އާދިއްތަ ދުވަހު މާލެ ސަރަހައްދުގެ ތިން ސްކޫލެއްގައި ވެކްސިން ޖަހަން ފަށާނެ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގައި ހިމެނިވަޑައިގަންނަވާ ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޑރ. ފައިސަލް ވަނީ އާދިއްތަ ދުވަހުން ފެށިގެން 12 އަހަރުން މަތީގެ ކުޑަކުދިންނަށް ފައިޒަރ ވެކްސިން ޖަހަން ފަށާކަން ފާހަގަކުރައްވާފައެވެ.
މި އުމުރުގެ ގިނަ ކުދިންނަކީ ކިޔަވާ ކުދިން ކަމަށްވާތީ ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާނީ ސްކޫލްތައް މެދުވެރިވެގެން ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. މިކަމަށް ބެލެނިވެރިން އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދާއިރު، ގިނަ ސްކޫލްތަކުގެ ބެލެނިވެރިންނަށް މައުލޫމާތު ދެވި ނިމިފައިވާކަން ޑރ. ފާހަގަކުރެއްވިއެވެ.
އެހެންކަމުން އާދިއްތަ ދުވަހު ވެކްސިން ޖެހުމުގެ ކަންކަން މާލެ ސަރަހައްދުގެ ތިން ސްކޫލެއްގައި ކުރިއަށްދާނެކަން ޑރ. ފައިސަލް ފާހަގަކުރެއްވިއެވެ. މާލެ ސަރަހައްދުގައި ވެކްސިން ޖެހުން ކުރިއަށްދާނީ އިސްލާމީ މަރުކަޒުންނާއި، ހުޅުމާލޭ ހޮސްޕިޓަލުން ކަމަށް ވިދާޅުވިއެވެ. ހޯމަ ދުވަހުން ފެށިގެން ވިލިނގިލީގައި ވެކްސިން ޖެހުން ކުރިއަށްދާނެ ކަމަށާއި، އެއަށްފަހު ގިނަ ރަށްރަށުގައި ވެކްސިން ޖެހުން ކުރިއަށްދާނެ ކަމަށް ޑރ. ފައިސަލް ވަނީ ވިދާޅުވެފައެވެ.
ފައިޒަރ ވެކްސިން ޖެހުން ކުރިއަށްދާނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އެގޮތުން އެންމެ ފުރަތަމަ ފަށަނީ ސްކޫލްތަކުގެ ކުދިންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އެއަށްފަހު މާބަނޑު މީހުންނަށާއި، އަދިވެސް އެހެނިހެން މީހުންނަށް ވެކްސިން ދިނުން ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.
ޑރ. ފައިސަލް ވިދާޅުވީ ސްކޫލްތަކުގެ ކުދިންނަށް ވެކްސިން ދިނުމުގެ ކުރިން ވެކްސިން ޖެހުމަށް ހުއްދަ ހޯދާ ފޯމެއް ބެލނިވެރިންނާ ހަވާލުކުރާނެ ކަމަށެވެ. ބެލެނިވެރިންގެ އިޒުނަ ނުލިބޭހާ ހިނދަކު ވެކްސިން ނުޖަހާނެ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.
އުމުރުން 12 އަހަރާ 17 އަހަރުގެ ކުދިންގެ ތެރެއިން މިހާރު ސްކޫލްގައި އުޅޭ ކުދިން އަދި މިދިޔަ ދިރާސީ އަހަރު 10 ނިންމި ކުދިންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އާ ގުޅިގެން ސްކޫލްތައް މެދުވެރިކޮށެވެ.
ސްކޫލްތަކުގެ ދަރިވަރުންނާއި މިދިޔަ ދިރާސީ އަހަރު 10 ނިންމި ކުދިން ފިޔަވައި، 12 އަހަރާއި 17 އަހަރުގެ ކުދިންނާއި މާބަނޑުމީހުންނާއި މި ވެކްސިން ޖެހުމަށް ޝަރުތުހަމަވާ އެހެން ފަރާތްތައް ވެކްސިން ޖެހުމަށްbook.hpa.gov.mvމެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.