އަބަދުވެސް އިވޭ ވާހަކައެއް އޮވެއެވެ. އެއީ ގޭގޭގެ ސިޓިންގ ރޫމުގައި ހިންދީ ޑްރާމާ ބެލުމާއި، އެއިން ފެންނަ ޗަރުކޭހުގެ ވާހަކައެވެ. އެއިން ދައްކާ އިޝްގީ ކުޅިގަނޑާއި އެހެން ދީންތަކުގެ ތަފާތު ކަންކަމުގެ ވާހަކައެވެ. ޅަ ދަރިން ގޮވައިގެން އެ ބަލަން ޓީވީ ދޮށުގައި ތިއްބަސް އަދި އޮންލައިންކޮށް ސްޓްރީމް ކުރިއަސް އެއީ މައްސަލައެއް ނޫން ކަމަށް ގިނަ ދިވެހިން ދެކެއެވެ. އެއީ އަގީދާއަށް އަސަރުކުރާ ކަމެއްހެން ހީވެސް ނުވެއެވެ.
ދައްކަން މިއުޅެނީ ކަސައުޓީ ނުވަތަ ކުމްކުމްގެ ވާހަކައެއްވެސް ނޫނެވެ. ސާތުނިބާނާ ސާތިޔާ އަދި ކަހާނީ ގަރުގަރުކީ އަދި ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭގެ ވާހަކަވެސް ނޫނެވެ. މި ފަހަކުން ފެނުނު ކާޓޫން ކެރެކްޓާއަކާއެކު ދިވެހިންގެ ޒަމީރު ހޭލައްވާލި ވާހަކައެވެ. ދިވެހިންގެ އަގީދާ ފުނޑުފުނޑުވެގެންދާނެ ފަދަ ބޮޑު ކުށެއް ނުވަތަ އަމަލެއް ބަޔަކު ކުރިކަމަށް ދެކެވޭ ވާހަކައެވެ. ދައްކަން މިއުޅެނީ ޗޯޓާ ބީމްގެ ވާހަކައެވެ.
ޗޯޓާ ބީމަކީ އިންޑިއާގެ އެނިމޭޓެޑް އުފެއްދުމެކެވެ. ކުޑަކުދިންނަށް ޚާއްސަ މި ކާޓޫނުގައި ފެންނަ ޗޯޓާ ބީމަކީ ހިތްވަރުގަދަ ވިސްނުންތޫނު ކުޑަ ކުއްޖެކެވެ. އާންމުކޮށް ކާޓޫންތަކުގައި އޭނާ ކުރާ ކަމަކީ އެހެން މީހުންނަށް ދިމާވާ ކަންކަން ހައްލުކުރުމެވެ. އެކަމުގެ ސަބަބުން އެ ކާޓޫނުގައި އުޅޭ އަވަށުގެ މީހުން ޗޯޓާ ބީމް ދެކެ ލޯބިވެއެވެ. މިއީ ޗޯޓާ ބީމްގެ ކެރެކްޓާގެ ވާހަކައެވެ.
މި ކެރެކްޓާއަކާއި ހެދި މުޅި ސޯޝަލް މީޑިއާއާއި ފުލުހުންގެ މީޑިއާ ގްރޫޕު ފުރާލީ އެކި ސުވާލުތަކުންނެވެ. ހިންދޫންގެ ދީންތައް ދިވެހިންގެ ތެރޭގައި ފެތުރުމަށް ޗޮކްލެޓެއްގައި އެ ފޮޓޯ ޖަހާ ވިއްކާ ވާހަކައެވެ. ދިވެހިންގެ ލޭ ކައްކުވާލި ކަމަކަށް މިކަން ވެގެންދިޔައެވެ. މި މޭރުމުން ދިވެހިންގެ ދެން ހުންނަ ކަންކަން ވެސް ކުރެވޭނަމައޭ ހިތަށް އަރާ އެތަކެއް ފަހަރު އާދެއެވެ.
މިސާލެއްގެ ގޮތުން ރޭގަނޑު އިރާދަންކޮޅު ކަސައުޓީ ބަލާއިރު ސަސްޕެންސްތަކާއެކު އަންނަ އެމީހުންގެ ބަގުވާން ނުވަތަ އަޅުކަން ކުރާ ބުދުތަކާއި، ބުދު ފައްޅިތަކުގައި ނަގާ ކިޔާ އަންބާތައް މިއީ ދިވެހިންނަށް އެވަރެއް ނެތް އަސަރުގަދަ ކަންކަމެވެ. މިވަރުން ވެސް މިއީ ކިހާވަރެއްގެ ކަމެއްކަން ދިވެހިންގެ ސިނކުޑިތަކަށް ވިސްނޭހެން ހިޔެއް ނުވެއެވެ. އަދި އެ މައްސަލައަކަށް ވެސް ނުވެއެވެ.
