ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް, ސެޕްޓެމްބަރ މަހުން ފެށިގެން އޮފީހަށް ނުކުމެވޭނީ ޕީސީއާރް ނެގެޓިވް ނަތީޖާއެއް ހިފައިގެން ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެފިއެވެ.
ސިވިލް ސަރވިސްކޮމިޝަނުން ނެރުނު, "ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކުރާ ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއަށް ނުކުތުމުގައި އަމަލުކުރަންވީ ގޮތާ ބެހޭ ސާކިއުލާ"ގައި ބުނެފައިވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަންބަރުގެ ދަށުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ އިޢުލާނުގެ 5 ވަނަ ނަންބަރުގެ ދަށުން، ކޮވިޑް-19 އިން ރައްކާތެރިވުމަށް، ސިވިލް ސަރވިސްގެ މުވައްޒަފުގެ ތެރެއިން ވެކްސިން ޖެހުމުގެ ޝަރުތު ފުރިހަމަވާ މުވައްޒަފުން ވެކްސިން ޖެހުމަށާއި، އަދި ޝަރުތު ފުރިހަމަވާ މުވައްޒަފުންގެ ތެރެއިން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައި ނުވާ މުވައްޒަފުން، ސެޕްޓެމްބަރ 1ން ފެށިގެން ވަޒީފާއަށް ނިކުންނަން ވާނީ ޕީސީއާރް ޓެސްޓު ހަދައިގެން ކަމަށެވެ. މިގޮތުން ކޮންމެ 14 ދުވަހަކުން ޕީސީއާރް ޓެސްޓު ހަދައިގެން ވަޒީފާއަށް ނުކުތުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާފައިވާ ކަމަށެވެ.
އެހެންކަމުން ސެޕްޓެމްބަރ 1 ވަނަ ދުވަހުން ފެށިގެން, ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން ވެކްސިން ޖެހުމަށް ޝަރުތު ފުރިހަމަވެ ވެކްސިން ޖަހާފައި ނުވާ މުވައްޒަފުން، އެގޮތުގެ މަތިން އަމަލުކުރުމަށާއި، އަދި މުވައްޒަފުން އެ ގޮތުގެ މަތިން އަމަލުކުރާކަން ސިވިލް ސަރވިސްގެ އިދާރާތަކުން ކަށަވަރުކުރަމުން ގެންދިއުމަށް ވަނީ އަންގާފައެވެ.
މިނިވަން ދުވަހު ގައުމާ މުޚާޠަބު ކުރައްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްކެވި ވާހަކަފުޅުގައި ވަނީ, ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން ވެކްސިން ޖަހާ އުމުރުގެ 90 އިންސައްތަ މީހުންނަށް، މި އޮގަސްޓް މަހުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމުން ކަމަށް ވިދާޅުވެފައެވެ.
އަމާޒަކީ ޕްރޮގްރާމްގެ ތެރެއިން، ރާއްޖޭގެ އެންމެންނަށް ވެކްސިން ޖަހައި ނިންމުން ކަމަށާއި، މިއީ ދުނިޔޭގެ މަދު ގައުމަކަށް ނޫނީ މިވަގުތު ލިބިފައި ނެތް، ވަރަށް މަތިވެރި ނަސީބެއް ކަން ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މިހާރު ވެކްސިން ނުޖަހައި ތިބި އެންމެންނަށް ދެ ޑޯޒް ފުރިހަމަކުރެވޭ ވަރަށް ރާއްޖެއަށް މިހާރު ވެކްސިން ގެނެވިފައިވާ ކަމަށާއި، މި ފުރުސަތުގެ ބޭނުން ހިފައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެއްވުމަށް ރައްޔިތުންނަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.
ވެކްސިން ފުރިހަމަ ނުކުރާ މީހުން ޚިދުމަތް ހޯދުމުގައި ދަތިތަކެއް ދިމާވާ ގޮތަށް ބައެއް ބަދަލުތައް ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ކެފޭ ރެސްޓޯރެންޓްތަކުން ޚިދުމަތް ހޯދުމުގައާއި އެތެރޭގެ އުދުހުންތަކުގައި ވެސް ދަތުރުފަތުރު ކުރުމުގައި ހުރަސްތައް ދިމާވާނެއެވެ.