ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އެއްބަސްވުން އުވާލައިފިއެވެ.
އުމުރުން 65 އަހަރުގެ ކޫޕްމަންގެ އެއްބަސްވުން އުވާލަން އެފްއޭއެމުން ނިންމީ ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފައިން މެޗުތަކަށްފަހު ގައުމީ ޓީމުގެ ކޯޗާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ދެ ފަރާތް އެއްބަސްވެގެންނެވެ. ކޫޕްމަނުގެ އެއްބަސްވުން އުވާލާފައިވާކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެލަރް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވަނީ "ރާއްޖެ.އެމްވީ" އަށް ކަށަވަރުކޮށްދީފައެވެ.
ކޫޕްމަނުގެ އެއްބަސްވުން އުވާލިއިރު، ޖަވާ ވިދާޅުވީ ކޫޕްމަންއާއެކު އެސިސްޓަންޓް ކޯޗުގެ ގޮތުގައި ހަރަކާތްތެރިވަމުން އައި ނެދަލެންޑްސްގެ ރެނޭ ހިޑިންކުގެ އެއްބަސްވުންވެސް މީގެ ތިން މަސް ކުރިން ދެ ފަރާތް އެއްބަސްވެގެން އުވާލާފައިވާ ކަމަށެވެ. ހިޑިންކް މީގެ ކުރިން ވަނީ 23 އަހަރުގެ ދަށުގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމާވެސް ހަވާލުވެފައެވެ. އެކަމަކު ދާދި ފަހުން އެފްއޭއެމުން ވަނީ އެ ޓީމުގެ ކޯޗަކަށް ގައުމީ ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި ދެން ހުރި އަލީ ސުޒޭން ހަމަޖައްސާފައެވެ.
ގައުމީ ޓީމުގެ ކޯޗުގެ މަގާމާ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކޫޕްމަން ހަވާލުވިއިރު، އޭނާގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ވަނީ މިދިޔަ ޖޫން މަހު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގެ ފަހު ތިން މެޗު ކުޅެފައެވެ.
އެގޮތުން ކޮލިފައިންގައި ސީރިއާ އަތުން 4-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިވިއިރު، ޗައިނާ އަތުން ރާއްޖެ ބަލިވީ 5-0 ގެ ނަތީޖާއަކުންނެވެ. އެކަމަކު ކޮލިފައިންގެ ފަހު މެޗުން ރާއްޖެ ވަނީ ފިލިޕީންސްއާ 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ. މިއީ ތާރީޚުގައި ފިލިޕީންސް އަތުން ރާއްޖެއަށް ލިބުނު ފުރަތަމަ ޕޮއިންޓެވެ. ކޫޕްމަންއަކީ ގައުމީ ޓީމާ ހަވާލުވި ކޯޗުންގެ ތެރެއިން އެންމެ މަދު މެޗަށް ފަހު މަގާމު ގެއްލުނު ކޯޗެވެ.
ކޫޕްމަނުގެ އެއްބަސްވުން އުވާލިއިރު، މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ކަނޑައަޅާފައިވާ މިސްރާބަށް ވާސިލުވުމަށް ގައުމީ ޓީމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހޭ ކަމަށާއި، އެގޮތުން މިއީ އެކަންކަމަށް ތައްޔާރުވުމަށް ލިބިފައިވާ ވަގުތު ކަމަށް ވިދާޅުވެފައެވެ. އަދި އެންމެ ރަނގަޅު މީހުން ގޮވައިގެން ކަންކަން ކުރުމަށް ރާވާއިރު، ގައުމީ ޓީމުގެ ކޯޗިން ސްޓާފުންނަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވިއެވެ.
އެފްއޭއެމުން ކޫޕްމަނުގެ އެއްބަސްވުން އުވާލިއިރު، އޭނާ ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެއްބަސްވުން އާކޮށްފައެވެ. ކޫޕްމަންއަކީ މިދިޔަ ހައެއްކަ އަހަރު ތެރޭ ގައުމީ ޓީމުގެ ކޯޗުކަން ގެއްލުނު ބިދޭސީ ފަސްވަނަ ކޯޗެވެ.