ސެމްސަންގެ އިސްވެރިޔާ ކަމުގެ މަގާމު އަދާކޮށްފައިވާ ލީ ޖޭ ޔޮންގެ މައްޗަށް ރިޝްވަތުގެ މައްސަލައެއް ސާބިތުވެ ދެ އަހަރާއި ހަ މަހަށް ޖަލަށް ލާން ދެކުނު ކޮރެއާގެ ހައި ކޯޓުން ހުކުމް ކޮށްފައިވަނިކޮށް އޭނާ ޕެރޯލްގެ ދަށުން ދޫކޮށްލައިފިއެވެ.
ލީގެ ކޮރަޕްޝަނުގެ މައްސަލަ ގުޅިފައިވަނީ ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޕާކް ގުން ހޭގެ ކޮރަޕްޝަނުގެ މައްސަލައާކަަމަށް ރިޕޯޓުތައް ބުނެއެވެ. ލީގެ މައްޗަށް ދެކުނު ކޮރެއާގެ ޕްރޮސެކިއުޓަރުން ކޮށްފައިވާ ދައުވާއަކީ ސިޔާސީ ފައިދާތައް ހޯދުމަށްޓަކައި ޗޮއި ސޫން ސިލްގެ ދެ ފައުންޑޭޝަނަކަށް 43 ބިލިއަން ވޮން (37.7 މިލިއަން ޑޮލަރު) ގެ ރިޝްވަތު ދިންކަމުގެ ދައުވާއެވެ.
އެ މައްސަލައިގައި 2017 ވަނަ އަހަރު ލީގެ މައްޗަށް ރިޝްވަތުގެ ދައުވާ ސާބިތުވެ އޭނާ ފަސް އަހަރަށް ޖަލަށް ލާން ދަށު ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެކަމަކު އޭގެ އަހަރެއް ފަހުން ދަށު ކޯޓުން ވަނީ ހުކުމް ކުރުކޮށް ސަސްޕެންޑް ކުރުމަށް ނިންމާފައެވެ. ނަމަވެސް މި މައްސަލަ ހައިކޯޓަށް ފޮނުވުމުން ހައިކޯޓުން މިއަހަރުގެ ކުރީކޮޅު ވަނީ އޭނާގެ މައްޗަށް ހުކުމް ސާބިތުވާ ކަމަށް ނިންމާ އިތުރު ދެ އަހަރަށް އޭނާގެ މައްޗަށް ޖަލު ހުކުމެއް ކޮށްފައެވެ. މި ޙުކުމް ތަންފީޒު ކުރަމުން ދަނިކޮށް އޭނާ ޕެރޯލްގެ ދަށުން ދޫކޮށްލާފައިވަނީ އޯގަސްޓު މަހުގެ ތެރޭގައެވެ.
ލީ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ ދޮގު ކޮށްފައެވެ. އަދި އޭނާ ޗޮއިގެ ފައުންޑޭޝަންތަކަށް ފައިސާ ހަދިޔާ ކުރި ނަމަވެސް އެއީ ސެމްސަންގަށް ފައިދާ ހޯދުމަށްޓަކައި ކުރި ކަމެއް ނޫން ކަމަށް އޭނާ ވަނީ ތަކުރާރުކޮށް ބުނެފައެވެ.
ލީގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލަތަކެއްގެ ތަހުގީގުވެސް ކުރިއަށްދެއެވެ.