ގުޅުންހުރި ގިނަ ފަރާތްތަކަކާއެކު މަޝްވަރާބައްދަލުވުންތައް ބޭއްވިގެން ދިޔަ ކަމަށް ރާއިދު ފާހަގަކުރެއްވިއެވެ.
އެމްއައިޓީޑީސީގެ ސަވާދީއްތަ ދަތުރު ބާއްވަނީ މިނިސްޓްރީ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް އަދި އެމްއެންޑީއެފްގެ ސިވެކ ކުންފުންޏާ ގުޅިގެންނެވެ. އަދި އެމްޓީޑީސީގެ އަމާޒަކީ މިރިލޭ ކޮންމެ އަހަރަކު ވެސް ސިލްސިލާކޮށް ކުރިއަށް ގެންދިއުމެވެ.
ސަވާދިއްތަ ދަތުރު ލޯންޗުކުރުމަށް ބޭއްވި ހަފްލާގައި ރިލޭގެ ވެބްސައިޓް އަދި ތީމު ލަވަ ވަނީ ލޯންޗުކޮށްފައެވެ. އެގޮތުން ވެބްސައިޓް ލޯންޗުކޮށްދެއްވީ ވޮޔޭޖަސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ އަދި ކޯފައުންޑަރ ސަލާހް ޝިހާބުއެވެ. އަދި ތީމު ލަވަ ލޯންޗުކޮށްދެއްވާފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުހައްމަދެވެ.
މިހަފުލާގައި ހާއްސަ މެހެމާނުންގެ ގޮތުގައި މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ އާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒު އިސްމާއިލް އަދި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހިމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.