ކ. މާލެ
|
17 އޯގަސްޓް 2021 | އަންގާރަ 13:07
އައިސްލޭންޑް - ދުނިޔޭގައި 4 ވަނަ އަށް އެންމެ ގިނަ މީހުން ވެކްސިން ފުރިހަމަ ކުރި ގައުމަކީ އައިސްލޭންޑް
އައިސްލޭންޑް - ދުނިޔޭގައި 4 ވަނަ އަށް އެންމެ ގިނަ މީހުން ވެކްސިން ފުރިހަމަ ކުރި ގައުމަކީ އައިސްލޭންޑް
ރޮއިޓަރސް
އައިސްލޭންޑުގެ ހާލަތު
ކޮވިޑް ވެކްސިން މަސައްކަތް ކުރާ ކަމުގެ ހެއްކަކީ އައިސްލޭންޑް
 
އެގައުމުގެ 70.6 އިންސައްތަ މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައި
 
އެކްޓިވް ކޭސްގެ ގޮތުގައި ރިޕޯޓްކުރެވިފައިވާ 1239 ކޭސްގެ ތެރެއިން 3 އިންސައްތަ މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްތަކުގައި

އައިސްލޭންޑުގެ ކޮވިޑް ވެކްސިން ހާލަތަކީ ކޮވިޑް ވެކްސިން މަސައްކަތް ކުރާ ކަމުގެ ހެއްކެއް ކަމަށް އެމެރިކާގެ ސިއްހީ މާހިރެއް ވިދާޅުވެއްޖެއެވެ.

ނިމިގެން ދިޔަ މަހުގެ ތެރޭގައި އައިސްލޭންޑުން ރިޕޯޓްކޮށްފައިވަނީ 2847 ކޭހެވެ. މީގެ ތެރޭގައި ހިމެނެނީ ނުރައްކާތެރި ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ބައްޔަށް ހުށަހެޅުނު ފަރާތްތައް ކަމަށާއި، އޭގެ ތެރޭގައި ވެސް ގިނައީ ވެކްސިން ޖަހާފައިވާ ފަރާތްތައް ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ކޮވިޑް ފެތުރެން ފެށި ފަހުން އެގައުމުން އެންމެ ގިނައިން ކޮވިޑްގެ ކޭސްތައް ރިޕޯޓް ކުރި މަހެވެ. ނަމަވެސް ވެކްސިންގެ ސަބަބުން ހާލަތު ގޯސްވާ މީހުންނާއި މަރުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފައެވެ. އަދި ފެންނަމުންދާ ކޭސްތަކުގައި ހާލަތު ގޯސްވާ މިންވަރު ނިސްބަތުން ދަށްކަމަށް ވެސް ބުނެފައިވެއެވެ.

އެގައުމުގައި އެކްޓިވް ކޭސްގެ ގޮތުގައި ރިޕޯޓްކުރެވިފައިވާ 1239 ކޭސްގެ ތެރެއިން 3 އިންސައްތަ މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްތަކުގައެވެ.

މެއި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އެގައުމުގައި ކޮވިޑްގައި މީހަކު މަރުވެފައެއް ނުވެއެވެ. އެމޮރީ ސްކޫލް އޮފް މެޑިސިންގައި މަސައްކަތް ކުރައްވާ ޕްރޮފެސަރެއް ކަމަށްވާ ކާލޯސް ޑެލް ރިއޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އައިސްލޭންޑުގެ ރައްޔިތުން ވެކްސިން ރަނގަޅުކަމަށް ދައްކުވައިދީފައިވާ ކަމަށެވެ.

ޔުނިވަރސިޓީ އޮފް ވޮޝިންގޓަންގެ ޕްރޮފެސަރ އަދި ފުއްޕާމޭގެ ހާއްސަ ޑޮކްޓަރު ބްރޭންޑޮން ގުތްރޭ ވިދާޅުވެފައިވަނީ މަރުވާ މީހުންގެ އަދަދު މަދުވުމާއި، ހާލު ބޮޑުވާ މީހުންގެ އަދަދު މަދުވުމަކީ ކާމިޔާބީއެއް ކަމަށެވެ.

އައިސްލޭންޑް ހިމެނެނީ ދުނިޔޭގެ ވެކްސިން ޖެހި އާބާދީގެ ހަތަރުވަނައިގައެވެ. އެގައުމުގެ 70.6 އިންސައްތަ މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. ދުނިޔޭގެ ރޭންކުގައި އެންމެ ގިނައިން ވެކްސިން ފުރިހަމަކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ 80.5 އިންސައްތައާއެކު މަލްޓާ، 73.7 އިންސައްތައާއެކު ޔޫއޭއީ އަދި 73.1 އިންސައްތައާއެކު ސިންގަޕޫރެވެ. މުޅި ދުނިޔެއިން ވެކްސިން ފުރިހަމަ ކުރި މީހުންގެ ނިސްބަތަކީ 23.6 އިންސައްތައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
100%
0%
0%
0%
ކޮމެންޓް