ކ. މާލެ
|
23 އޯގަސްޓް 2021 | ހޯމަ 07:21
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖެހުން
ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖެހީ 659 މީހުން
ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 299،077ށް އަރާފައި

ކޮވިޑް-19 އިން ދިފާއުވުމަށް ހޮނިހިރު ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވަނީ 659 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ހޮނިހިރު ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 3،301 މީހުންނެވެ. އަދި ދެވަނަ ޑޯޒް ޖަހާފައިވަނީ 659 މީހުންނެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން 1،741 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާއިރު އަތޮޅުތެރެއިން ވެކްސިން ޖަހާފައިވަނީ 1،560 މީހުންނެވެ. އަދި 269 މީހުން މާލެސަރަހައްދުން ދެވަނަ ޑޯޒް ޖަހާފައިވާއިރު އަތޮޅުތެރެއިން 390 މީހުން ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ.

މިއާއެކު ރާއްޖޭގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 368،148ށް އަރާފައެވެ. އަދި ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 299،077ށް އަރާފައެވެ.

އެޗްޕީއޭއިން ވަނީ ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ކޮވިޑް-19ގެ ވެކްސިން ފުރިހަމަކުރުމުގެ ކެމްޕޭން މާލެ އާއި އަތޮޅުތެރޭގައި ފަށާފައެވެ.

ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެކްސިން ފުރިހަމަކުރެވޭ ވަރަށް ރާއްޖެއަށް މިހާރު ވެކްސިން ލިބިފައިވާކަމަށާއި، މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި، ބަލިން ރައްކާތެރިވެތިބުމަށް ވީހާވެސް އަވަހަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެހެންކަމުން ސަރުކާރުގެ އޮފީސްތަކާއި، ދައުލަތުގެ މުއައްސަސާތައް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަކީ ވެކްސިން ފުރިހަމަވެފައިވާ މީހުން ކަން ޔަގީންކުރުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ވެކްސިން ޖެހުމުގައި ދަތިވާނަމަ އަދި އިތުރު އެހީ ބޭނުންވާނަމަ އެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މި ހިނގާ އޮގަސްޓު މަސް ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުންނަކީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންކަމުގައި ޔަގީންކުރުމަށް މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ވަނީ އަނެއްކާވެސް ވެކްސިން ކެމްޕޭނެއް ފަށާފައެވެ. ރާއްޖޭގެ އާބާދީގެ އެންމެންނަށް ވެކްސިން ޖެހޭ ވަރަށް ވެކްސިން ލިބިފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.


Advertisement
- ކޮމެންޓް