ކ. މާލެ
|
9 އޯގަސްޓް 2021 | ހޯމަ 12:38
މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދު
ހިޔާ ފްލެޓް
މި މަހުގެ 17 ގެ ފަހުން ހިޔާ ފްލެޓްތަކަށް ވަދެވޭނެ: އެޗްޑީސީ
 
ކުލި ނުދައްކާ މުއްދަތު ގުނަން ފަށާނީ އަންނަ ސެޕްޓެމްބަރު އެއްވަނަ ދުވަހުން ފެށިގެން
 
ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ކުލި ދައްކާކަށް ނުޖެހޭނެ
 
17 ވަނަ ދުވަހު ފްލެޓްތަކަށް ދާއިމީކޮށް ކަރަންޓު ގުޅަން ހުޅުވާލެވިގެންދާނެ

މި މަހުގެ 17 ގެ ފަހުން ހިޔާ ފްލެޓްތަކަށް ވަދެވޭނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި އާދިއްތަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދު ވިދާޅުވީ މި މަހުގެ 17 ވަނަ ދުވަހު ފްލެޓްތަކަށް ދާއިމީކޮށް ކަރަންޓު ގުޅަން ހުޅުވާލެވިގެންދާނެ ކަމަށެވެ.

ސުހައިލް ވިދާޅުވީ ފިނިޝިންގެ މަސައްކަތަށް ހޭދަވާ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ކުލި ދައްކާކަށް ނުޖެހޭނެ ކަމަށާއި ކުލި ނުދައްކާ މުއްދަތު ގުނަން ފަށާނީ އަންނަ ސެޕްޓެމްބަރު އެއްވަނަ ދުވަހުން ފެށިގެންނެވެ. ސުހައިލް ވިދާޅުވީ ފްލެޓަށް ބަދަލު ގެންނަން ބޭނުންވެގެން ބައެއް ފަރާތްތަކުން ހުށަހަޅަމުންދާ ކަމަށާއި އިމާރާތަކުގެ ސްޓްރަކްޗަރއަށް އެމީހުން ބޭނުންވާ ފަދަ ބަދަލުތައް ގެނައުމަކީ އެކަށީގެންވާ ކަމެއްތޯ ތިން ވަނަ ފަރާތެއް މެދުވެރިކޮށް ވެސް ބަލަމުންދާ ކަމަށެވެ. ސުހައިލް އިތުރަށް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ އިމާރާތުގެ ކޮލިޓީއާ މެދު ކަންބޮޑުވާން ޖެހޭފަދަ ކަމެއް ނުހުންނާނެ ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމުން, ހިޔާ ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރުން ހުއްޓުމަކަށް އައިސްފައިވީނަމަވެސް ހޮނިހިރު ދުވަހު އަލުން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެޗްޑީސީން ބުނީ މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ސޮއިކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރިނަމަވެސް، ތަނުގެ ފިނިޝިން މަސައްކަތަށް ދިނުމަށް ހަމަޖެހިފައިވާ 3 މަސް ދުވަހުގެ މުއްދަތު ގުނަން ފަށާނީ، ކަރަންޓުގެ މަސައްކަތް ނިމުމުން ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ތަނުގެ ތަޅުދަނޑި ވެރިމީހާއާ ހަވާލުކޮށް، ތަން ހަވާލުކުރި ކަމުގެ ލިޔުން ދެނީ ހިޔާ ފްލެޓް ސަރަހައްދުންނެވެ. އެއާއެކު ފްލެޓަށް ގެންނަން ބޭނުންވާ އިތުރު ބަދަލުތައް ގެނައުމަށް ޚާއްސަ ހުއްދައަށް އެދޭ ފޯމާއި، ފެން ގުޅުމުގެ މަސައްކަތް ވެސް އެ ސަރަހައްދުން ވަގުތުން ފުރިހަމަ ކޮށްދެއެވެ. ތަނުގެ ވެރިމީހާގެ ހާޒިރުގައި ފެން ގުޅައިދިނުމުގެ މަސައްކަތް ވެސް އަންނަނީ ވަގުތުން ކޮށްދެމުންނެވެ.

ހުޅުމާލޭ ދެވަނަ ފޭސްގައި އަޅާފައިވާ ހިޔާ ފްލެޓްތަކަށް ފްލެޓުގެ މެނޭޖްމަންޓު ފީއާއެކު ދައްކަން ޖެހެނީ މަހަކު 8،500 ރުފިޔާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެޗްޑީސީން ބުނީ ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސް ކުރަން ޖެހޭނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
67%
33%
0%
0%
0%
0%
ކޮމެންޓް