ކ. މާލެ
|
20 އޯގަސްޓް 2021 | ހުކުރު 11:30
ލ. މާވަށް ބަނދަރު
ލ. މާވަށް ބަނދަރު
ތޯހިރާ އަޒްހާރް
ލ. މާވަށު ބަނދަރުގެ މަސައްކަތް
މާވަށު ބަނދަރުގެ މަސައްކަތް ނިމުނުއިރު ބަނދަރު އިތުރަށް ފުޅާވެއްޖެ: ކައުންސިލްގެ ރައީސް
 
މިހާރު މާވަށު ބަނދަރު ވަނީ އިތުރަށް ފުޅާވެފައި
 
ޕްރޮޖެކްޓުގައި ނުހިމެނޭ އިތުރު ބައެއް ވަނީ ބަނދަރަށް އިތުރުކޮށްފައި
 
މާވަށު ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 24 ވަނަ ދުވަހު

ލ. މާވަށު ބަނދަރު ތަރައްގީކޮށްފައިވަނީ އިތުރު ދޯނިފަހަރަށް ފަޅުގައި އެޅޭ ގޮތަށް ކަމަށް މާވަށު ކައުންސިލްގެ ރައީސް އަހުމަދު މޫސާ ވިދާޅުވެއްޖެއެވެ.  

ލ. މާވަށު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 24 ވަނަ ދުވަހުއެވެ. އެމްޓީސީސީން މި މަސައްކަތް ނިންމާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 29 ވަނަ ދުވަހެވެ. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ މާވަށު ބަނދަރުގެ ނިމިފައިވާ މަސައްކަތްތައް ބައްލަވައިލައްވާފައެވެ. އާޒިމްގެ އަރިހުގައި ކައުންސިލްގެ ރައީސް ވެސް ވަނީ މަސައްކަތްތައް ނިމިފައިވާ ހިސާބު ބައްލަވައިލައްވާފައެވެ.

މި މަސައްކަތްތައް ބައްލަވައިލެއްވުމަށްފަހު މީޑީއާތަކަށް މައުލޫމާތުދެއްވަމުން ކައުންސިލްގެ ރައީސް އަހުމަދު މޫސާ ވިދާޅުވީ މާވަށު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލިއިރު ބަނދަރަށް އިތުރު ފުރިހަމަކަމެއް ލިބިގެންގޮސްފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ބަނދަރު ފުންކުރުމާއި، ބޭރުތޮށި ލުމާއި، ރިވެޓްމެންޓް ޖަހައި އެއްގަމު ތޮށި ލުން ފަދަ މަސައްކަތްތައް ކަމަށާއި، އެމްޓީސީސީން މި މަސައްކަތް ނިންމާލިރު، ބޭރު ތޮށި 50 ފޫޓަށް ފުޅާކޮށް އެތަނުގައި ތިބެވޭނެ ގޮތަށް ތަރައްގީކޮށްފައިވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އަދި ހުޅަނގު ފަރާތުން ބަނދަރު އިތުރަށް ތަރައްގީކޮށް އެ ތަނުގައި ވެސް އޮޑިދޯނިފަހަރު އެޅޭނެގޮތަށް އެތަން ތަރައްގީކޮށްފައިވާކަމަށް މޫސަ ވިދާޅުވިއެވެ. މީގެ އިތުރުން ބަނދަރުން ބޭރު ތޮއްޓަށް އެރޭނެ ގޮތަށް އެމްޓީސީސީގެ އަމިއްލަ މަސައްކަތުން ބްރިޖެއް އަޅާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ އެރަަށުގައި މިހާރު އޮތް ބަނދަރަކީ މީގެ އަހަރުތަކެއް ކުރިން ސަރުކާރުން ތަކެތި ދީގެން ރައްޔިތުން އިމާރަތްކޮށްފައިވާ ބަނދަރެއް ކަމަށެވެ. މި ބަނދަރު މީގެ ކުރިން ތިން ފަހަރެއްގެ މަތިން މަރާމާތުކޮށްފައިވާކަމަށް ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މި މަސައްކަތާ ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މާވަށު ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން 26،885 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުމާއި، 568 މީޓަރުގެ ސަރަހައްދުގެ ބޭރުތޮށި ލުމާއި، 40 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 110 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 550 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި، ރޭމްޕް ހެދުމާއި، ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
50%
0%
0%
50%
0%
0%
ކޮމެންޓް