ކ. މާލެ
|
22 އޯގަސްޓް 2021 | އާދީއްތަ 18:40
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ޔޫސުފް ސޮފްވާން ރަޝީދު
ރާއްޖޭގެ އިޤްތިޞާދީ ހާލަތު
2023 ނިމުމުގެ ކުރިން ރާއްޖޭގެ އިޤްތިޞާދު ކުރިން އޮތް ހާލަތަށް ރުޖޫޢަވާނެ: އެމްއެމްއޭ
ކޮވިޑާ ގުޅިގެން އިޤްތިޞާދަށް ނޭދެވޭ އަސަރު ކުރި
2023ގެ ކުރިން އިޤްތިޞާދު އެއްކޮށް ރަނގަޅުވާނެ ކަމަށް ލަފާކުރޭ
އިޤްތިޞާދު ރަނގަޅުވުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ފަތުރުވެރިކަމުން

އަންނަ 2023 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ އިޤްތިޞާދު ކުރިން އޮތް ހާލަތަށް ރުޖޫޢަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްއެމްއޭގެ އެސިސްޓެންޓް ގަވަރުނަރު އިދުހާމް ޙުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިޤްތިޞާދު މިހާރު އޮތް ފައްތަރު ބަޔާންކޮށްދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެސިސްޓެންޓް ގަވަރުނަރު އިދުހާމް ވިދާޅުވީ, މިހާރު ރާއްޖޭގެ އިޤްތިޞާދު އޮތް ހާލަތުން އަންނަ އަހަރުގެ ފަހުކޮޅު, ކޮވިޑް-19ގެ ކުރިން އޮތް ހާލަތަށް ރުޖޫޢަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. 2023 އަންނައިރު އޮންނާނީ މީގެ ކުރިން އޮތް ހާލަތަށް ރުޖޫޢަވެފައި ކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭކަމަށް އިދުހާމް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމް ވިދާޅުވީ މިކަންކަން ލަފާކުރުމުގައި ބޮޑަށް ބަލަނީ ބައިނަލްއަޤުވާމީ ޖަމާޢަތްތަކުން ލަފާކުރާ ގޮތަށް ކަމަށާއި، މިކަމުގައި އެފަރާތްތަކުން ލަފާކުރާގޮތުން ނަމަ, ކުރިން އޮތް ފައްތަރަށް އަނބުރާ ރުޖޫޢަވާނީ 2024ގައި ކަމަށެވެ. އެހެންނަމަވެސް ރާއްޖެއިން މަސައްކަތްކުރަނީ 2023 ނިމުމުގެ ކުރިން ކުރިން އޮތް ހާލަތަށް ގެންދިއުމަށް ކަމަށް ހާޝިމް ވިދާޅުވިއެވެ.

ހާޝިމް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު އެންމެ ބޮޑަށް ބިނާވެފައި އޮންނަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށްވާއިރު، ރާއްޖޭގެ ފަތުރުވެރިކަން މިހާރު ވަރަށް ބޮޑުތަން ރަނގަޅު ވަމުން އަންނަ ކަމަށެވެ. މީގެ އިތުރުންވެސް އިޤްތިޞާދު ބިނާވެފައި އޮންނަ އެހެނިހެން ދާއިރާތަކުގެ އެހީއާއެކު, ނުހުއްޓި ކުރިއަށްދާނެކަން ގަވަރުނަރު ފާހަގަކުރެެއްވިއެވެ. މިގޮތުން މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 34.4 އިންސައްތައިން ރާއްޖޭގެ ޖީޑީޕީ މައްޗަށް ޖެހިލާފައިވާކަމަށް ހާޝިމް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް ބަލާއިރު، ޖުލައި މަސް ވެފައިވަނީ މިއަހަރު އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ދެވަނަ މަހަށް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އޮގަސްޓު މަހުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ނިސްބަތަށް ބަލައި، މިމަސް ނިމެން ވާއިރަށް އެއްލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ހާޝިމް ވިދާޅުވިއެވެ. މިއާއެކު މިއަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ ހުންނާނެ ކަމަށް ލަފާކުރެވެނީ 17.7 އިންސައްތައާއި 30.4 އިންސައްތައާ ދެމެދުގައި ކަމަށް ހާޝިމް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ އިންފްލޭޝަން މިއަހަރު ނިމޭއިރު ހުންނާނީ 2 އިންސައްތައިން ދަށުގައި ކަމަށް ގަބޫލުކުރެވޭ ކަމަށް ހާޝިމް ވިދާޅުވިއެވެ.

ހާޝީމް ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމަށް ލިބެންވާ ތަރުހީބު ލިބޭނަމަ ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް އެހިވެދޭނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިޤްތިޞާދުވެސް ރަނގަޅުުވުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ހާޝިމް ވިދާޅުވިއެވެ. ގަވަރުނަރު ވަނީ ވެކްސިން ޖެހޭ އާބާދީގެ އެންމެންވެސް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް އިލްތިމާސްކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް