ކ. މާލެ
|
11 އޯގަސްޓް 2021 | ބުދަ 00:05
ވިޔަފާރި ބަނދަރު
ވިޔަފާރި ބަނދަރު
މުހައްމަދު ޝަރުހާން
ވިޔަފާރި ބަނދަރުގައި އެކްސިޑެންޓެއް ހިނގުން
އެމްޕީއެލްގެ މުވައްޒަފެއް ކޮންޓެއިނަރެއްގެ މަތިން ވެއްޓި އަނިޔާވެއްޖެ
 
ވެއްޓުނު މީހާ ވަނީ ސޭފްޓީ ކަންތައްތައް ފުރިހަމަކޮށްފައި
 
ކޮންޓެއިނަރ މައްޗަށް ވެއްޓިިި ޖެހުނު ގޮތަކުން ކަނާއަތު އުޅަނބޮށި ނެއްޓިިފައިވޭ
 
މި ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ރޭ 9:30 ހާއިރު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފެއް ކޮންޓެއިނަރެއްގެ މަތިން ވެއްޓި އަނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ރޭ 9:30 ހާއިރުއެވެ.

އެމްޕީއެލްގެ ސްޕޯކްސްޕާސަން ދާނިޝް ވިދާޅުވީ މި ހާދިސާ ހިނގާފައި ވަނީ އެމީހާ ކޮންޓެއިނަރ ސްޕްރެޑަރއަށް އަރަން އުޅެނިކޮށް، ބޯޓު ރޯލު ކުރުމުން ސްޕްރެޑަރ އޭނާ ގައިގައި ޖެހި ކަހާލައިގެން ކަމަށެވެ. އަދި އޭނާ ވެއްޓުނީ ތިރީގައި ހުރި ކޮންޓެއިނަރ މައްޗަށް ކަމަށް ދާނިޝް ވިދާޅުވިއެވެ.

ލިބުނު އަނިޔާތަކާއި ބެހޭ ގޮތުން ދާނިޝް ވިދާޅުވީ އެމީހާ ވެއްޓިިި ޖެހުނު ގޮތަކުން ކަނާއަތު އުޅަނބޮށި ނެއްޓިިފައިވާ ކަމަށެވެ. 15 މިނެޓު ތެރޭގައި އެމްޕީއެލްގެ މެޑިކަލްސްއިން އެމީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައިވާކަން ފާހަގަކޮށް ދާނިޝް ވިދާޅުވީ, މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި ބޮލަށް އެއްވެސް ގެއްލުމެއް ވެފައިވޭތޯ ބެލުމަށް ސީޓީ ސްކޭނެއް ހަދަމުންދާ ކަމަށް ދާނިޝް ވިދާޅުވިއެވެ.

ހާދިސާ ހިނގިއިރު ވެސް މުވައްޒަފު ހުރީ އެމްޕީއެލް ބަނދަރު ސަރަހައްދުގައި އުޅެންޖެހޭ ސޭފްޓީ ކަންތައްތައް (ހެލްމެޓް،ސޭފްޓީ ޝޫޒް، ވެސްޓް) ފުރިހަމަކޮށްފައިކަން ދާނިޝް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން 28 ޖުލައި ވީ ބުދަ ދުވަހު, ހަރުގަނޑެއް ބޭނުންކޮށްގެން ކޮންޓެއިނަރުތަކެއްގެ މައްޗަށް އަރަން އުޅެނިކޮށް ވެއްޓި މަޖޫރީއަކަށް ވެސް އަނިޔާވެފައިވެއެވެ.

އެމްޕީއެލްގެ ވިޔަފާރި ބަނދަރުގައި މީގެ ކުރިން ނުރައްކާތެރި ބައެއް ހާދިސާތަކެއް ހިނގައި މުވައްޒަފުންނަށް ބޮޑެތި އަނިޔާތަކެއް ވެފައިވާތީ އެކުންފުނިން ބުނެފައިވަނީ، ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ އިސްކަމެއް ދީގެން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް