2017 ވަނަ އަހަރުން ފެށިގެން ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަނިކޮށް ރިޔާސީ މާފެއްގެ ދަށުން މިނިވަންވި ދެކުނު ކޮރެޔާގެ ސެމްސަންގ ކުންފުނީގެ ވެރިޔާ ލީ ޖެއި ޔޮންގ އެ ކުންފުނީގެ އެގްޒެކެޓިވް ޗެއަރމަންގެ މަޤާމަށް އައްޔަނުކޮށްފިއެވެ.
ބުރާސްފަތި ދުވަހު ސެމްސަންގ ކުންފުނީގެ ބޯޑުން އޭނާ އެ މަޤާމަށް އައްޔަނުކުރީ ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްކަމަށް ބުނެއެވެ.
އޭނާ ޖަލަށްލީ ފައިސާއަށް ޚިޔާނާތްތެރިވުމާއި ރިޝަވަތުގެ ކުށް ސާބިތުވެގެންނެވެ. ނަމަވެސް ޕެރޯލްގެ ދަށުން އޭނާ މިނިވަންކުރީ ކޮވިޑް-19 އަށް ފަހު އިގްތިސާދީ ގޮތުން ގައުމު ހަމަޔަކަށް އެޅުވުމަށް ކުރެވެމުން ދާ މަސައްކަތުގައި އެހީތެރިވުމަށް ގައުމުގެ އެންމެ ބޮޑު ކުންފުނި ސެމްސަންގގެ ވެރިޔާގެ މަދަދު ބޭނުންވާކަމަށް ބަޔާންކޮށެވެ.
އޭނާގެ މައްޗަށް ވަނީ އެކި ބިޑުތައް ހޯދުމަށް އޭރުގެ ރައީސްއަށް ރިޝްވަތު ދިންކަމަށް ކުށް ސާބިތުވެ ޖަލަށްލުމަށް ދެފަހަރު ހުކުމްކޮށްފައެވެ. އެގޮތުން ލީގެ ކޮރަޕްޝަނުގެ މައްސަލަ ގުޅިފައިވަނީ ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޕާކް ގުން ހޭގެ ކޮރަޕްޝަނުގެ މައްސަލައާކަަމަށް ރިޕޯޓުތައް ބުނެއެވެ.
ލީގެ މައްޗަށް ދެކުނު ކޮރެއާގެ ޕްރޮސެކިއުޓަރުން ކޮށްފައިވާ ދައުވާއަކީ ސިޔާސީ ފައިދާތައް ހޯދުމަށްޓަކައި ދެ ފައުންޑޭޝަނަކަށް 43 ބިލިއަން ވޮން (37.7 މިލިއަން ޑޮލަރު) ގެ ރިޝްވަތު ދިންކަމުގެ ދައުވާއެވެ.
އެ މައްސަލައިގައި 2017 ވަނަ އަހަރު ލީގެ މައްޗަށް ރިޝްވަތުގެ ދައުވާ ސާބިތުވެ އޭނާ ފަސް އަހަރަށް ޖަލަށް ލާން ދަށު ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެކަމަކު އޭގެ އަހަރެއް ފަހުން ދަށު ކޯޓުން ވަނީ ހުކުމް ކުރުކޮށް ސަސްޕެންޑް ކުރުމަށް ނިންމާފައެވެ. ނަމަވެސް މި މައްސަލަ ހައިކޯޓަށް ފޮނުވުމުން ހައިކޯޓުން 2021 ވަނަ އަހަރުގެ ކުރީކޮޅު ވަނީ އޭނާގެ މައްޗަށް ހުކުމް ސާބިތުވާ ކަމަށް ނިންމައި، އިތުރު ދެ އަހަރަށް އޭނާގެ މައްޗަށް ޖަލު ހުކުމެއް ކޮށްފައެވެ.
މި ޙުކުމް ތަންފީޒު ކުރަމުން ދަނިކޮށް ޕެރޯލްގެ ދަށުން އޭނާ ދޫކޮށްލާފައިވަނީ އެ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ. އަދި އޭގެ އަހަރެއް ފަހުން އޭނާއަށް ރިޔާސީ މައާފުވެސް ދީފައިވެއެވެ.