Advertisement
ކ. މާލެ
|
22 އޯގަސްޓް 2021 | އާދީއްތަ 14:03
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި، ޑރ. އަހުމަދު ޒިޔާދު ބާގިރު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި، ޑރ. އަހުމަދު ޒިޔާދު ބާގިރު
މުހައްމަދު ޝަރުހާން
ޒިކުރާ މިސްކިތުގެ މައްސަލަ
ޒިޔާދު ބާގިރުގެ ކޮރަޕްޝަނުގެ މައްސަލަ ދެމަސްތެރޭ ނިންމަނީ
މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ ދައުވާއެއްކަމަށް ބެލެވޭ އެކަށީގެންވާ ހެކި ހުރި
ގާޒީ މުޙައްމަދު މިސްބާޙު ވަނީ މި މައްސަލަ ގޮސްފައިވާ ހިސާބު ސާފު ކުރައްވާފައި
ކުރިން މި މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ ވަނީ އެހެން ކޯޓަކަށް ބަދަލު ކުރައްވާފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި، ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކޮރަޕްޝަނުގެ މައްސަލައިގެ އަޑުއެހުންތައް ދެ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރާނެކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

ޑރ. ޒިޔާދު ބާގިރުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ މި މައްސަލައިގައި ޒިޔާދު ބާގިރާއެކު ދައުވާ އުފުލާފައިވާ މ. މުހައްމަދީއާބާދު އިބްރާހިމް އަބްދުﷲ ސައީދުގެ މައްސަލައާ ވެސް އެކުގައެވެ.

މި މައްސަލައިގައި އާދިއްތަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ މުޙައްމަދު މިސްބާޙު ވަނީ މި މައްސަލަ ގޮސްފައިވާ ހިސާބު ސާފު ކުރައްވާފައެވެ. ކުރިން މި މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ އެހެން ކޯޓަކަށް ބަދަލު ކުރައްވާފައިވުމާއެކު، ގާޒީ މިސްބާޙު ވަނީ މި މައްސަލައާ ގުޅޭ މައުލޫމާތުތައް އޮޅުން ފިލުއްވާފައެވެ. އެގޮތުން މި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭގޮތުން ދެފަރާތުން ވާހަކަ ދައްކާފައިވާކަން ދައުލަތާއި ދިފާއުން ފާހަގަކުރިއެވެ. އެއާއެކު ދެން އޮންނާނީ އެ ހުށަހެޅުންތަކާ ގުޅޭގޮތުން ގޮތެއް ނިންމެވުމެވެ.

މި މައްސަލައިގައި މަދަނީ މިންގަނޑުން ގޮތެއް ނިންމެވުމަށް ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅޭގޮތުން ދައުލަތުން ވަނީ އެކަން ސާފު ކުރުމަށް އިތުރު ފުރުސަތަކަށް އެދިވަޑައިގެންފައެވެ. ދިފާއުން ވަނީ މި މައްސަލައިގައި ދިފާއު ބިނާ ކުރުމަށްޓަކައި ޝަރީއަތުގެ ވިސްނުން ހުރި ގޮތެއް ސާފުކުރައްވަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އެއާއެކު މި މައްސަލައަކީ މަދަނީ މިންގަނޑުން ބެލޭނެ މައްސަލައެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ކަންކަން ޝަރީއަތުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެކަމާ ގުޅޭގޮތުން ގޮތެއް ނިންމަވަމުން ގާޒީ މިސްބާޙު ވިދާޅުވީ، މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ ދައުވާއެއްކަމަށް ބެލެވޭ އެކަށީގެންވާ ހެކި ހުރިކަމަށެވެ.

Advertisement

މި މައްސަލައިގައި ދެފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅިގެން ގާޒީ މިސްބާޙު ވަނީ ދިފާއުން އެދިފައިވާ ގޮތަށް މި މައްސަލަ ބެލޭނެ ތަނެއް ނެތްކަމަށް ކަނޑައެޅުމުގެ ޖާގައެއް ނެތްކަން ފާހަގަކުރައްވައި މި މައްސަލަ ކުރިއަށް ގެންދެވުމަށް ނިންމަވާފައެވެ.

މި މައްސަލައަކީ، އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް އެކުލެވޭތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ތަހުގީގުކޮށް ނިންމައި، މި މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އޭސީސީން ޕްރޮސެކިއުޓަރ (ޕީޖީ) ގެ އޮފީހަށް ފޮނުވި މައްސަލައެކެވެ.

މި މައްސަލައަށް ގިނަ ދުވަސްތަކެއް ވަމުންދާތީ ދިފާއުން ވިދާޅުވީ، ޑރ. ޒިޔާދަކީ ކުށުގެ ރެކޯޑެއް ނެތް މީހެއް ކަމަށާއި، ދައުވާ ދިގު ދެމިގެން ދިއުމުގެ ސަބަބުން އަބުރަށްވެސް އެކިކަހަލަ ގެއްލުންތައް ލިބެމުންދާކަމަށެވެ. އަދި މައްސަލަ ބައްލަވާ ގާޒީން ވެސް ބަދަލުވަމުންދާ ދިއުމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ދިފާއީ ވަކީލު ވަނީ މުޖުތަމައުގެ ގަދަރު ލިބިގެންވާ ފަރާތްތަކުގެ އަޑުއެހުންތައް މިގޮތަށް ކުރިއަށްދިއުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށް ވިދާޅުވެފައެވެ. މިއީ ކޯޓުތަކުގެ ވަގުތުތައް ވެސް ގެއްލިގެންދާ ކަމެއްކަން ފާހަގަކޮށް ކުރިއަށް އޮތް ޝަރީއަތުގެ އަޑުއެހުންތަކަށް ތާވަލެއް ކަނޑައަޅުއްވައި ދެއްވުމަށް ދިފާއުން ވަނީ އެދިފައެވެ.

ދިފާއީ ވަކީލު ވިދާޅުވީ، މި މައްސަލައިގެ އެއްވެސް އަޑުއެހުމެއް ދިފާއުގެ މައްސަލައެއްގެ ސަބަބުން ކެންސަލްވެފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. މި މައްސަލައިގައި ދުރާލާ ތާވަލެއް ދެއްވުމަށް ދިފާއުން އެދުނެވެ. ދައުލަތުން ވެސް އެކަމަށް ތާއީދުކޮށްފައިވެއެވެ.

އެކަމާ ގުޅޭގޮތުން ޝަރީއަތުން ވަނީ ތާވަލެއް އެކުލަވާލައި، ދެ ފަރާތާ ހިއްސާ ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި މި މައްސަލަ ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތް ކުރައްވާނެކަމަށް ގާޒީ މިސްބާޙު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް