ކ. މާލެ
|
20 އޯގަސްޓް 2021 | ހުކުރު 22:45
ލ. އިސްދޫ ބަނދަރު
ލ. އިސްދޫ ބަނދަރު
އިސްދޫ ބަނދަރުގެ މަސައްކަތް
އިސްދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ނިމިއްޖެ
 
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރުމަހު
 
ބަނދަރުގެ މަސައްކަތް އަހަރެއްގެ ތެރޭގައި ވަނީ ނިމިފައި

ލ. އިސްދޫ ބަނދަރު ޒަމާނީ ފެންވަރަަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ނިމިއްޖެއެވެ.

ލ. އިސްދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހެވެ.

އިސްދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް މި ހިނގާ އޮގަސްޓު މަހުގެ 17 ވަނަ ދުވަހު ނިންމާލާފައިވާއިރު، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ އިސްދޫ ބަނދަރުގެ ނިމިފައިވާ މަސައްކަތްތައް ބައްލަވައިލައްވާފައެވެ.

އިސްދޫ ބަނދަރުގެ މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބު ބައްލަވައިލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އާޒިމް ވިދާޅުވީ އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މި ބަނދަރު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ކަމަށެވެ. މި މަސައްކަތްތައް އެއް އަހަރުތެރޭގައި ނިންމާލެވިފައިވާ ކަމަށާއި، ކޮވިޑްގެ ހާލަތުގައި މި މަސައްކަތްތައް ނިންމާލުމުގައި ގިނަ ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. މުވައްޒަފުން ކަރަންޓީންކުރަން ޖެހުމުގެ ސަބަބުންނާއި، މަސައްކަތަށް ބޭނުންވާ ތަކެތި ނުގެންދެވުމުގެ ސަބަބުން މަސައްކަތް ނިންމުމުގައި ލަސްތަކެއް ދިމާވި ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ލ. އިސްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޚަލީލް ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި އިސްދޫ ބަނދަަރު ތަރައްގީކުރުމުގެ މަސައްކަތް ނިމުމަކީ އިސްދޫ ރައްޔިތުންނަށް ކުރިމަތިވި އެކި އުނދަގޫތަކަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށެވެ. އެގޮތުން ބަނދަރު ފުން ކުރެވިގެން ދިއުމަކީ ބޮޑެތި ދޯނިފަހަރަށް އިސްދޫ ފަޅަށް ވަދެ އުޅުމަށް ފަސޭހަވި ކަމެއްކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކައުންސިލްގެ ރައީސް ވަނީ އިސްދޫއަށް ވަންނަ އިރު ނެރު ފައިކަށި އިންނަ ގޮތުން ދަތިތަކެއް ދިމާވާ ކަމަށް ވިދާޅުވެފައެވެ. ބަނދަރުގެ މައްސަލައަށް ހައްލު ހޯދައިދިން ފަދައިން މި މައްސަލައަށްވެސް ހައްލު ހޯދައިދޭނެކަމަށް އުންމީދުކުރައްވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން 17،503.96 މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 83 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ނިމިފައިވެއެވެ. މި މަޝްރޫއަކީ 34.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
100%
0%
0%
0%
0%
ކޮމެންޓް