ކ. މާލެ
|
11 އޯގަސްޓް 2021 | ބުދަ 13:12
ސަފީރު ކެއިކޯ ޔަނާއީއާ ނައިބު ރައީސް ބައްދަލުކުރެއްވުން
ސަފީރު ކެއިކޯ ޔަނާއީއާ ނައިބު ރައީސް ބައްދަލުކުރެއްވުން
ރައީސް އޮފީސް
ނައިބު ރައީސް
ޖަޕާނު ސަރުކާރުގެ އެހީތެރިކަމުގައި ހިންގާ މަޝްރޫޢުތަކުގެ އެދެވޭ ނަތީޖާ މުޖުތަމަޢަށް ނުހަނު ބޮޑަށް ކުރޭ: ނައިބު ރައީސް
 
ޖަޕާނު ސަރުކާރުން އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިވަމުންދާ ކަމަށް ނައިބު ރައީސް ވިދާޅުވި

ޖަޕާނު ސަރުކާރުގެ އެހީތެރިކަމުގައި ހިންގާ މަޝްރޫޢުތަކުގެ އެދެވޭ ނަތީޖާ މުޖުތަމަޢަށް ނުހަނު ބޮޑަށް ކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ރައީސް އޮފީހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވަނީ ޖަޕާނު ސަރުކާރުން އެކި ދާއިރާތަކުން ރާއްޖެއަށް ވެދެއްވަމުންދާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކޮށް، ޖަޕާނުގެ ޒަމާންވީ އެހީތެރިކަން މާލޭގެ ބޭރުތޮއްޓަށް ނުވަތަ ރާއްޖޭގެ އެކި އެކި ސްކޫލްތަކާއި ޞިއްޙީ މަރުކަޒުތަކަށް ބަލައިލިކަމުގައިވިޔަސް މިހާރުވެސް ފެންނަމުންދާ ކަމުގައި ވިދާޅުވެފައެވެ. އަދި، އެމަނިކުފާނު ވަނީ މީހުން ބިނާކުރުމާއި، ޚާއްޞަކޮށް ޒުވާނުންގެ ޤާބިލުކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މުހިންމު އެއް ރިޔާސީ ވަޢުދުފުޅުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިގޮތުގައި ޖަޕާނު ސަރުކާރުގެ އެހީތެރިކަމުގައި ހިންގާ މަޝްރޫޢުތަކުގެ އެދެވޭ ނަތީޖާ މުޖުތަމަޢަށް ނުހަނު ބޮޑަށް ކުރެއެވެ.

މި ބައްދަލު ކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޖަޕާނާ ދޭތެރޭ ޤާއިމުވެފައިވާ ޒަމާންވީ ރަޙްމަތްތެރި ގުޅުމުގެ މައްޗަށް ދެ ބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ޖަޕާނު ސަފީރު ވަނީ ވެކްސިން ހަދިޔާކުރުމުން ފެށިގެން ބޮޑެތި އެކި މަޝްރޫޢުތައް ހިމެނޭހެން އެކި ދާއިރާތަކުން ޖަޕާނު ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަމަށް ބައްލަވާލައްވާފައެވެ. މީގެ އިތުރުން ޖަޕާނުގެ ސަފީރު ވަނީ ކުރިޔަށް އޮތް އަހަރުގެ ތެރޭގައި ޖަޕާނު ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގުމަށް ރާވާފައިވާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ވެސް ހިއްސާކުރައްވާފައެވެ. މިގޮތުން، ދެބޭފުޅުން ވަނީ ސީ އެމްބިއުލާނސް ހޯދުމާއި، ކުނި ނައްތާލުމުގެ ދާއިރާއިން އަދި މީހުން ބިނާކުރުމުގެ ދާއިރާއިން މަޝްވަރާ ކުރައްވާފައެވެ. ޖަޕާނަކީ، އަބަދުވެސް ރާއްޖޭގެ ތަރައްޤީގެ މުހިންމު ރޯލެއް އަދާކުރާ ބައިވެރިއެކެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ދެޤައުމުގެ ކޮވިޑް-19 ގެ އެންމެ ފަހުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކުރައްވައި، ވީހާ ވެސް އަވަހަކަށް މި ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި، ދެބޭފުޅުން ވަނީ ދެޤައުމުގެ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
100%
ކޮމެންޓް