ދެން އޮތީ ދިވެހި ޒުވާނުންގެ މެދުގައި އެވަރެއް ނެތިގެން އުޅޭ ނެޓްފްލިކްސް ޑާރާމާ ސީރީސް ލުސިފަރއެވެ. މީގައި އުޅޭ މެއިން ކެރެކްޓަރ އަކީ އެމީހުން އަޅުކަންކުރާ ކަލާނގެ ދަރިއެކެވެ. އަދި އެތައް ބައިވަރު އެހެން ދަރިންތައްވެސް ފެނެއެވެ. އަދި މީގައި އަޖައިބު ކުރަނިވި އަނެއް ކަމަކީ އޭނާއަކީ ކަލާނގެ ދަރިއަކަށް ވެފައި ނަރަކައިގެ އިސްވެރިޔާގެ ގޮތުގައި ހުރުމެވެ. ނަމަވެސް މި ސީރީސް ޕެންޑްރައިވަށް އަޅައި ވިއްކާ ތަންތަނާއި އެ ތަންތަނުގެ ބޭރުގައި އެ ޕޯސްޓަރު ހިއްޕާފައި ހުރުމާއި އެ ސީރީސް އަސަރުގައި ބެލުމަކުން ވެސް މައްސަލައެއް ނެތެވެ.
ވަކިން ޚާއްސަކޮށް ދިވެހި ޒުވާން އަންހެން ކުދިން ލުސިފަރއަށް މަރުދޭތަން އާދެއެވެ. ލުސިފަރގެ ފޭނުންނަށް ވުމުގެ އިތުރުން އޭނާގެ ފޮޓޯ ކޮޓަރީގައާއި ގެންގުޅޭ ލެޕްޓޮޕާއި ޑެސްކްޓޮޕާއި ނަން ހުސްކޮށް ހުރިހާތަނަކަށް ލާފައި ހުރެއެވެ. އެކަމަކު މިއީ އަގީދާއާއި ގުޅޭ އަދި އެހެން ދީނެއް ފެތުރުމުގައި ކުރެވޭ ކަމެއް ވެސް ނޫނެވެ.
މިހެން މިހެން ގޮސް މާވެލް ސީރީސްގައި ދައްކާ ކެރެކްޓާތަކުގެ ވާހަކަ ވެސް ހިމަނާލުން މުހިންމުކަމަށް ދެކެމެވެ. ބައެއް ކެރެކްޓާތަކަށް ލިބިފައިވާ ސުޕަރ ޕަވަރއަށް ބަލާއިރު އެއީ އިންސާނަކަށް ލިބިގެން ނުވާނެ ބާރުތަކެއް ކަން ކަށަވަރެވެ. ނަމަވެސް އެއީ ވަކި ގައުމަކުން އުފައްދާ އެއްޗަކަށް ވީތީ އެ މައްސަލައަކަށް ވެސް ނުވެއެވެ. އެ ބަލާއިރު ހުރިހާ ބާރުތަކެއް ވަނީ ވަކި ފަރާތެއްގައިކަމާއި އިންސީންނަށް އެފަދަ ބާރުތަކެއް ދެއްވާފައި ނުވާކަން ހަނދުމަވާ އެއްވެސް މީހަކު ނުހުރެއެވެ.
މީގެ އިތުރުން ވެސް އެކި އެކި ދީންތަކުގެ މީހުން ޖަހާ ދީނީ ޝިއާރުތައް ހިމެނޭ ލަވަތަކާއި އަންބާތައް ވެސް ޕާޓީތަކާއި ޑީޖޭތަކުގައި ޖެހުމުގައި މައްސަލައެއް ނެތެވެ. އެއީ ޕާޓީތަކާއި ޑީޖޭތަކަށް ވަންނަ އިރު ޒަމީރާއި އަގީދާ ވެސް އަންނަނީ ގޭގައި ބާއްވާފައިކަމަށް ވުމުންނެވެ.
ޗޯޓާ ބީމްގެ ވާހަކަ މިހާ ވައިގައި ހިއްޕާލީ އެއީ ހިންދީ ކާޓޫނަކަށަ ވީމައެއް ނޫނެވެ. މިކަމުގައި އެހެން ކަންތައްގަނޑެއް ވެސް ހިމެނެއެވެ. މިއީ ބަޔަކު ނުރުހޭ ގައުމެއްގައި އުފައްދާ އެއްޗަކަށް ވުމުން ވެސް މިހާ ކަންތައް ބޮޑުވީ ކަމަށް ވެދާނެއެވެ.