ބަރުލަމާނީ ނިޒާމަށް ތާއީީދުކޮށް އެމްޑީޕީގެ ބައެއް މެމްބަރުން ފެޓިޝަނެއް ހުށަހަޅަން ތައްޔާރުވެއްޖެއެވެ.
މިކަމަށްޓަކައި ޚާއްސަކޮށް ހޮނިހިރު ދުވަހު ހަފްލާއެއް ވަނީ ބާއްވާފައެވެ. އެމްޑީޕީގެ މެމްބަރުން ބުނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ މެނިފެސްޓޯގައި ގާނޫނީ އަސާސީއަށް ބަދަލުތަކެއް ގެނެސް ރާއްޖޭގައި އޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ވެފައިވާ ވައުދުތައް ފުއްދުމަށް ބާރު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ދެންނެވުމަށް ތައްޔާރު ކުރާ ޕެޓިނެޝަނެއް ކަމަށެވެ.
މި ހަފްލާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމެއް ކަމަށެވެ. އަދި ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ހައްލުވެގެންދާނީ ރާއްޖޭގައި ބޮޑުވަޒީރަކު ހުންނެވުމުން ކަމަށެވެ.
މިކަމާއި ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފަށް ގުޅާލުމުން ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ޕެޓިޝަނެއްގައި ސޮއިކުރައްވަން އުޅުއްވާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ ރަސްމީ ސިފައެއްގައި އެފަދަ އެއްވެސް ހަރަކާތެއް އެމްޑީޕީގެ މެންބަރުންނާއި ގުޅިގެން ކުރިއަށް ނުގެންދަވާ ކަމަށެވެ.
މި ހަރަކާތް ހިންގާ މެމްބަރުން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕެޓިޝަނުގައި ސޮއިކުރުމުގެ ކަންތައްތައް ކުރިއަށްދާނެ ކަމަށެވެ. އަދި 20 ދުވަސް ފަހުން މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
އެމްޑީޕީގެ ބައެއް މެމްބަރުން ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް ފަށާފައިވާއިރު ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް ވެރިކަން ކުރަން އެންމެ ރަނގަޅު ގޮތެއްގެ ގޮތުގައި ދެކެނީ ބަރުލަމާނީ ނިޒާމް ކަމަށާއި، އެއީ އަބަދުވެސް އެކަން ގަބޫލުކުރައްވާ ގޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ދުނިޔޭގެ ކޮންމެ ގައުމެއް ކަމުގައި ވިޔަސް ވެރިކަން ކުރަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށާއި، ދިވެހިރާއްޖޭގެ ތާރީޚަށް ބަލާލިކަމުގައި ވިޔަސް ބަރުލަމާނީ ނިޒާމަކީ ދިވެހީންނާއި ބީރައްޓެހި ނިޒާމެއް ނޫން ކަމަށެވެ. ރާއްޖޭގައި ކުރިން ވެރިކަން ކުރަމުން ގެންދިޔައީ ބަރުލަމާނީ ނިޒާމަށް ކަމަށް ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ ނިޒާމަކީ ދިވެހިންގެ ތެރެއަށް މިފަހަކަށް އައިސް ލިބުނު ނިޒާމެއް ކަމަށެވެ.
ރައީސް ނަޝީދު ތަފާތު އެކި ބައްދަލުވުމުގައި ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމުގެ ވާހަކަ އަންނަނީ ދައްކަވަމުންނެވެ. އެކަމަކު، އައު ގާނޫނު އަސާސީ އެކުލަވާލިއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރެއްވި ރައީސް ސާލިހު ވިދާޅުވީ، ގާނޫނު އަސާސީ އެކުލަވާލިއިރުގައި ނިޒާމުގެ ވާހަކައަކީ ރައްޔިތުން ކައިރިއަށް ގޮސް ރައްޔިތުންގެ އަޑު އަހައިގެން ނިންމާފައި އޮތް ނިންމުމެއް ކަމަށާއި، ބަރުލަމާނީ ނިޒާމެއް ގެނައުމާއި މެދުވެސް ގޮތެއް ނިންމާނީ ރައްޔިތުން ކަމަށެވެ.