ކ. މާލެ
|
23 އޯގަސްޓް 2021 | ހޯމަ 15:15
ލ. މުންޑޫގެ ފަޅުވި ގެތައް
ލ. މުންޑޫގެ ފަޅުވި ގެތައް
ތޯހިރާ އަޒްހާރް
މުންޑޫގެ ފަޅުވި ގެތައް
ސުނާމީގައި ފަޅުވި މުންޑޫގެ ގެތަކަށް ވީ ކިހިނެއް؟
 
ގައުތައް ނަގައި ނިމުމުން ރަށުގެ ލޭންޑް ޔޫސް ޕްލޭން ހަދާނެ
 
ގައު ނެގުމުގެ މަސައްކަތް އަނެއްކާވެސް ފަށަން އެމްޓީސީސީން ވަނީ ނިންމާފައި
 
މުންޑޫއިން 15 ވަރަކަށް ގެ ސުނާމީގައި ވަނީ ފަޅުވެފައި

2004 ވަނަ އަހަރު ހިނގައިދިޔަ ސުނާމީ ކާރިސާގައި ރާއްޖޭގެ ގިނަ ރަށްރަށަށް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ. 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ސުނާމީގެ އަސަރު ކޮށްފައިވާއިރު، މި ހާދިސާގައި 82 މީހަކު ނިޔާވެ، 24 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. މި ހާދިސާގައި ގެއްލުން ލިބުނު ރަށްރަށުގެ ތެރެއިން ލ. މުންޑޫއަކީ ފާހަގަކޮށްލެވޭ ރަށެކެވެ.

މުންޑޫ އުފެދިފައި އޮތް ގޮތުން ސުނާމީގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. އެރަށަށް ލިބުނު ގެއްލުން ވަރަށްވެސް ބޮޑެވެ. ސުނާމީގައި ލިބުނު ގެއްލުމާއެކު ރަށުގައި ނޫޅެވޭވަރުވުމުން މުންޑޫގެ ބައެއް މީހުން ވަނީ އެ އަތޮޅު ގަމަށް ބަދަލުކޮށްފައެވެ. މިއާއެކު 2016 ވަނަ އަހަރު ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި މުންޑޫއަކީ ފަޅުރަށެއް ކަމަށްވެސް ކަނޑައެޅިއެވެ. އެހެންނަމަވެސް މި ނިންމުން ފަހުން ވަނީ ބާތިލުކޮށްފައެވެ.

މިއަހަރުގެ ޑިސެމްބަރު 26 އަށް ސުނާމީ ކާރިސާއަށް 17 އަހަރު ފުރޭއިރު، އަދިވެސް 400 އެއްހާ މީހުންގެ އާބާދީއެއް އޮންނަ މުންޑޫއަށް ގޮސް ބަލައިލުމުން އެރަށުން ސުނާމީގެ އަސަރުތައް ފެންނަ ފަދައެވެ. ސުނާމީގެ އަސަރު އެންމެ ބޮޑަށް ކުރި ގެތަކުގައި ދިރިއުޅެމުންދިޔަ މީހުން ގަމަށް ބަދަލުކޮށްފައިވާއިރު، މީގެ ކުރިން އެމްޓީސީސީން ވަނީ މި ގެތައް ތަޅާލައި ބިމާ ހަމަކޮށްފައެވެ. ގެތައް ތަޅާލި ގައުތަށް އަދިވެސް އެ ހުރި ތަނުގައި ހުރީއެވެ. ހިތާމައަކީ މިހާ ގިނަ ދުވަސް ވެގެންދިޔަ އިރުވެސް ގައުތައް ނުނެގި ދިޔުމެވެ.

މުންޑޫން ރާއްޖެއެމްވީއާ ވާހަދެއްކި މީހަކު ބުނި ގޮތުން އެ ގައުތައް އެހެން ހުންނަތާ މިހާރު އެތައް އަހަރެއް ވަނީ ފާއިތުވެގެންގޮސްފައެވެ. މި ގައުތައް މިހެން ހުރުމުގެ ސަބަބުން އާންމު ދިރިއުޅުމަށް ދަތިވާ ފަހަރުވެސް އަންނަކަމަށް އޭނާ ބުންޏެވެ. ބައެއްފަހަރު ގެތަކުގައި ހުންނަ ގައުތައް މަގުމައްޗަށް އެޅި ހިނގާބިނގާވެ އުޅުމަށާއި، ދުއްވާ އެއްޗެހި ދުއްވުމަށް ދަތިވާކަމަށް އޭނާ ކިޔައިދިނެވެ. އަދި މިކަމުން އެކި ވަރުގެ އަނިޔާތައް ލިބޭ ފަހަރުވެސް އަންނަ ކަމަށް ބުންޏެވެ. މިއީ އެރަށު ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ.

ލ. މުންޑޫގެ ފަޅުވި ގެތައް

މިކަމާއި ގުޅޭގޮތުން ރާއްޖެ އެމްވީއާ ވަހަކަދައްކަވަމުން އެރަށުގެ ކައުންސިލްގެ ރައީސްކަން ތިން ދައުރެއްގައި ކުރައްވައިފައިވާ، މިހާރު ކައުންސިލްގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ނައީމް ވިދާޅުވީ މުންޑޫން ފޭބި މީހުން އުޅުނު ގެތައް އެއްކޮށް ފަޅުވުމުން، ސުނާމީގައި އެރަށަށް ލިބުނު ގެއްލުންތައް އާރާސްތުކޮށް އެރަށަށް ފޯރުކޮށްދޭންޖެހޭ އެހެނިހެން އެހީތައް ފޯރުކޮށްދިނުމަށް ކުރީގެ ސަރުކާރުތަކުގައިވެސް އެދިފައިވާކަމަށެވެ. އެހެންނަމަވެސް މިފަދަ އެއްވެސް އެއްބާރުލުމެއް މީގެ ކުރީ ސަރުކާރުތަކުން ލިބިފައިނުވާކަން ނައީމް ފާހަގަކުރެއްވިއެވެ. އެރަށުގެ މިސްކިތު ފާރުވެސް އެއްކޮށް ވެއްޓުނު ކަމަށް ނައީމް ވިދާޅުވިއެވެ. ކުރީ ސަރުކާރުތަކުން އެ ފާރުވެސް ނަގައިދީފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ނައީމް ވިދާޅުވީ ސުނާމީގެ އަސަރު އަދިވެސް އެރަށުން ފެންނަން ހުރުމާއެކު މިކަންކަން ހައްލުކޮށްދިނުމަށް މިއަދުގެ ސަރުކާރުގައިވެސް އެދިފައިވާނެ ކަމަށެވެ. މި ކަންކަން ކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެއްވާފައިވާކަން ނައީމް ވަނީ ފާހަގަކުރައްވާފައެވެ. މިހާރު މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާތީ މި މަސައްކަތް ވަރަށް ހަލުވި ސްޕީޑެއްްގައި ކުރިއަށްދާނެ ކަމަށް ގަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. އެމްޓީސީސީން މި މަސައްކަތް ކުރިއަށްގެންދަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކަމަށްވުމުން މި މަސައްކަތް ފެށުމުގައި ލަސްތަކެއް ދިމާވީ ކަމަށް އެ ކުންފުނިން ބުނި ކަމަށް އޭނާ ވިދާޅުވިއެވެ.

ލ. މުންޑޫގެ ފަޅުވި ގެތަކުގެ ހާލަތު އެމްޓީސީސީން ބަލާލުން

އެމްޓީސީސީން މިހާރު ވަނީ މި މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ފަށައިފައެވެ. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ މިމަހުގެ 20 ވަނަ ދުވަހު މުންޑޫއަށް ޒިޔާރަތްކުރައްވައި، މުންޑޫގެ މަސައްކަތްތައް ބައްލަވައިލައްވާފައެވެ. މި މަސައްކަތްތައް ބައްލަވައިލެއްވުމަށްފަހު އާޒިމް ވަނީ އެ ކުންފުނިން މީގެ ކުރިން އެ މަސައްކަތް ފަށައި، އެ ގެތައް ތަޅާލިކަން ފާހަގަކުރައްވާފައެވެ. މިކަން ކުރެވުނީ އެންމެ އެދެވޭ ގޮތަށް ނޫންކަން ގަބޫލުކުރައްވާ ކަމަށާއި، މި ފަހަރު މި މަސައްކަތް އެއްކޮށް ނިންމަން އަމާޒުހިފާފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ 15 ވަރަކަށް ސަރަހައްދުން ގައުތައް ނަގަންޖެހޭ ކަމަށެވެ. މި މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައި ފަށާނެ ކަމަށާއި، މި މަސައްކަތް ދެ ހަފުތާއެއްހާ ދުވަސްތެރޭގައި ނިމޭނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. މުންޑޫ ކައުންސިލްގެ ނާއިބުރައީސް ނައީމް ވިދާޅުވީ މި ގައުތައް ނަގައި ނިމުމުން އެރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލެވިގެންދާނެ ކަމަށެވެ. އަދި މިހާރު ނިންމާފައިވާގޮތުން ބައެއް ބިންތައް އިޖުތިމާއީ ބޭނުންތަކަށް ދޫކުރަން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ބާކީ ބިންތައް ގޯތިގެދޮރު އިމާރާތްކުރުމަށް ދޫކުރަން ނިންމާފައިވާކަމަށް ވެސް ނައީމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
20%
7%
27%
27%
7%
13%
ކޮމެންޓް
23 އޯގަސްޓް 2022 | އަންގާރަ 08:50
ޣާލިބު
އަހަރެމެން ރަށުގައި ދާދި ފަހަކާ ޖެހެންދެން މަގެއް ކޮންނަން ޖެހުނަސް ނެރެނީ ރައްޔިތުން. މިހާރު އާބާދީ ބޮޑު ރަށެއްކަމުން އެކި ކުންފުނިތަކާ މުއައްސަސާތައް ހުންނާތީ ރައްޔިތުން ނުނެރޭ. މިކަހަލަ ކުޑަ މުޖްތަމައެއްގައި މިހެން ހުންނަ ގާފުނިތައް ރައްޔިތުން ނުކުމެ ސާފުކޮށްލުމަކީ އިޖްތިމާޢީ ރަނގަޅު މަސައްކަތަކަށް ވާނެ.
23 އޯގަސްޓް 2022 | އަންގާރަ 00:43
ށޯލިހު
ފާރެއް ވެއްޓުނަސް ސަރުކާރުން ނަގައިދޭން ޖެހިފަ، މީހަކު ވެއްޓުނަސް ސަރުކާރުން ނަގައިދޭންދެން ނުތެދުވެވިފަ، ކީއްކުރާ ކައުންސިލެއްހޭތި؟؟
24 އޯގަސްޓް 2021 | އަންގާރަ 00:26
ާއަހްމަދު ޢަލީ
އެރަށުގެ އާބާދީއަކީ 150 މީހުން
23 އޯގަސްޓް 2021 | ހޯމަ 20:34
މުންޑޫ މީހާ
ދިރިއުޅޭ އާބާދީއަކީ ގާތްގަނޑަކަށް 150 މީހުން.