ދައުލަތުގެ އޮފީސްތަކުގައި މަސައްކަތްކުރާ މާލީ ޒިންމާދާރުވެރިންނަކީ ޤާބިލް މީހުންކަން ކަށަވަރުކުރުމަށް އިމްތިހާނެއް ބާއްވައިފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކުރުމަށް އެ މިނިސްޓްރީއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ދައުލަތުގެ އޮފީސްތަކުގައި މަސައްކަތްކުރާ މާލީ ޒިންމާދާރުވެރިންނަކީ ޤާބިލް ފަރާތްތަކެެއްކަން ކަށަވަރުކުރުމުގެ ގޮތުން ދެވޭ ފުރަތަމަ އިމްތިހާން ބުދަ ދުވަހު ބާއްވާފައިވާ ކަމަށެވެ. އެ އިމްތިހާނުގައި ގިނަަ އަދަދެއްގެ މީހުން ބައިވެރިވި ކަމަށާއި ކުރިއަތް އޮތް ދުވަސްތަކުގައި ވެސް އެ އިމްތިހާނު އިތުރު މީހުންނަށް ބާއްވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން އިތުރަށް ބުނީ މި އިމްތިހާނަކީ ދައުލަތުގެ އޮފީސްތަކުގައި މަސައްކަތް ކުރާ މާލީ ޒިންމާދާރުވެރިންނަށާއި މާލީ ކަންކަމާބެހޭ މަގާމުގައި މަސައްކަތް ކުރާ މީހުންނަށް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދާއި އެ ޤަވާއިދުގެ ދަށުން ހަދާފައިވާ އުސޫލުތައް އަދި މާލީ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތްތައް އެނގި އޮޅުންފިލާފައިވާ މިންވަރު ދެނެގަތުމަށް ދެވޭ އިމްތިހާނެއް ކަމަށެވެ.
މި އިމްތިހާނުގައި މައިގަނޑު ގޮތެއްގައި ބަލާނެ ބައިތަކަކީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާއި ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާ ގުޅިގެން އާންމު ކުރެވޭ ޕްރޮސެސްގެ އިތުރުން ދައުލަތުގެ ހިސާބު ބެލެހެއްޓުމަށް ބޭނުންކުރާ ޕަބްލިކް އެކައުންޓިންގ ސިސްޓަމެވެ. ފިނޭންސް މިނިސްޓްރީން ބުނީ އިމްތިހާނު އެކުލެވިގެން ވަނީ 50 ސުވާލުގެ މައްޗަށް ކަމަށާއި އިމްތިހާނުން ފާސްވުމަށް ސުވާލު ކަރުދާހުގެ 70 އިންސައްތަ ނުވަތަ 35 ސުވާލުގެ ޖަވާބު ރަނގަޅު ކުރަން ޖެހޭނެ ކަަމަށެވެ.